Roadha Mihaaru
އިންތިހާބާ ދިމާކޮށް މިގޮތަށް ނުފޫޒު ފޯރުވިދާނެތަ؟

އިންތިހާބާ ދިމާކޮށް ސަރުކާރަށް މިގޮތަށް ނުފޫޒު ފޯރުވިދާނެތަ؟

13 ޖެނުއަރީ 2022

އިންތިހާބުތަކާ ދިމާކޮށް، އޭރަކު އޮންނަ ސަރުކާރަކުން ކުއްލި މަޝްރޫއުތައް ފެށުމަކީ އާންމު ކަމެކެވެ. ހާއްސަކޮށް ބައި އިލެކްޝަންތަކުގައި އެކަން އޮންނަނީ ހައްދުން ނައްޓައިފަ އެވެ. އެއީ، އިދިކޮޅުގައި އޮންނަ ޕާޓީތަކަށް ވަރަށް މީގެ ކުރިން ވެސް ވަރަށް ބޮޑު މައްސަލައެކެވެ. އެކަމަކު، އެ ޕާޓީ ވެރިކަމަށް އަތުވެއްޖެ ނަމަ އެކަން ހަނދާން ނެތެ އެވެ. އަންނަ މަހު އޮންނަ، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުން ވެސް މި ފެންނަނީ ހަމަ އެ މަންޒަރެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އިންތިހާބުތަކާ ދިމާކޮށް، އޭރަކު އޮންނަ ސަރުކާރަކުން ކުއްލި މަޝްރޫއުތައް ފެށުމަކީ އާންމު ކަމެކެވެ. ހާއްސަކޮށް ބައި އިލެކްޝަންތަކުގައި އެކަން އޮންނަނީ ހައްދުން ނައްޓައިފަ އެވެ. އެއީ، އިދިކޮޅުގައި އޮންނަ ޕާޓީތަކަށް ވަރަށް މީގެ ކުރިން ވެސް ވަރަށް ބޮޑު މައްސަލައެކެވެ. އެކަމަކު، އެ ޕާޓީ ވެރިކަމަށް އަތުވެއްޖެ ނަމަ އެކަން ހަނދާން ނެތެ އެވެ. އަންނަ މަހު އޮންނަ، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުން ވެސް މި ފެންނަނީ ހަމަ އެ މަންޒަރެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކެމްޕެއިނަށް ބަލާ ނަމަ، އެއީ އެމްޑީޕީން ކުރާ ކެމްޕެއިނެއްތޯ ނުވަތަ ސަރުކާރުގެ ކެމްޕެއިނެއްތޯ އޮޅޭ ވަރަށް ކަންތައް ހިނގައްޖެ އެވެ. އޭގެ ޝަކުވާ އިންތިހާ އަށް ގިނަވެއްޖެ އެވެ. ކުރިން ވެސް ގިނަ މަޝްރޫއުތަކެއް ފަށައިފައިވާ ކޮމަންޑޫ ދާއިރާގައި އެމްޑީޕީގެ ކެނޑިޑޭޓް ހޮވަން ބަޖެޓުގައި ވެސް ނެތް މަޝްރޫއު އުފަންކޮށް އެ ދާއިރާ ބޮޑެތި ހަރަދުތައް ކުރަން ފަށައިފި އެވެ!

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ކެމްޕެއިން ޕީޕީއެމް، އެމްއެންޕީ ފޯރިއާ އެކު ބާރުމިނެއްގައި ކުރިޔަށް ގެންދާއިރު، ގިނަ މީހުން ބުނާ ގޮތުން އެމްޑީޕީގެ ފަރާތުން ފެންނަނީ ޑޯޓުޑޯ ޖެއްސުމާއި ކެނޑިޑޭޓް ޕްރޮމޯޓް ކުރުމުގެ ބަދަލުގައި ސަރުކާރުގެ އެއްބާރުލުން އޮތް ކަން ދެއްކުމެވެ. އެހެން ޕާޓީތަކުން ކުރާ ކެމްޕެއިނަށް ހިޔަނި އެޅިފައި އޮންނަނީ ސަރުކާރުން ކުއްލިއަކަށް ދައުލަތުގެ ހަރަދުގައި އެ ދާއިރާ އަށް ކުރާ ދަތުރުތަކާއި ފަށައި، ރިބަން ކަނޑާ މަޝްރޫއުތަކުންނެވެ.

