Roadha Mihaaru
އައިޔޫއެމް އިން 60 މިލިއަން ރުފިޔާގެ ސުކޫކު ވިއްކަނީ

އިސްލާމިކް ޔުނިވަސިޓީން 60 މިލިއަން ރުފިޔާގެ ސުކޫކު ވިއްކަނީ

04 ޖޫން 2024

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އާޅާ "ސަނާބިލް" އިމާރާތް އެޅުމަށް ބޭނުންވާ ފައިސާ ހޯދުމަށް 60 މިލިއަން ރުފިޔާގެ ސުކޫކު ވިއްކަން ހުޅުވާލައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އާޅާ "ސަނާބިލް" އިމާރާތް އެޅުމަށް ބޭނުންވާ ފައިސާ ހޯދުމަށް 60 މިލިއަން ރުފިޔާގެ ސުކޫކު ވިއްކަން ހުޅުވާލައިފި އެވެ.

މިކަން އިއުލާންކުރީ އެ ޔުނިވަސިޓީގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

އިއްޔެ އިޝޫކުރީ އެއް މިލިއަން ރުފިޔާގެ މޫނުމަތީ އަގުގެ 60 ސުކޫކެވެ. އިސްލާމިކް ޔުނިވާސިޓީން ސުކޫކުގައި އިންވެސްޓްކުރުމަށް ބޭނުންވާ ފަރާތްތަކުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ވިޔަނަ ޕޯޓަލް މެދުވެރިކޮށް މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން ސުކޫކަށް ސަބްސްކްރައިބް ކުރެވޭނެ ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.

ސުކޫކަކީ ޝަރުއީ ހަމަތަކާ އެއްގޮތަށް ވަކި އޮނިގަނޑަކަށް އެކުލަވާލާ، ކޮންވެންޝަނަލް ބޮންޑާ އެއްފަދައިން، ފައިދާއެއް ލިބޭ ގޮތަށް ހަދާފައިވާ އިންވެސްޓްމަންޓް ޕްރޮޑަކްޓެކެވެ. ކޮންމެ ސުކޫކެއްގެ އޮނިގަނޑު އެކުލަވާލާއިރު އެ ސުކޫކުގެ ފަހަތުގައި އާމްދަނީ ނުވަތަ މަންފާ ލިބޭނެ އެސެޓެއް އެކުލެވެ އެވެ. އަދި ސުކޫކްގެ އިންވެސްޓަރުންނަށް ފައިދާ ބަހާނީ އެ ސުކޫކެއް ފަރުމާކުރުމުގައި ބޭނުންކޮށްފައިވާ މުދަލަކުން ލިބޭ އާމްދަނީ ބޭނުންކޮށްގެންނެވެ.

އެ ފައިސާ ހޯދަނީ ޔުނިވާސިޓީގެ "ސަނާބިލް" އިމާރާތެއް އެޅުމަށެވެ. އެއީ އަށް ފްލޯއަށް ހަދާ އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭ އިމާރާތެކެވެ. އެ އިމާރާތުގައި އޮޑިޓޯރިއަމާއި، ހޯލާއި، ލެބޯޓްރީތަކާއި، ކްލާސްރޫމްތައް އަދި އޮފީސް ޖާގަތައް ހިމެނެ އެވެ. އެ ތަންތަން އާންމުންނަށް ކުއްޔަށް ދޫކޮށް ޔުނިވާސިޓީ އަށް ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދުމަކީ އެ ޔުނިވާސިޓީގެ ސްޓްރެޓެޖިކް އަމާޒެކެވެ.

އެ އިމާރާތް ހެދުމަށް ލާމިކް ފައިނޭންސްގެ މޮޑެލްއެއްގެ ތެރެއިން އެފަދަ މަޝްރޫއުއެއް ހިންގުމުން ލިބޭ ފައިދާތަކުގެ މައްޗަށް ޕްރޮޖެކްޓްގެ ޝަރީއާ އެޑްވައިޒާ އަޒްމީން ރަޝީދު ވަނީ ވާހަކަ ދައްކަވައިފަ އެވެ. މި ޕްރޮޖެކްޓަށް އިޝޫކުރި ސުކޫކު ލިސްޓްކުރުމަށް ބޭނުންވާ ހުރިހާ ހުއްދަތަކެއް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް އިން ވަނީ ދީފައެވެ.

މި ޕްރޮޖެކްޓްގެ ލީޑް މެނޭޖަރަކީ ރާއްޖޭގެ ވޯޓާކްރެސް ކެޕިޓަލް ޕްރައިވެޓް ލިމިޓެޑެވެ. މިހާރު ވެސް އެ ސުކޫކަށް އިންވެސްޓްކުރުމަށް ރާއްޖޭގެ ބޮޑެތި ބައެއް ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.

އިސްލާމިކް ޔުނިވާސިޓީއަކީ މާސްޓަ ޑިގްރީއާ ހަމައަށް އިސްލާމިކް ފައިނޭންސް ރާއްޖޭގައި ކިޔަވައިދޭ ހަމައެކަނި މަތީ ތައުލީމުގެ މަރުކަޒެވެ.

އިސްލާމީ ފައިނޭންސް ނިޒާމުގެ ތެރެއިން މިފަދަ ޕްރޮޖެކްޓެއް ހިންގުމަކީ އިސްލާމިކް ފައިނޭންސް ރާއްޖޭގައި އާލާކޮށް ދިރުވުމަށް ވެސް އެޅުނު މުހިންމު ފިޔަވަޅެއްގެ ކަމަށް އެ ޔުނިވަސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަ އަހުމަދު އަމީން މުހައްމަދު ވިދާޅުވި އެވެ.