Roadha Mihaaru
އިސްލާމިކް ފައިނޭންސްގެ ދެ ކޯހެއް ފަށަނީ

އިސްލާމިކް ފައިނޭންސްގެ ދެ ކޯހާ އެކު އިސްލާމިކް ޔުނިވަސިޓީން 33 ކޯހެއް ޖެނުއަރީ މަހު ފަށަނީ

01 ނޮވެމްބަރ 2016

މުޅިން އަލަށް ތައާރަފްކުރި އިސްލާމިކް ފައިނޭންސްގެ ދެ ކޯހަކާ އެކު ޖުމްލަ 33 ކޯހެއް އިސްލާމިކް ޔުނިވަސިޓީން އަންނަ ޖެނުއަރީ މަހު ފެށުމަށް ނިންމައި ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

މުޅިން އަލަށް ތައާރަފްކުރި އިސްލާމިކް ފައިނޭންސްގެ ދެ ކޯހަކާ އެކު ޖުމްލަ 33 ކޯހެއް އިސްލާމިކް ޔުނިވަސިޓީން އަންނަ ޖެނުއަރީ މަހު ފެށުމަށް ނިންމައި ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އިސްލާމިކް ޔުނިވަސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި، މުޅިން އަލަށް ތައާރަފްކޮށްފައި ވަނީ ޑިޕްލޮމާއިން އިސްލާމިކް ފައިނޭންސް އަދި ބެޗެލާސް ޑިގްރީއިން އިސްލާމިކް ފައިނޭންސެވެ. މިއީ އިނގިރޭސި ބަހުން ކުރިއަށް ގެންދާ ދެ ކޯހެވެ.

މިއަދުގެ ރަސްމިއްޔާތުގައި އިސްލާމިކް ޔުނިވަސިޓީގެ ކަރިކިއުލަމް އިންސްޓްރަކްޝަން އެސެސްމަންޓް ސްޕެޝަލިސްޓް ޑރ. ޝަހުނީޒާ ނަސީމް ވިދާޅުވީ ޑިޕްލޮމާ ޕްރޮގްރާމް ހާއްސަކޮށްފައި ވަނީ އޯލެވެލް ނިންމާ ކުދިންނަށް ކަމަށެވެ. އޯލެވެލް އިން ތިން ފާސް ނުވަތަ ސެޓްފިކެޓް ލެވެލް ތިނެއްގެ ސަނަދެއް ހޯދާފައިވާ ކޮންމެ މީހަކަށް ދެ އަހަރު ދުވަހުގެ މި ކޯހުގައި ބައިވެރިވެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑިޕްލޮމާ ކޯހުގައި ހިމެނޭ މައިގަނޑު މޮޑިއުލްތަކަކީ:

- އިސްލާމިކް ބޭންކިން އެންޑް ފައިނޭންސް

- އިސްލާމިކް އިކޮނޮމީޒް

- އިސްލާމިކް ލޯ އޮފް ކޮންޓްރެކްޓް

- ފިގްހް މުއާމަލާތް

- އިސްލާމިކް ފައިނޭންޝަލް ސިސްޓަމް

- އިސްލާމިކް ތަކާފުލް

އިސްލާމިކް ޔުނިވާސިޓީ އިން އަންނަ ޖެނުއަރީ މަހު ފަށާ ކޯސްތަކާއި އަލަށް ތައާރަފް ކުރާ އިސްލާމިކް ފައިނޭންސްގެ ދެ ކޯހާ ބެހޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަަލުވުމުގައި އެ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލާ އެކެޑަމިކް ހައްވާ ލަތީފް ވާހަކަ ދައްކަވަނީ. -- ފޮޓޯ: އިސްލާމިކް ޔުނިވާސިޓީ

އިސްލާމިކް ޔުނިވާސިޓީ އިން އަންނަ ޖެނުއަރީ މަހު ފަށާ ކޯސްތަކާއި އަލަށް ތައާރަފް ކުރާ އިސްލާމިކް ފައިނޭންސްގެ ދެ ކޯހާ ބެހޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަަލުވުމުގައި އެ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލާ އެކެޑަމިކް ހައްވާ ލަތީފް ވާހަކަ ދައްކަވަނީ. -- ފޮޓޯ: އިސްލާމިކް ޔުނިވާސިޓީ

ޝަހުނީޒާ ވިދާޅުވި ގޮތުގައި ތިން އަހަރު ދުވަހުގެ ޑިގްރީ ކޯސް ހާއްސަކޮށްފައި ވަނީ އޭލެވެލް ނިންމާފައިވާ ނުވަތަ ސެޓިފިކެޓް ލެވެލް ހަތަރެއްގެ ސަނަދެއް ހޯދާފައިވާ މީހުންނަށެވެ. ޑިޕްލޮމާ ކޯހުގައި ހިމެނޭ ބައިތަކާ އެކު ޖުމްލަ 29 މޮޑިއުލްއެއް ހިމެނޭ ޑިގްރީ ކޯހުގައި އެކުލެވިގެންވާ ހާއްސަ މޮޑިއުލްތަކަކީ:

