Roadha Mihaaru

ނަރުދަމާ އާއި ފުޓްސަލް ދަނޑުން އަރައެއް ނުގަތް، މެމްބަރުންގެ އެހެން ސުވާލެއް ނެތީތަ؟

ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް އެހެން ގައުމުތަކުގައި ވަޒީރުން ހާޒިރު ކުރަނީ ވަރަށް މުހިންމު ބޭނުންތަކުގަ އެވެ. ބޮޑެތި މައްސަލަތަކުގަ އެވެ. އެކަމަކު ރާއްޖޭގައި ވަޒީރުން ހާޒިރުކުރާ ތަން މިހާރު ފެންނަނީ އެގޮތަކަށް ނޫނެވެ. ވަޒީރު ވަރަށް ތައްޔާރުވެ ވަޑައިގެން ބޮޑު ޓީމަކާ އެކު ވަޑައިގެންނެވުމުން، މެމްބަރު ކުރައްވާ އާންމު ސުވާލަކީ އޭނާގެ ދާއިރާގައި ނަރުދަމާގެ މަސައްކަތް ގޮސްފައި އޮތް ހިސާބެވެ. ފުޓްސަލް ދަނޑު އަޅާނީ ކޮން އިރަކުންތޯ އެވެ. އައިސްޕްލާންޓްގެ މަސައްކަތާ ބެހޭ ގޮތުންނެވެ. ނުވަތަ ކޯޒްވޭ ފަށާނެ އިރެކެވެ.

ނަރުދަމާ އާއި ފުޓްސަލްދަނޑު: އެހެން ސުވާލެއް ނެތީތަ؟
މޫސާ ރަޝީދު
މޫސާ ރަޝީދު

30 މެއި 2022

ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް އެހެން ގައުމުތަކުގައި ވަޒީރުން ހާޒިރު ކުރަނީ ވަރަށް މުހިންމު ބޭނުންތަކުގަ އެވެ. ބޮޑެތި މައްސަލަތަކުގަ އެވެ. އެކަމަކު ރާއްޖޭގައި ވަޒީރުން ހާޒިރުކުރާ ތަން މިހާރު ފެންނަނީ އެގޮތަކަށް ނޫނެވެ. ވަޒީރު ވަރަށް ތައްޔާރުވެ ވަޑައިގެން ބޮޑު ޓީމަކާ އެކު ވަޑައިގެންނެވުމުން، މެމްބަރު ކުރައްވާ އާންމު ސުވާލަކީ އޭނާގެ ދާއިރާގައި ނަރުދަމާގެ މަސައްކަތް ގޮސްފައި އޮތް ހިސާބެވެ. ފުޓްސަލް ދަނޑު އަޅާނީ ކޮން އިރަކުންތޯ އެވެ. އައިސްޕްލާންޓްގެ މަސައްކަތާ ބެހޭ ގޮތުންނެވެ. ނުވަތަ ކޯޒްވޭ ފަށާނެ އިރެކެވެ.

މިއީ ވަޒީރަކާ ފޯނުން ގުޅާލައިގެން ވެސް ނުވަތަ ބައްދަލުކޮށްލައިގެން ވެސް ސާފުކޮށްލެވިދާނެ މައުލޫމާތެވެ. ވަޒީރުންނާ ސުވާލު ކުރުމުގެ މަފްހޫމަކީ، އޭނާ ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީ ކުރުވުމެވެ. އެކަމަކު އެހެނެއް ނުވެ އެވެ.

ގައުމުގައި މައްސަލަތައް ހުރީ ފުނި ޖެހިފަ އެވެ. ރައްޔިތުންނަށް ސާފުވާން ޖެހޭ ކަންކަން މަދެއް ނޫނެވެ. އިގްތިސާދުގެ ކުރިމަގު އޮތް ގޮތެއް ސާފެއް ނޫނެވެ. އެކި މީހުން ވާހަކަ ދައްކަނީ އެކި ގޮތަށެވެ. ސަރުކާރުން ވެފައިވާ ބޮޑެތި ވައުދުތަކުން ނުފުއްދި ހުރި ކަންކަން ގޮސްފައި އޮތް ހިސާބު ރައްޔިތުންނަށް އެބަ އެނގެންޖެހެ އެވެ. އެކަމަކު، މިއިން ސުވާލެއް އެއްވެސް ވަޒީރަކާ މިއިން ދުވަހަކު ކޮށްފައެއް ނެތެވެ.

