މުހިންމު މައްސަލަތައް ބަލައިގަނެ ބަހުސް ކުރުމަކީ "ސަރުކާރާ ޖައްސާލުން" ކަމަށް ހީކޮށްގެން އުޅޭ ނަމަ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އުނދަގޫ ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
29 މާޗް 2022
މުހިންމު މައްސަލަތައް ބަލައިގަނެ ބަހުސް ކުރުމަކީ "ސަރުކާރާ ޖައްސާލުން" ކަމަށް ހީކޮށްގެން އުޅޭ ނަމަ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އުނދަގޫ ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
އީވާ މިހެން ވިދާޅުވީ، ލ. ގަން ރީޖަނަލް ހޮސްޕިޓަލްގެ ފެންވަރު ދަށްވެ އެކަށީގެންވާ ވަރަށް ހިދުމަތް ނުލިބޭތީ ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މަޖިލީހަށް މިއަދު ހުށަހެޅުއްވި މައްސަލަ އަށް ބަހުސް ކުރަން ނުފެންނަ ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ތެރެއިން ސަރުކާރަށް ތާއީދު ކުރާ 11 މެމްބަރަކު ވޯޓު ދިނުމާ ގުޅިގެންނެވެ.
އެ މައްސަލާގައި ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ އިދިކޮޅު ޕާޓީއެއްގެ މެމްބަރަކު ވިޔަސް ސައީދު ހުށަހެޅުއްވީ ތިން އަތޮޅަކަށް ހިދުމަތް ކުރާ އަދި 35،000 އެއްހާ މީހުންގެ އާބާދީ އަށް ހިދުމަތް ދޭ ހޮސްޕިޓަލަކާ ގުޅޭ މައްސަލައެއް ކަމަށެވެ. އެމްޑީޕީ މެޖޯރިޓީއެއް އޮވެ އެފަދަ މައްސަލައަކަށް ބަހުސް ކުރަން ފުރުސަތު ނުދޭންވީ ސަބަބެއް ނުވިސްނޭ ކަމަށް އީވާ ވިދާޅުވި އެވެ.
"މެމްބަރު ހުށަހަޅުއްވާފައި އޮތީ ޓާޝަރީ ހޮސްޕިޓަލެއް ނުހިންގައިގެން އެ ވާހަކަ. އިބާރާތުގައި ވެސް މައްސަލައެއް ނެތް އޮތީއެއް ނޫން. ސަރުކާރުން ގަދަކަމުން ނުކުރަނީ އޭ، ސަރުކާރު ނުލަފާ ކަމުން ނުކުރަނީ އޭ އެކަހަލަ ވާހަކައެއް ވެސް އޮތީއެއް ނޫން،" އީވާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގެ އަގުލަބިއްޔަތެއް މަޖިލީހުގައި އޮތް އިރު އެމްޑީޕީ އަށް އެއްވެސް ކަމަަކަށް ވަކާލާތު ކުރަން ފުރުސަތު ނުލިބުމުން ޖެހުނީ މެގަފޯނުތައް ހިފައިގެން ނިކުމެ މޭޒު މައްޗަށް އަރައިގެން ވެސް އަޑު އުފުލަން ކަމަށާއި ނަމަވެސް އެމްޑީޕީ އަށް 65 ގޮނޑި ކާމިޔާބު ކުރެވުމުން އަގުލަބިއްޔަތު ފައިދާ ނާޖާއިޒް ގޮތުގައި ނުހިފާނެ ކަމަށް އެމްޑީޕީން ބުނެފައިވާ ކަމަށް އީވާ ވިދާޅުވި އެވެ.
އެމްޑީޕީ ޕީޖީގެ މެމްބަރުން އެހާ ބޮޑަށް އަމިއްލަ ނަފްސަށް އިތުބާރު ގެއްލުނީ ކޮން އިރަކުތޯ އީވާ ސުވާލު ކުރެއްވި އެވެ.