- ތަކާފުލް

- ކްރެޑިޓް މެނޭޖްމަންޓް އެންޑް ރިސްކް މެނޭޖްމަންޓް

- ޒަކާތު އެންޑް ޓެކްސޭޝަން

- އިސްލާމިކް ފައިނޭންޝަލް އިންސްޓިޓިއުޝަންސް އެންޑް މާކެޓްސް

- އިސްލާމިކް ކެޕިޓަލް މާކެޓް

- އިސްލާމިކް ވެލްތް މެނޭޖްމަންޓް

- ސްޓްރެޓީޖިކް މެނޭޖްމަންޓް

- ކޯޕަރޭޓް ގަވަނެންސް

- އިންޓަނޭޝަނަލް ފައިނޭންސް ޕޯޓްފޯލިއޯ އެންޑް އިންވެސްޓްމަންޓްސް

އިސްލާމިކް ޔުނިވަސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު، އެކަޑަމިކް ހައްވާ ލަތީފް ވިދާޅުވީ އިސްލާމިކް ފައިނޭންސަށް ހާއްސަ ކޯހެއްގެ ބޭނުން ރާއްޖެ އަށް ބޮޑުވުމުން، އެ މަޝްވަރާތައް ފުރަތަމަ ފަހަރަށް 1990 ގެ އަހަރުތަކުގެ ތެރޭގައި ކުރި ކަމަށެވެ. އެހެން ކަމުން، ކުއްލިއްޔާގެ ދުވަސްވަރު، މެލޭޝިއާގެ ގްލޯބަލް އިސްލާމިކް ފައިނޭންސް ޔުނިވަސިޓީއާ ގުޅިގެން މާސްޓާސް ލެވެލްގެ ކޯހެއް ޑިޒައިން ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، އިސްލާމިކް ފައިނޭންސާ ގުޅޭ އަމިއްލަ ކޯހެއްގެ ބޭނުން އޭރު ވެސް ވަރަށް ބޮޑުވެފައިވާ ކަމަށް ހައްވާ ލަތީފް ވިދާޅުވި އެވެ. ގްލޯބަލް އިސްލާމިކް ފައިނޭންސް ޔުނިވަސިޓީއާ ގުޅިގެން އިސްލާމިކް ޔުނިވަސިޓީން އިސްލާމިކް ފައިނޭންސްގެ މުގައްރަރު އެކުލަވާލާފައިވަނީ ރާއްޖެއާ ގުޅޭ ގޮތަށް ކަމަށާއި އެ މުގައްރަރުގައި އެންމެ އާދައިގެ ލެވެލް އިން ފެށިގެން މާސްޓާސް ލެވެލްގެ ކޯސްތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ޕްރޮގްރާމް ފަރުމާކުރުމުގެ ކުރިން ރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކާ އެކު ތަފާތު އެކި ބައްދަލުވުންތައް ބާއްވައި މަޝްވަރާތައް ބޭއްވިން،" ހައްވާ ލަތީފް ވިދާޅުވި އެވެ.

"މިއީ ދިވެހި މުޖުތަމައަށް ވަރަށް މުހިންމު ޕްރޮގްރާމެއް. ދިވެހިރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ދާއިރާ ކުރިއަރަމުން ދަނީ އަޅުގަނޑުމެން ހީވެސް ނުކުރުހާ ހަލުވި، ބާރު މިނެއްގައި. ވަރަށް ގިނަ ފަރާތްތަކުން އިސްލާމިކް ފައިނޭންސަށް ޝައުގުވެރިވޭ، އިސްލާމިކް ފައިނޭންސަކީ ކޮބައިތޯ ބަލަން ބޭނުންވޭ."

އިސްލާމިކް ޔުނިވަސީޓީގެ ޑެޕިއުޓީ ރެޖިސްޓްރާ ހަދީޖާ އަމަން އިބްރާހިމް ވިދާޅުވި ގޮތުގައި މި ދެ ކޯހަށް ކުރިމަތިލުމުގެ ފުރުސަތު ޑިސެމްބަރު 15 ވަނަ ދުވަހުގެ 1:00 އާ ހަމައަށް އޮންނާނެ އެވެ. ކޯހުގެ ފޯމް އިސްލާމިކް ޔުނިވަސިޓީގެ ވެބްސައިޓުންނާއި ގެޒެޓުން ލިބެން ހުންނާނެ ކަމަށާއި ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެ ޔުނިވަސިޓީގެ ރިސެޕްޝަނުން ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްލާމިކް ފައިނޭންސްގެ ދެ ކޯހާ އެކު ޖުމްލަ 33 ކޯހެއް ޖެނުއަރީ މަހު ފަށާ ސެމިސްޓާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ. އެއީ ޕީއެޗްޑީ އެއް ކޯހާއި މާސްޓާސް ފަސް ކޯހާއި ޕޯސްޓް ގްރެޖުއޭޓް ކޯހަކާއި ބެޗެލާސް ޑިގްރީ އަށް ކޯހާއި ޑިޕްލޮމާ ހަތް ކޯހާއި އެޑްވާންސް ސެޓްފިކެޓް ކޯހެއް އަދި ސެޓްފިކެޓް ލެވެލްގެ 10 ކޯހެކެވެ. އޭގެ ތެރޭގައި، ޝަރީއާ އެންޑް ލޯ އާއި ޝަރުއީ ދާއިރާއާ ގުޅުންހުރި ކޯސްތަކާއި އަރަބި ބަހުގެ ކޯސްތަކާއި ގާރީ ކޯހާ އަދި ޓީޗިންއާ ގުޅޭ ކޯސްތައް ހިމެނެ އެވެ.