ވަޒީރުން ހާޒިރުކޮށްގެން ސުވާލު ކުރުމުގެ ރެކޯޑު އޮތީ މި ހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ އަތުގަ އެވެ. މި އަހަރުގެ ދެވަނަ ދައުރުގެ މިއަދާ ހަމައަށް ބޭއްވި ހުރިހާ ޖަލްސާއެއްގައި ވެސް ވަޒީރުން ހާޒިރު ކުރި އެވެ. މިދިޔަ ދައުރުގައި 35 ޖަލްސާއެއް ބޭއްވި އިރު 26 ސުވާލަކަށް ވަޒީރުން ޖަވާބު ދެއްވި އެވެ. މިދިޔަ އަހަރު ވެސް ވަޒީރުން ހާޒިރުވެ މެމްބަރުން އަމާޒު ކުރައްވާ ސުވާލުތަކަށް ޖަވާބު ދިނުމަށް ބައިގަޑިއިރު ހޭދަ ނުކުރާ ދުވަހެއް މަދެވެ. އެހެންވެ ތަފާސްހިސާބަށް ބަލާއިރު 19 ވަނަ މަޖިލިސް ހަމަ ތަފާތެވެ.

މަޖިލިސް ޖަލްސާއެއްގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް

މަޖިލިސް ޖަލްސާއެއްގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް

މިއީ ތިން ބާރު ވަކިވެފައި އޮންނަ ނިޒާމެއްގެ ތެރެއިން އެއް ބާރުގެ މައްޗަށް އަނެއް ބާރު ފާރަވެރިވާ ގޮތް ހެއްޔެވެ؟ ގާނޫނުއަސާސީގެ 134 ވަނަ މާއްދާގައި ބުނާ ގޮތަށް ވަޒީރުން ހެޔޮ ގޮތުގައި ވާޖިބުތައް އަދާ ކުރަމުން ދޭތޯ ބަލައި ޖަވާބުދާރީ ކުރުވުން ހެއްޔެވެ؟ މަސްއޫލިއްޔަތުތައް އަދާ ނުކުރެވޭނަމަ ވަކި ކުރުމުގެ ބާރު ދީފައި އޮތް މަޖިލިސް މެމްބަރުން ހަމައެކަނި ކުރަން އޮތީ އެ ސުވާލުތައް ހެއްޔެވެ؟

"ޖަލްސާއިން ކޮންމެ ދުވަހަކު މި ފެންނަނީ ގިނަ ފަހަރަށް ފޯނުން ގުޅާލައިގެން ހޯދޭ މައުލޫމާތު. ވަޒީރުން އައިސް މި ބުނަނީ މިދިޔަ ހަފްތާގައި ވެސް މެމްބަރާ މަޝްވަރާ ކުރި ފަދައިންނޭ. މި ކުރާ ކަމެއްގެ ބޭނުމެއް ނުފެނޭ. މެމްބަރުންގެ ދައުރަކީ ހަމައެކަނި ދާއިރާގެ ކަންކަން ބަލަން ތިބުމެއް ނޫން،" މި ވަގުތު ސިޔާސީ މަސައްކަތާ ދުރުގައި ހުންނެވުމުން ނަން ހާމަ ކުރައްވަން ބޭނުން ނުވާ ކުރީގެ މެމްބަރަކު ވިދާޅުވި އެވެ.

ސީރިއަސް މައްސަލަތަކެއް، އެކަމަކު އަތް ނުލެވޭ ވަޒީރުން!

މި މައްސަލާގައި "މިހާރު" އާ ވާހަކަ ދެއްކެވި މެމްބަރު ވިދާޅުވި ގޮތުގައި މަޖިލިސް ނުވަތަ އެހެން އެއްވެސް މުއައްސަސާއެއްގެ ތެރޭ މި ވާހަކަ ދައްކާނެ ބަޔަކު ނުވިޔަސް ވަޒީރުން ޖަވާބުދާރީވާން ޖެހޭ ވަރަށް ސީރިޔަސް ބޮޑެތި މައްސަލަތަކެއް އެބަހުއްޓެވެ.

އެންމެ ބޮޑު އެއް ކަމަކީ، އޭނާ ފާހަގަ ކުރެއްވި ގޮތުގައި ކޮވިޑް-19 ގެ ބޮޑު ބަލިމަޑުކަމުން އަރައިގަނެވިއްޖެ ކަމަށް ސަރުކާރުން ބުނާއިރު، އެ ދުވަސްވަރު ދައުލަތުގެ އިހުމާލުން މަރުވި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްސަލަތަކަށް ވީ ގޮތެއް ނޭނގުމެވެ.

އޭގެ އެއް މިސާލަކީ ދައުލަތުގެ ބޮޑެތި އިހުމާލު ހުރި ކަމަށް ސާބިތުވި އުމުރުން އެންމެ 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދުގެ މަރުގެ މައްސަލަ އެވެ. މެނޭޖު ނުކުރެވިގެން ހެދުނު ބޮޑެތި ގޯސްތަކުގެ ވާހަކަތަކަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އެއްބަސްވެވަޑައިގަތެވެ. އެކަމަކު އެޅުނު އެއްވެސް ފިޔަވަޅެއް ނެތެވެ. ޖަވާބުދާރީ ކުރުވާނެ މެމްބަރަކު ނުވި އެވެ.