"ރައްޔިތުންނަށް ހިދުމަތް ކުރަން ބޭނުމިއްޔާ މައްސަލަތައް ރަނގަޅަށް ބަލައިދިނުން ނޫން ގޮތެއް ނޯންނާނެ. ކިރިޔާ މައްސަލައެއް ބުނާ އިރަށް ސަރުކާރާ ޖައްސާލަނީ އޭ ބުނާ ކަމަށް ވަންޏާ 2023 ވަރަށް އުނދަގޫ ވާނެ،" އީވާ ވިދާޅުވި އެވެ.
މަޖިލީހުގައި ތިބެގެން ސަރުކާރު މެމްބަރުން މިފަދަ މައްސަލަތަކަށް ބަހުސް ނުކުރަން "ރަތަށް ފިތިޔަސް" ހޮސްޕިޓަލުގެ ހާލަތު ގޯސްކަން ލ. އަތޮޅު ރައްޔިތުންނަށް ނޯޅޭނެ ކަމަށް ވެސް އީވާ ވިދާޅުވި އެވެ. އޭގެ ބަދަލުގައި އެ ރައްޔިތުން ދެކޭނީ އެމްޑީޕީގެ މެޖޯރިޓީ އޮވެ އެ މައްސަލަ ބަލަން ބޭނުން ނުވާ ކަމަށް އީވާ ވިދާޅުވި އެވެ.
"މިއަށް ވުރެ ތަސައްވަރު ފުދެން ޖެހޭ އެބަ. މި ރާއްޖޭގެ ސިޔާސީ ބަހުސްގެ ނާރެސް މިއީ، ބަހުސް ކުރިޔަށް ގެންދަން އެމްޑީޕީ އަށް ފުރުސަތު ދޭން ޖެހޭ، އަޅުގަނޑުމެން ހިނގަމުންދާ މައްސަލަަތައް ނުވާ ކަމަށް ހަދަން އުޅުނަސް ދާއިރާތަކުގެ ރައްޔިތުންނަކަށް ނޯޅޭނެ،" އީވާ ވިދާޅުވި އެވެ.
މަޖިލީހުގައި އިއްޔެ ވެސް ސަރުކާރުގެ ވަޒީރަކާ ދެކޮޅަށް ހުށަހެޅި މައްސަލަ ބޭރު ކޮށްލުމަށް އެމްޑީޕީން ވިޕެއް ނެރުނެވެ. ސަރުކާރަށް ތާއީދު ކުރާ މެމްބަރުން އެ މައްސަލަ ބޭރު ކޮށްލުމަށް ވޯޓު ދިނުމުން އީވާ އާއި އެމްޑީޕީގެ އެހެން ބައެއް މެމްބަރުންގެ ފާޑު ކިޔުން އަމާޒުވި އެވެ.
ސުވާލެއް ވެސް ނެތް، އެމްޑީޕީ ރޫޅާލެވިއްޖެ: އީވާ
އެމްޑީޕީ ނިމުނީ، ޗެއާމަނަކަށް ހުންނަވާނީ ޖާބިރު: އީވާ
ހިޔާނާތް ބަލަން މަޖިލިހުގެ ބާރު ބޭނުންކުރާ ތަން ނުފެނޭ
ސަރުކާރުގެ ބަޔާނަށް އީވާ ފާޑުވިދާޅުވެއްޖެ
އޮފިސަރުން ވަކިކުރެވޭ ގޮތަށް ފުލުހުންގެ ބިލު ފާސްކޮށްފި
ބޭންކްރަޕްސީ ގާނޫނެއް މުހިއްމު: މެމްބަރުން
ދަރަންޏާ ބެހޭ ރިޕޯޓާ ހެދި މަޖިލީހުގައި ޒުވާބެއް!
"އޭސީސީ އަށް ބަލަން އެނގެނީ ކުދިކުދި މައްސަލަތައް"
ފުލުހުންނާއި ސިފައިން ޒިންމާއަދާކުރިތޯ ބަލަން ކޮމިޓީއަށް
"މިއީ އެމްޑީޕީއަށް ވެރިކަން ގެއްލުމުން ދިން އަދަބެއް"