Roadha Mihaaru

އިސްލާމިކް ފައިނޭންސިން އިން މާސްޓާސް އަށް ކިޔަވަން އެމްއެމްއޭ އިން 15 ސްކޮލަޝިޕް

އިސްލާމިކް ފައިނޭންސްގެ ދާއިރާ އިން މާސްޓާސް ފެންވަރަށް ކިޔެވުމަށް 15 މީހަކަށް އެމްއެމްއޭ އިން ސްކޮލާޝިޕް ދޫކޮށްފި އެވެ.

އިސްލާމިކް ފައިނޭންސިންއިން ކިޔަވަން 15 ސްކޮލަޝިޕް

އިސްލާމިކް ފައިނޭންސްގެ ދާއިރާ އިން މާސްޓާސް ފެންވަރަށް ކިޔެވުމަށް 15 މީހަކަށް އެމްއެމްއޭ އިން ސްކޮލާޝިޕް ދޫކޮށްފި އެވެ.

އެ ސްކޮލާޝިޕްތައް ރަސްމީކޮށް ހަވާލު ކޮށްދެއްވީ އެމްއެމްއޭގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ.

މި ސްކޮލާޝިޕަށް ހޮވުނު މީހުންނަށް މެލޭޝިއާގެ އިންސެއިފް ޔުނިވާސިޓީ އެގްޒެކެޓިވް މާސްޓާސް އިން އިސްލާމިކް ފައިނޭންސް (އީއެމްއައިއެފް) ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ.

"މިއީ ވިޔަފާރިތަކާއި އިޖްތިމާއީ-އިގުތިސާދީ ތަރައްގީ ކުރިއެރުވުމަށް ބޭނުންވާ ހުނަރާއި ވިސްނުން ބައިވެރިންނަށް ދަސްކޮށްދިނުމަށް ފަރުމާ ކުރެވިފައިވާ ޕްރޮގްރާމެކެވެ،" އެމްއެމްއޭ އިން ބުންޏެވެ.

މި ސްކޮލާޝިޕްތަކުގެ ތެރެއިން ފަސް ސްކޮލާޝިޕެއްގެ ހުރިހާ ހަރަދެއް ކުރާނީ އެމްއެމްއޭއިންނެވެ. ބާކީ 10 ސްކޮލަޝިޕްގެ އެއްބައި ދަރިވަރު އަތުން ހަރަދު ކުރަންޖެހެ އެވެ.

"އެގްޒެކެޓިވް މާސްޓާސް އިން އިސްލާމިކް ފައިނޭންސްއަކީ މި ދާއިރާގައި މަސައްކަތްކުރާ ބައިވެރިންނަށް އަމާޒު ކޮށްގެން، ކޮންވެންޝަނަލް އަދި ޝަރީއާ ފައިނޭންސްގެ ދާއިރާ އިން ދުނިޔޭގައި ފާހަގަކުރެވޭ އިލްމުވެރިން އެކުލަވާލާފައިވާ ކޯހެކެވެ. މިއީ އިސްލާމިކް ފައިނޭންސްގެ އިތުރުން ލީޑާޝިޕް ހުނަރުތައް އިތުރު ކުރުމާއި އަދި އެ ފަރާތްތަކުގެ މުއައްސަސާތަކާއި މުޖުތަމައުގައި އެދެވޭ ބަދަލުތައް ގެނައުމަށް މަގުފަހިކޮށްދޭ ގިނަ ދާއިރާތަކެއް ހިމެނޭ ކޯހެކެވެެ،" އެމްއެމްއޭ އިން ބުންޏެވެ.

އެ އިދާރާއިން ބުނިގޮތުގައި މި ސްކޮލާޝިޕްތަކަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ އިސްލާމިކް ފައިނޭންސްގެ ދާއިރާ އިތުރަށް ހަރުދަނާކޮށް އަދި އެ ދާއިރާ އިން މީހުން ބިނާކުރުމަށް އެމްއެމްއޭގެ ސްޓްރެޓެޖިކް ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.