މިދިޔަ ހަފްތާ ތެރޭގައި އާ ޕަވާ ހައުސް ހުޅުވައި ބޭނުން ކުރަން ފެށި އެވެ. އެ ރަށުގައި 32 އަހަރު ވަންދެން ރައްޔިތުންނަށް އުނދަގުލަކަށް ވެފައި އޮތް ބާ އިންޖީނުގެ ކެމްޕެއިން ދުވަސްވަރަށް، ކައިރީގައި ކެނޑިޑޭޓު ވެސް ބަހައްޓައިގެން ނިއްވާލި އެވެ. އަދި މިހާރު ނިންމާފައި ވަނީ މަތި ކޮމަންޑޫގެ ފަޅުން ބޮޑު ބައެއް ހިއްކައި، ކޮމަންޑު އާ ދޭތެރޭ ކޯޒްވޭއެއް އަޅައި ދެ ރަށް ގުޅާލުމުގެ ބިޔަ މަޝްރޫއެއް ހިންގުމަށެވެ.

ބަޖެޓުގައި ވެސް ނުހިމެނޭ 250 މިލިއަން ރުފިޔާގެ މި މަޝްރޫއު، އިއްތިފާގުން ކެމްޕެއިން ދުވަސްވަރާ ދިމާވީތޯ އިދިކޮޅުން ސުވާލު ކުރެ އެވެ. އަދި މިއީ، އެމްޑީޕީގެ ކެނޑިޑޭޓު ހޮވަން ރައްޔިތުންގެ ފައިސާ އެއް ދާއިރާ އަކަށް ބަންޑުން ކޮށްލުން ނޫންތޯ ވެސް އިދިކޮޅުން ސުވާލު ކުރެ އެވެ.

ށ. ކޮމަންޑޫ އާއި އެ ރަށާ އެއް ފަޅެއްގެ ތެރޭގައި އޮންނަ މަތި ކޮމަންޑޫ ގުޅުވާލުމަށް ކައުންސިލުން ޕްލޭންކޮށްފައިވާ ގޮތް.-- މިހާރު ގްރެފިކްސް: އަލީ ނަހުޒާން

ށ. ކޮމަންޑޫ އާއި އެ ރަށާ އެއް ފަޅެއްގެ ތެރޭގައި އޮންނަ މަތި ކޮމަންޑޫ ގުޅުވާލުމަށް ކައުންސިލުން ޕްލޭންކޮށްފައިވާ ގޮތް.-- މިހާރު ގްރެފިކްސް: އަލީ ނަހުޒާން

ސަރުކާރުން ބަޖެޓު ނުކޮށް، އެ މަޝްރޫއު ހިންގުމުގެ ކުރިން ކުރަން ޖެހޭ މަސައްކަތް ނުކޮށް، ކުއްލިއަކަށް މިފަދަ ޕްރޮޖެކްޓެއް އިންތިހާބެއްގެ ތެރޭގައި އަދި ކެމްޕެއިން ޖަލްސާއެއްގައި އިއުލާން ކުރުމަކީ ކޮރަޕްޝަންގެ އަމަލެއް. -- ޓްރާންސްޕޭރެންސީ

