Roadha Mihaaru
ފަސޭހައިން ރެސިޑެންޓް ވިސާ ލިބޭ އިސްލާހު ފާސްކޮށްފި

ފަސޭހައިން ރެސިޑެންޓް ވިސާ ލިބޭ އިސްލާހު ފާސްކޮށްފި

09 ނޮވެމްބަރ 2020

ރާއްޖޭގައި 250،000 ޑޮލަރު އިންވެސްޓްކުރާ ބިދޭސީންނަށް ރެސިޑެންޓް ވިސާ ލިބޭ ގޮތަށް އިމިގްރޭޝަން ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގައި 250،000 ޑޮލަރު އިންވެސްޓްކުރާ ބިދޭސީންނަށް ރެސިޑެންޓް ވިސާ ލިބޭ ގޮތަށް އިމިގްރޭޝަން ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އިމިގްރޭޝަން ގާނޫނަށް ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެެމްބަރު އަބްދުލް މުޣުނީ ހުށަހަޅުއްވާފައިވާ އިސްލާހު ދިރާސާކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން އެކުލަވައިލި ރިޕޯޓް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ 52 މެމްބަރުންގެ ވޯޓުންނެވެ. ރިޕޯޓް ފާސްކުރުމާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ. ވަކިކޮޅަކަށް ވޯޓް ނުދެއްވާ ތިން މެމްބަރަކު ތިއްބެވި އެވެ.

ކޯޕަރޭޓް ރެސިޑެންޓް ވިސާ އަކީ މިއަދު ފާސްކުރި އިސްލާހުގައިވާ ގޮތުން، ރެޖިސްޓްރާ އޮފް ބިޒްނަސަސް ކަނޑައަޅާ ގޮތެއްގެ މަތިން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކުގެ ހިއްސާދާރުން، ޑިރެކްޓަރުން ނުވަތަ ޕާޓްނަރުންނާއި އެ މީހުންގެ އާއިލާތައް ރާއްޖޭގައި ދިގުމުއްދަތަކަށް ތިބެން ދޫކުރާ ހުއްދައެކެވެ. އެއީ ވަޒީފާ އަދާކުރާ ބައެއްގެ ގޮތުގައި ނޫން ގޮތަކަށް އެފަރާތްތައް ރާއްޖޭގައި ތިބުމަށް ދޭ ހުއްދައެއް ކަމަށް ވެސް ރިޕޯޓްގައި މާނަކޮށްފައިވެ އެވެ.

އިމިގްރޭޝަން ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ކޮމިޓީން ދިރާސާކޮށް އެކުލަވައިލި ރިޕޯޓްގައިވާ ގޮތުން ކޯޕަރޭޓް ރެސިޑެންޓް ވިސާ ދެ ގޮތަކަށް ދޫކުރާނެ އެވެ. އެއް ގޮތަކީ 250،00 ޑޮލަރު ރާއްޖޭގައި އިންވެސްޓްކުރުމެވެ. ދެވަނަ ގޮތަކީ އެ އަދަދުގެ ފައިސާ ރާއްޖޭގެ ބޭންކެއްގައި ފަސް އަހަރު ދުވަހަށް ފިކްސްޑް ޑިޕޮޒިޓް އެކައުންޓެއްގައި ބެހެއްޓުމެވެ.

ކޯޕަރޭޓް ރެެސިޑެންޓް ވިސާ އެގޮތަށް ދޫކުރަން އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ދެކޮޅެވެ. އެ ރިޕޯޓަށް ވޯޓް ނުދެއްވި މެމްބަރުންގެ ތެރެއިން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) މިއަދު "މިހާރު" އަށް ވިދާޅުވީ ފޮރިން އިންވެސްޓްމަންޓަކީ ހަމަ އެކަނި ރާއްޖެ އަށް ފައިސާކޮޅެއް ގެނެސް ބެހެއްޓުން ނޫން ކަމަށާއި ދިވެހިންނަށް އެ ފައިސާ އިން މަންފާކުރާ ގޮތަކަށް އިންވެސްޓްކުރުން ކަމަށެވެ.

"ލާރީގެ އިތުރުން ދިވެހިން ހުނަރުވެރިކޮށް، ތަން ތަހުޒީބުކޮށް ދިވެހިންގެ އުފެއްދުންތެރިކަން އިތުރުކޮށް ދިވެހިންގެ ޖީބަށް ލާރި ލައިދިނުން ހަގީގަތުގައި އިންވެސްޓްކުރުމަކީ،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އޭނާ ވިދާޅުވި ގޮތުގައި 250،000 ޑޮލަރަށް ފްލެޓެއް ވިއްކައިލުމަކުން އެކަން ހާސިލެއް ނުވެ އެވެ.

މިއަދު ފާސްކުރި ރިޕޯޓްގައިވާ ގޮތުގައި އިމިގްރޭޝަން ގާނޫނަށް ގެނައި އިސްލާހުތައް ފާސްކުރާތާ 14 ދުވަހުގެ ތެރޭގައި ކަމާ ބެހޭ ގަވައިދުތައް ދައުލަތުގެ އިދާރާތަކުން ހަދަން ޖެހެ އެވެ. މިހާރު އަމަލުކުރަމުން އަންނަ ގަވައިދުގައިވާ ގޮތުން ރާއްޖޭން ރެސިޑެންޓް ވިސާ ދޫކުރަނީ މަދުވެގެން 50 މިލިއަން ޑޮލަރު އިންވެސްޓްކުރާ މީހުންނަށެވެ.

އިމިގްރޭޝަން ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ކޮމިޓީން ދިރާސާކޮށް ހިމެނި އެހެން ކަންތައްތަކުގެ ތެރޭގައި ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ މީހުންނަށް މެރިޖް ވިސާ ދޫކުރުން ހިމެނެ އެެވެ. އެއީ ވެސް ކޮންމެ ފަސް އަހަރަކުން އާކުރާ ގޮތަށް ދޫކުރާ ވިސާއެކެވެ.

ބިދޭސީންނަށް ދިގުމުއްދަތުގެ ވިސާ ފަސޭހައިން ލިބޭ ގޮތަށް ގާނޫނު އިސްލާހުކުރަން ފާސްކުރި އިރު، އެކަމާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ހޫނު ބަހުސްތަކެއް ކުރި އެވެ. ނަމަވެސް ކޮމިޓީ ރިޕޯޓްގައިވާ ބަދަލުތަކާ އެކު ބިލް މިއަދު ފާސްކުރި އިރު ބިލާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ. ވަކިކޮޅަކަށް ވޯޓް ނުދެއްވާ ތިއްބެވީ ކެންދޫ ދާއިރާގެ ޖޭޕީ މެމްބަރު އަލީ ހުސައިނާއި ވިލިނގިލި ދާއިރާގެ އަމިއްލަ މެމްބަރު ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ އަމިއްލަ މެމްބަރު އިބްރާހީމް ނަސީމެވެ. ބޮންޑޭ ވޯޓުގައި ބައިވެރިވަޑައެއް ނުގަންނަވަ އެވެ.