މަޖިލިސް ހިނގަނީ ސަރުކާރު މެމްބަރުން ބޭނުންވާ ގޮތަށް. ސަރުކާރަށް ޕްރެޝަރު އަންނާނެ އެއްވެސް ވާހަކައެއް އެތަނުގައި ނުދެއްކޭ. މެމްބަރުން ތިބީ ދަށުވެފައި -- ކުރީގެ މެމްބަރެއް

ޖެހިގެން އޮތް އަވަށްޓެރި ސްރީ ލަންކާ ބަނޑަށް ޖެހުނީ އިހަށް ދުވަހު އެވެ. ދައުލަތް ބަނގުރޫޓުވީ އެވެ. ރާއްޖެ އަށް ވެސް އެ ހާލު ޖެހިދާނެ ކަމަށް ބުނެ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އިންޒާރު ދެމުން އަންނަ އިރު ރައްޔިތުންނަށް ވާނުވާ އޮޅުންފިލުވައިދީ، ޔަގީން ކަމެއް ދިނުމަށް ފިނޭންސް މިނިސްޓަރު މަޖިލީހަށް ހާޒިރު ކޮށްލާނެ މެމްބަރަކު ނެތެވެ.

މިނިސްޓަރު މަހުލޫފް މަޖިލީހުގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.---ފޮޓޯ: މަޖިލިސް

މިނިސްޓަރު މަހުލޫފް މަޖިލީހުގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.---ފޮޓޯ: މަޖިލިސް

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް އިންތިހާ އަށް ގިނަވުމާއި ސިއްސައިގެންދާ ވަރުގެ ބިރުވެރި، އަދި އެފަދަ ކުށްތައް ކުރާ މީހުން ޖެހިގެން އަންނަ ދުވަހު ދޫވާ ފަހަރުތައް ދުވަހަކަށް ވުރެ ދުވަހެއް ދަނީ އިތުރުވަމުންނެވެ. އެކަމާ ގުޅިގެން މިފަހަރު ޖެންޑާ މިނިސްޓަރާ ދިމާލަށް އެއްޗެއް ވިދާޅުވާނެ މެމްބަރަކު ނުވި އެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ކޮރަޕްޝަންގެ ދައުވާކޮށް ޝަރީއަތް ފެށިއިރު މަޖިލީސް މެމްބަރުންނަށް ފެންނަ ކަމަކަށް ނުވި އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި އިންޑިއާ އައުޓް ގޮވައި ބޮޑެތި މުޒާހަރާތައް ކޮށް މުޅި މާލޭގައި ބެނާ ދަމަމުންދާއިރު ދުނިޔޭގެ ރިޔާސަތުގައި އިންނެވި ރާއްޖޭގެ ފޮރިން މިނިސްޓަރު ރައްޔިތުންގެ މަޖިލީހުގެ ގޮނޑި އާ ހަމަޔަށް ތިރިކޮށް ތުހުމަތުތަކަށް ޖަވާބުދާރީ ކުރުވަން ކެރިވަޑައިގަންނަވާ މެމްބަރަކު ވެސް ނެތެވެ.

ވެރިކަން ނިމެން އަހަރަކަށްވެފައިވާ އިރު ބޯހިޔާވެހިކަމުގެ އެއްވެސް މަޝްރޫއެއް ނުނިމެ އެވެ. ފަސް އަހަރު ނިމޭއިރު މި ސަރުކާރުން އަޅާ ފްލެޓަކަށް އެއްވެސް ބަޔަކަށް ވަދެވޭނެ ކަމުގެ އުންމީދެއް ނެތެވެ. ދެ ދުވަހުން އެއް ދުވަހު ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ހާޒިރު ކުރާއިރު އެ ސުވާލެއް ނާހަ އެވެ.

"މަޖިލިސް ހިނގަނީ ސަރުކާރު މެމްބަރުން ބޭނުންވާ ގޮތަށް. ސަރުކާރަށް ޕްރެޝަރު އަންނާނެ އެއްވެސް ވާހަކައެއް އެތަނުގައި ނުދެއްކޭ. މެމްބަރުން ތިބީ ދަށުވެފައި،" އޭނާ ވިދާޅުވި އެވެ.

ސަރުކާރާ ދެކޮޅު އެއްވެސް ކަމަކަށް ފުރުސަތެއް ނެތް!

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް "މިހާރު" އަށް ވިދާޅުވި ގޮތުގައި މަޖިލީހުގައި މިހާރު ސަރުކާރުން ބޭނުން ނުވާ ވާހަކައެއް ދައްކާލަން އެއްވެސް މެމްބަރަކަށް ފުރުސަތެއް ނެތެވެ.