"ސަރުކާރުން ބަޖެޓު ނުކޮށް، އެ މަޝްރޫއު ހިންގުމުގެ ކުރިން ކުރަން ޖެހޭ މަސައްކަތް ނުކޮށް، ކުއްލިއަކަށް މިފަދަ ޕްރޮޖެކްޓެއް އިންތިހާބެއްގެ ތެރޭގައި އަދި ކެމްޕެއިން ޖަލްސާއެއްގައި އިއުލާން ކުރުމަކީ ކޮރަޕްޝަންގެ އަމަލެއް. އަދި އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރެވޭ ކަމެއް،" ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ކޮމިއުނިކޭޝަންސް އެންޑް އެޑްވޮކަސީ މެނޭޖާ ސާރާ ނަސީމް "މިހާރު" އަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން މިގޮތަށް ކަންތައް ކުރުމުން ކޮރަޕްޝަންގެ އިތުރު އަމަލުތަކަށް މަގުފަހިވެ ގިނަ މައްސަލަތަކެއް ކުރިމަތިވާނެ އެވެ. ޕްރޮކިއުމަންޓް ޕްރޮސެސްއާ އެއްގޮތަށް އަމަލު ނުކޮށް އަވަސް އަރުވާލައިގެން މަޝްރޫއު ކުރިއަށް ގެންދިޔުމުގެ ނަތީޖާއަކަށް، މަޝްރޫއުގެ ފެންވަރު ދަަށްވުމާއި ކޮންޓްރެކްޓް އުވާލުމާއި ބަދަލު ދޭން ޖެހުން ފަދަ މައްސަލަތައް ދިމާވުމުގެ ފުރުސަތު އެބައޮތް ކަމަށް ސާރާ ވިދާޅުވި އެވެ.

މަޝްރޫއުގެ ތެރެއިން ބޮޑު ފަޅެއް ހިއްކަން ޖެހޭއިރު ތިމާވެއްޓަށް އޭގެ ސަބަބުން ކުރާނެ އަސަރު ދެނެގަތުމަށް ހަދާ އީއައިއޭ ރިޕޯޓް ނުހަދައި އާންމުންގެ ހިޔާލާ މަޝްވަރާ ހޯދާފައި ނެތުމުގެ ސަބަބުން އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުން ލިބި، އެކަމުގެ ތަކުލީފް ރައްޔިތުން އަބަދަށް އުފުލަން ޖެހިދާނެ ކަމަށް ވެސް ސާރާ ވިދާޅުވި އެވެ.

އެފަދަ ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ރައްޔިތުން އިންތިހާބުތަކަށް ކުރާ އިތުބާރު ކުޑަވެ، ވޯޓަށް ނުފޫޒު ފޯރުވޭނެ ކަމަށް ވެސް ސާރާ ވިދާޅުވި އެވެ.

މި މައްސަލާގައި ޓްރާންސްޕޭރަންސީއާ އެއް ރާގަކަށް، އެއް ބާރުމިނެއްގައި މީގެ ކުރިން އެންމެ ގަދައަށް އަޑު އުފުލަމުން ދިޔައީ ވެސް އެމްޑީޕީންނެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އިންތިހާބާ ދިމާކޮށް ރަށްރަށަށް އަރައި ކަޑަ ޖަހާ ވާހަކަ ތަކުރާރުކޮށް ދެއްކި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް ރަށްރަށުގައި މަޝްރޫއު ފެށުމާއި ސޮއި ކުރުން "އިއްތިފާގުން" ރައްޔިތުން މަޖިލީހުގެ އިންތިހާބާ ދިމާވި މައްސަލައަކީ ސީދާ އިންތިހާބަށް އަތް ބާނަން ކުރައްވާ ކަމެއް ގޮތުގައި ސިފަ ކުރީ ވެސް އެމްޑީޕީންނެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިން އަށް އެމްޑީޕީގެ އިސް މެންބަރުންނާއި ބައެއް ވަޒީރުން އެ ދާއިރާ އަށް ކުރައްވާ ދަތުރުގެ ތެރެއިން--

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިން އަށް އެމްޑީޕީގެ އިސް މެންބަރުންނާއި ބައެއް ވަޒީރުން އެ ދާއިރާ އަށް ކުރައްވާ ދަތުރުގެ ތެރެއިން--

މިއީ އޭގެ ސަަބަބުން އިންތިހާބީ ނިޒާމަށް ނުރަނގަޅު އަސަރުކޮށް، ރައްޔިތުންގެ ވޯޓަށް ނުފޫޒު ފޯރުވައި، އިންތިހާބެއްގެ ހަމަހަމަކަން ނައްތާލުމަށް އެޅޭ ފިޔަވަޅެއް -- ޓްރާންސްޕޭރެެންސީ

