Roadha Mihaaru
ފަރެސްމާތޮޑާ އެއާޕޯޓް ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

ފަރެސްމާތޮޑާ އެއާޕޯޓް ހަދަން 144 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި

10 ނޮވެމްބަރ 2020

ގދ. ފަރެސްމާތޮޑާ އެއާޕޯޓު ހަދަން 144 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ގދ. ފަރެސްމާތޮޑާ އެއާޕޯޓު ހަދަން 144 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި، ނެޝަނަލް ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގެ ފަރާތުން މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއު ދޮޅު އަހަރުން ނިންމަން 144،833،139ރ. ހޭދަކުރާނެ އެވެ.

މި ރަސްމިއްޔާތުގައި އާޒިމް ވިދާޅުވީ، ހއ. ހޯރަފުށި އެއާޕޯޓު ހެދުމުގެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފައި ކަމަށެވެ. އެހެންވެ، ވަރަށް އަވަހަށް ފަރެސްމާތޮޑާގެ އެއާޕޯޓް މަސައްކަތް ފަށާނެ ކަމަށް ވިދާޅުވި އެވެ.

"ހޯރަފުށީ އެއާޕޯޓު މަސައްކަތް މިދަނީ އެއްކޮށް ހަމަ ނިމެމުން، އެހެންވީމާ އަޅުގަނޑުމެންގެ އެއާ ޕޯޓު މަސައްކަތް ކުރަމުންދާ ޓީމު ވަރަށް އަވަހަށް ފަރެސްމާތޮޑާއަށް މޯބަލައިޒް ވެގެން ދާނެ،" އާޒިމް ވިދާޅުވި އެވެ.

ފަރެސްމާތޮޑާގެ އެއާޕޯޓަށް ހިއްކާފައިވާ ބިމުގައި 1،200 މީޓަރުގެ ރަންވޭއެއް އަޅާނެ އެވެ. ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ޝާނާ ވިދާޅުވީ އެމްޓީސީސީއާ ހަވާލުކުރި މަސައްކަތުގައި އެއާޕޯޓުގެ ޓާމިނަލް ބިލްޑިން އެޅުން ވެސް ހިމެނޭ ކަމަށެވެ.

މި މަޝްރޫއަށް ފައިސާ ދައްކާނީ ދިގު މުއްދަތަކަށް ބަހާލައިގެން ކަމަށް ވެސް ޝާނާ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ހަ ރަށެއްގެ ބިން ހިއްކުމުގެ މަޝްރޫއު އާއި އިތުރު ތިން ރަށެއްގެ ބަނދަރު ހެދުމުގެ މަޝްރޫއު ވެސް އެމްޓީސީސީއާ ހަވާލުކުރި އެވެ.