މަޖިލީހުގެ ގަވައިދުގައި އޮންނަ ގޮތުން ވަޒީރަކާ މެމްބަރަކު ކުރައްވާ ސުވާލަށް 14 ދުވަސް ތެރޭގައި ޖަވާބު ދޭން ޖެހެ އެވެ. އެކަމަކު އިދިކޮޅުން ކުރާ ސުވާލުތަކަށް ޖަވާބު ނުދީ ދެތިން ހަތަރު މަސް ވެސް ހިފަހައްޓާލާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"މިހާރު ވެސް އަޅުގަނޑު ކުރި ދެ ސުވާލަކަށް އެބައޮތް ޖަވާބު ނުލިބި. އެ ހުށަހަޅިތާ ވެސް ތިން މަސް ވަރު ވެދާނެ،" ޝިޔާމް ވިދާޅުވި އެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔަމް މަޖިލީހުގެ ޖަލްސާއެއްގައި ބަައިވެރިވެވަޑައިގަންނަވަނީ. ބޭރުގެ އެހީ ބޭނުންކުރާ ގޮތުގެ ތަފްސީލް ހާމަކުރަން ގޮވާލައި މައްސަލައެއް އޭނާ މިއަދު ހުށަހެޅުއްވި.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔަމް މަޖިލީހުގެ ޖަލްސާއެއްގައި ބަައިވެރިވެވަޑައިގަންނަވަނީ. ބޭރުގެ އެހީ ބޭނުންކުރާ ގޮތުގެ ތަފްސީލް ހާމަކުރަން ގޮވާލައި މައްސަލައެއް އޭނާ މިއަދު ހުށަހެޅުއްވި.

މަޖިލިސް ހިނގަން މިހާރު ޖެހެނީ ސީދާ ސަރުކާރު އަންގާ ގޮތަކަށް ކަމަށާއި އެ ނޫން ގޮތަކަށް ވަޒީރަކާ ސުވާލު ވެސް ނުކުރެވޭ ކަމަށް ޝިޔާމް ވިދާޅުވި އެވެ. ސުވާލުތަކުގެ އިތުރުން އިދިކޮޅު ފަރާތްތަކުން ހުށަހަޅާ ގަރާރާއި ކުއްލި މައްސަލަތަކަކީ ވެސް އެ މެމްބަރުން ކުރިމަތީ ބޭކާރު އެއްޗެހިތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ނޭޝަނަލް ބޮޑެތި މައްސަލަތަކާ ގުޅޭ ކަންކަމާ މިހާރު ހިނގާ ބޮޑެތި އިޝޫތައް އަދި އިންޑިވިޖުއަލް ވަކިވަކި މައްސަލަތައް ވެސް ހުށަހަޅަން. ދަރަންޏާ އެކި އެކި މައްސަލަތަކުގައި ޖަވާބުދާރީ ކުރުވަން މަސައްކަތް ކުރަން. ގަވައިދަށް ފައްތަންށޭ ކިޔައިފަ ގިނަ އެއްޗެހި އެޖެންޑާ ވެސް ނުކުރޭ،" ޝިޔާމް ވިދާޅުވި އެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލިސް ސީދާ އޮޕަރޭޓް ކުރަނީ ސަރުކާރުން. އެހެން ބަޔަކަށް ފުރުސަތެއް ނެތް -- ޝިޔާމް

"އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލިސް ސީދާ އޮޕަރޭޓް ކުރަނީ ސަރުކާރުން. އެހެން ބަޔަކަށް ފުރުސަތެއް ނެތް."

މަޖިލިސް މެމްބަރުންނަކީ ވަކިވަކި ދާއިރާތަކުން އިންތިހާބު ކުރާ މެމްބަރުންތަކަކަށްވި ނަމަވެސް މަސައްކަތް ކުރަން ޖެހޭނީ މުޅި ގައުމުގެ މަސްހަލަތަށް ކަމަށް ގާނޫނު ބުނެ އެވެ. އެކަމަކު ގިނައީ މުޅި ދައުރު ނިމިގެން ދާއިރު އަނގައި ނުބުނާ ނުވަތަ ސީދާ ދާއިރާ އާ ގުޅޭ ވާހަކައެއް ނޫނީ ނުދައްކާ މެމްބަރުންނެވެ.

އެ ވަރުން މަޖިލިސް މެމްބަރެއްގެ ޒިންމާ އަދާ ކުރެވުނީ ހެއްޔެވެ؟ ހުރިހާ ދިމާލަކުން އިހުމާލުތައް ފުނި ޖެހޭއިރު، އެ މެމްބަރުން އެ ދާއިރާއަކުން ސުވާލު ކޮށްލެވުނީމަ އޭނާގެ މަސްއޫލިއްޔަތު އަދާކުރެއްވުނީ ހެއްޔެވެ؟ -- ނޫނެކެވެ.