"އެ ވަގުތެއްގައި ސަރުކާރުގައި ތިބޭ ބަޔަކު ސަރުކާރުގެ ވަސީލަތްތައް އިންތިހާބެއްގެ ދުވަސްވަރު އިންތިހާބަށް ނުފޫޒު ފޯރުވަން ބޭނުން ކުރުން އާންމުވެފައިވާއިރު، މިއީ އޭގެ ސަަބަބުން އިންތިހާބީ ނިޒާމަށް ނުރަނގަޅު އަސަރުކޮށް، ރައްޔިތުންގެ ވޯޓަށް ނުފޫޒު ފޯރުވައި، އިންތިހާބެއްގެ ހަމަހަމަކަން ނައްތާލުމަށް އެޅޭ ފިޔަވަޅެއް،" ސާރާ ވިދާޅުވި އެވެ.

ސަރުކާރުން މި އަހަރު ކޮމަންޑޫ އަށް ބަޖެޓު ކުރި މަސައްކަތްތައް:

- ބަނދަރު އަޕްގްރޭޑް ކުރުން

- ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުން

- ގޮނޑުދޮށް ހިމާޔަތްކުރުން

- ސްކޫލް އަޕްގްރޭޑްކުރުން

- މޫދަށް އެރޭ ސަރަހައްދު ހެދުން

- ހިއްކާފައިވާ ސަރަހައްދު ހިމާޔަތްކުރުން

ރައްޔިތުންގެ މަޖިލީހުން އެ އަހަރަކަށް ފާސް ކޮށްފައިވާ ބަޖެޓުގައި ނުހިމެނޭ ކަންކަން ކުރުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެކެވެ. ކެމްޕެއިން ކުރާއިރު އެފަދަ ކަންކަން ކުރާނެ ކަމަށް ވައުދުވުން ވެސް ކޮރަޕްޝަނަށް ވާއިރު ފައިސާ އާއި ނުސީދާކޮށް ވިޔަސް ނުފޫޒު ފޯރާ ފަދަ އަމަލުތައް ހިންގުމަކީ އިންތިހާބުތަކާ ބެހޭ ގާނޫނުތަކުން މަނާ ކޮށްފައިވާ ކަންކަމެވެ. ކައުންސިލާ މަޝްވަރާ ކުރިތާ ތިން ދުވަސް ތެރޭގައި ތިމާވެއްޓަށް ބެލުމެއް ނެތި، މުޅި ދައުލަތް އެކީ ގުޅިގެން މިފަދަ ކަންކަން ކުރުމަކީ ކޮންމެ ހަމަޔަކުން ބެލިޔަސް ގާނޫނުތަކާއި އުސޫލުތައް ފޫއަޅުވާލައިގެން ކުރާ ކަމެއް ކަން އޮތީ ފެންނާށެވެ.

އީސީގެ މެންބަރުން ކަނުބަނދެގެން!

މި މައްސަލަތަކާ ގުޅޭ ގޮތުން "މިހާރު" ނޫހުން އިއްޔެ އީސީ އާ ސުވާލު ކުރުމުން އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވި ގޮތުގައި ސަރުކާރުގެ މެނިފެސްޓޯގައި ހުރި ކަންކަން އެކި މަސް މަހަށް ބަހާލައިގެން ކުރިއަށް ގެންދެވިދާނެ އެވެ. އެއީ އީސީ އަށް ހުރަސް އެޅޭނެ ކަމެއް ނޫނެވެ. މެނިފެސްޓޯ އާއި ބަޖެޓުގައި ވެސް ނުހިމެނޭ ކަންކަން އިންތިހާބާ ދިމާކޮށް ފެއްޓުމަކީ ނުފޫޒު ފޯރުވުން ކަމަށް ބެލިދާނެ ކަމަށް ހަބީބު ވިދާޅުވި އެވެ.

