Roadha Mihaaru
ގުރައިދޫ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

ގުރައިދޫ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

23 އޯގަސްޓް 2020

ކ. ގުރައިދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކ. ގުރައިދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފި އެވެ.

ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގައި 644,000 އަކަމީޓަރުގެ ސަރަހައްދުގެ ފަޅު ފުންކޮށް، 15 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އަދި 1،200 މީޓަރު ސަރަހައްދެއްގައި ބޮޑުގަލުގެ ރިވެޓްމެންޓެއް ޖަހާނެ އެވެ.

ބިން ހިއްކުމުގެ އިތުރުން މި މަޝްރޫއުގެ ދަށުން ޕިކްނިކް އައިލެންޑެއް ވެސް އެ ރަށުގައި ގާއިމްކުރާނެ އެވެ. މުޅި ޕްރޮޖެކްޓަށް 80 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީން ލަފާކުރެ އެވެ.

އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް މިއަދު ވިދާޅުވީ، ގުރައިދޫގެ ބިން ހިއްކުމުގެ މަސައްކަތް އަންނަ މަހަށް ނިންމައިލެވޭނެ ކަމަށެވެ. ނަމަވެސް މުޅި މަޝްރޫއު އެއްކޮށް ނިމޭނީ އަންނަ އަހަރު އޭޕްރިލް މަހު ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އުއްމީދު މި ކުރަނީ ބިން ހިއްކުމުގެ މަސައްކަތް ސެޕްޓެމްބަރު 18 އަށް ނިންމާލެވޭނެ ކަމަށް. ގާތްގަނޑަކަށް މި ހިއްކެނީ ކޮންމެ ދެ ދުވަހަކުން ހެކްޓަރެއް. އެހެންވީމާ ފުދޭވަރަކަށް ބާރުމިނުގައި މި މަސައްކަތް ކުރިއަށް މިދަނީ،" އާޒިމް ވިދާޅުވި އެވެ.

ގުރައިދޫ ބިން ހިއްކުމަށް މަހާ ޖައްރާފު ބޭނުން ކުރަނީ-- ފޮޓޯ: މިހާރު

ގުރައިދޫ ބިން ހިއްކުމަށް މަހާ ޖައްރާފު ބޭނުން ކުރަނީ-- ފޮޓޯ: މިހާރު

ގުރައިދޫގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ކުރަމުން އަންނަނީ މަހާޖައްރާފު ބޭނުންކޮށްގެންނެވެ. އެހެންކަމުން ބިން ހިއްކުމުގެ މަސައްކަތް އެހެން ރަށްތަކަށް ވުރެ އަވަހަށް ނިމޭނެ އެވެ.

ކޮވިޑް-19އާ ގުޅިގެން އެމްޓީސީސީގެ ބައެއް މަސައްކަތްތައް ކުޑަ ދުވަސްކޮޅަކަށް ހުއްޓިފައި އޮތަސް މިހާރު ވަނީ އަލުން ފަށައިފަ އެވެ. އާޒިމް ވިދާޅުވިގޮތުގައި، ކޮވިޑާ ގުޅިގެން މިފަދަ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ދަތިތަކެއް ހުއްޓަސް ހަވާލުކޮށްފައިވާ ތާރީޚަށް ނިންމަން މަސައްކަތް ކުރާނެ އެވެ.

"އަޅުގަނޑުމެންގެ ބާރުގައި ހުރި ކަމެެއް ވެއްޖެއްޔާ ކުރަމުން މިދަނީ. އަޅުގަނޑުމެން ބާރުގައި ނެތް ކަންތައްތައް އެބަހުރި. މިސާލަކަށް ބޭރު ގައުމުތަކުން ސަޕްލައި ލިބުން ދަތިކަން އެބައުޅޭ. މި ކަންތައް ވެސް މަޑުމަޑުން މިދަނީ ރަނގަޅު ވަމުން،" އާޒިމް ވިދާޅުވި އެވެ.