Roadha Mihaaru
އެމްޓީސީސީ އަށް 928 މިލިއަން ރުފިޔާގެ މަޝްރޫއު ދީފި

ނުވަ މަޝްރޫއެއް 928 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި

10 ނޮވެމްބަރ 2020

ބިން ހިއްކުމާއި ބަނދަރު ހެދުމުގެ ނުވަ މަޝްރޫއެއް 928 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ބިން ހިއްކުމާއި ބަނދަރު ހެދުމުގެ ނުވަ މަޝްރޫއެއް 928 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި، އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. ނެޝަނަލް ޕްލޭނިން، ހައުސިން އަދި އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. މި ނުވަ މަޝްރޫއުގެ ޖުމްލަ އަގު 928،426،941 ރުފިޔާ އަށް އަރަ އެވެ.

މި ރަސްމިއްޔާތުގައި ފަރެސްމާތޮޑާގެ އެއާޕޯޓު ހެދުމުގެ މަޝްރޫއު ވެސް އެމްޓީސީސީއާ ހަވާލުކުރި އެވެ. މި ހުރިހާ މަޝްރޫއެއްގެ އަގު އެއް ބިލިއަން ރުފިޔާ އަށް ވުރެ ބޮޑެވެ.

އެމްޓީސީސީއާ މިއަދު ހަވާލުކުރި މަޝްރޫއުތައް

- ހއ. އިހަވަންދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން (123،960،847.77 ރުފިޔާ)

- ރ. ދުވާފަރު ބިން ހިއްކުން (143،111،776.60 ރުފިޔާ)

- ޅ. ހިންނަވަރު ބަނދަރު އަޕްގްރޭޑްކުރުން (99،521،070.22 ރުފިޔާ)

- އއ. އުކުޅަސް ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން (71،250،813.38 ރުފިޔާ)

- އއ. އުކުޅަސް ބަންދަރު އަޕްގްރޭޑްކުރުން (19،925،160.24 ރުފިޔާ)

- އއ. މާޅޮސް ބަނދަރު އަޕްގްރޭޑްކުރުން (56،970،122.62 ރުފިޔާ)

- މ. ދިއްގަރު ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން (121،846،540.96 ރުފިޔާ)

- ތ. ހިރިލަންދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން (105،194،514.48 ރުފިޔާ)

- ގއ. ދާންދޫ ބިން ހިއްކުން (186،646،090.34 ރުފިޔާ)

ބިންހިއްކުމުގެ މަޝްރޫއުތައް ފުރިހަމަކުރަން އެމްޓީސީސީއަށް ދީފައި ވަނީ ގާތް ގަނޑަކަށް އެއް އަހަރުގެ މުއްދަތެކެވެ.

އެންމެ ކުރު މުއްދަތެއް ދީފައި ވަނީ އުކުޅަހުގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތަށެވެ. އެ މަސައްކަތް ފުރިހަމަކުރަން ދީފައި ވަނީ ތިން މަސް ދުވަހެވެ.

ބިން ހިއްކުމުގެ މަސައްކަތްތައްކުރާނީ އެމްޓީސީސީގެ މަހާޖައްރާފު ބޭނުންކޮށްގެން ކަމަށް ވާތީ އެއް މަޝްރޫއު ނިމޭ އިރަށް އަނެއް މަޝްރޫއު ވަގުތުން ފަށާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އާޒިމް ވިދާޅުވި އެވެ. އެންމެ ދުވަހަކު އެ ބޭނުން ނުކޮށް ބޭއްވިޔަސް އެތައް ފައިސާއެއް ބޭކާރުވާ ކަމަށާއި އެ ބޭނުން ކުރެވޭނެ ގިނަ މަޝްރޫތަކެއް އެމްޓީސީސީ ހަވާލުކުރުމުން ނެޝަނަލް ޕްލޭނިން މިނިސްޓްރީއަށް އޭނާ ޝުކުރުއަދާ ކުރެއްވި އެވެ.

މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ޝާނާ ވިދާޅުވީ މި ހުރިހާ މަޝްރޫއަކަށް ފައިސާ ދައްކަން ހަމަޖެހިފައި ވަނީ ދިގު މުއްދަތަކަށް ބަހާލައިގެން ކަމަށެވެ.

"ކުރިއަށް މި އޮތް ހަތަރު އަހަރުގެ ތެރޭގައި އަޅުގަނޑުމެން ކޮންމެ އަހަރަކު ވެސް ވަކި ސީލިންގް އަދަދެއް ކަނޑައެޅިފައި އިންނާނެ ހުރިހާ މަޝްރޫއުތަކަކަށް ޖުމްލަކޮށް އަޅުގަނޑުމެން ދައްކަން ޖެހޭނެ،" ޝާނާ ވިދާޅުވި އެވެ.

އެ ހުރިހާ މަޝްރޫއުތަކަށް އަހަރަކު ގާތްގަނޑަކަށް 330 މިލިއަން ރުފިޔާ ހޭދަކުރާނެ އެވެ.