އެކަމަކު މަތި ކޮމަންޑޫ ގުޅައިލުމުގެ މަޝްރޫއު ބަޖެޓުގައި ނެތް ކަމާއި އެގޮތަށް ނުފޫޒު ފޯރުވުން ހުއްޓުވަން ކުރަނީ ކޮން ކަމެއްތޯ "މިހާރު"ން ސުވާލު ކުރުމުން ހަބީބު ރާގު ބަދަލު ކުރައްވައި ވިދާޅުވީ ބައެއް ފަހަރު ބަޖެޓުގައި ޖަހާފައި ނެތަސް ބައެއް ދާއިރާތަކުން ކުރެވެން ހުރި މަސައްކަތެއް ވިއްޔާ ސަރުކާރުން ކުރާނެ ކަމަށެވެ. ސަރުކާރުން ކުރާ އެކަހަލަ ކަންކަން ތަހުގީގު ކުރުމުގެ ބާރެއް ނެތް ކަމަށް ހަބީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވާ އަނެއް ވާހަކައަކީ ކެމްޕެއިން ކުރާއިރު އިންތިހާބުގެ މިނިވަންކަން ގެއްލޭނެ ފަދަ ކޮންމެ ނުފޫޒެއް ފޯރުވިޔަސް އެ މައްސަލަ ބެލޭނީ ލިޔުމުން އެ ކޮމިޝަނަށް ފޯމެއް ހުށަހެޅުމުންނެވެ. ރައްޔިތުން ކިތަންމެ ވަރަކަށް އެ މައްސަލާގައި އަޑު އުފުލިޔަސް އަމިއްލަ އަށް އިސް ނަގައިގެން މައްސަލަތައް ބެލުމުގެ ވިސްނުމެއް އެ ކޮމިޝަނުން ނުގެންގުޅެ އެވެ.

"އަޅުގަނޑުމެންނަށް ހެއްކާ އެކީގައި ހުށަހެޅީމާ އިންތިހާބާ ބެހޭ ކުށެއް ކަމަށް ވަންޏާ އަޅުގަނޑުމެންނަށް ތަހުގީގު ކުރުމުގެ ބާރު އޮތް ކަމަށް ވަންޏާ ފިޔަވަޅު އަޅާނަން،" ހަބީބު ވިދާޅުވި އެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލްް ހަބީބު

އީސީގެ ނައިބު ރައީސް އިސްމާއިލްް ހަބީބު

ސާރާ ވިދާޅުވީ އީސީގެ ގާނޫނުގެ 21 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އިންތިހާބަކީ މިނިވަން، އިންސާފުވެރި އަދި ކޮރަޕްޝަނުން އެއްކިބާވެފައިވާ އިންތިހާބެއް ކަން ކަށަވަރު ކުރުމުގެ ޒިންމާ އާއި ބާރުތައް ވަނީ އިލެކްޝަންސް ކޮމިޝަނަށް ލިބިދީފައި ކަމަށެވެ.

"އީސީގެ ޒިންމާ އިސްނަގައިގެން އަދާކޮށް ގުޅުން ހުރި ސަރުކާރުގެ މުއައްސަސާތަކާއެކު މިކަން ހުއްޓުވައި ހަމަހަމަ މިނިވަން އިންތިހާބީ މާހައުލެއް ގާއިމް ކޮށްދޭން ޖެހޭ،" އީސީގެ އަމަލުތަކަށް ރައްދު ދެއްވަމުން ސާރާ ވިދާޅުވި އެވެ.

އިންތިހާބުގެ މިނިވަންކަން ބަލަހައްޓާ މުއައްސަސާ އަޅައެއް ނުލަ އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އޮތީ މީގެ ދުވަސްކޮޅެއް ކުރިން "އުވާލައިފަ" އެވެ. ޖަމިއްޔާ ޖަމާއަތްތަކާއި އާންމުންނާއި ސިޔާސީ ޕާޓީތަކުން އެކަމާ ދެކޮޅަށް އަޑުތައް އުފުލަމުން ދާއިރު ވެސް ސަރުކާރުގެ އިސް ވެރިންނާއި ހުރިހާ އެމްޑީޕީގެ ލީޑާޝިޕް މާދަމާ ކޮމަންޑޫ އަށް ދާން އޮތީ ރާވައިފަ އެވެ. އިންތިހާބުގެ މިނިވަންކަން ނަގާލައި ރައްޔިތުންގެ ފައިސާ އިން އެމްޑީޕީގެ ކެންޑިޑޭޓަށް ގޮނޑި ދިނުމަށެވެ. ސަރުކާރުން މިކަަމަށް ޖަވާބުދާރީ ވާން ޖެހެ އެވެ