Roadha Mihaaru
ހަލާލު ޓޫރިޒަމް ކުރިއަރުވަން އިސްކަން ދެން: ޖިހާދު

ހަލާލު ޓޫރިޒަމް ކުރިއަރުވަން އިސްކަން ދެން: ނައިބު ރައީސް

04 އޮކްޓޯބަރ 2017

ރާއްޖޭގައި ހަލާލު ޓޫރިޒަމް ކުރިއަރުވަން މި ސަރުކާރުން އިސްކަން ދޭ ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރާއްޖޭގައި ހަލާލު ޓޫރިޒަމް ކުރިއަރުވަން މި ސަރުކާރުން އިސްކަން ދޭ ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ހަތަރު ވަނަ އިސްލާމިކް ބޭންކިން އަދި ފައިނޭންސް އިންޑަސްޓްރީ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރާއްޖެ ފަދަ ސަތޭކަ ޕަސެންޓް މުސްލިމުން ދިރިއުޅޭ ގައުމެއްގައި އިސްލާމީ އިގުތިސާދެއް ކުރިއެރުވުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން އިސްލާމީ އުސޫލުތަކާ އެއްގޮތަށް، ހަލާލު ޓޫރިޒަމް ކުރިއެރުވުމަށް ސަރުކާރުން އިސްކަންދޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ތަރައްގީ ވަމުން އަންނަ އިގުތިސާދެއްގެ ފުރިހަމަ ގާބިލިއްޔަތުކަން ދެނެގަތުމަށް ހަރުދަނާ ހިންގުންތެރިއަކު ބޭނުންވާ ކަމަށް ޖިހާދު ވިދާޅުވި އެވެ. އަދި ވިދާޅުވީ މި ސަރަހައްދުގެ ގައުމުތަކަށް ބަލާއިރު އިންވެސްޓް ކުރުމަށް އެންމެ އެކަށީގެންވާ، ފަސޭހަ މަންޒިލަކަށް ރާއްޖެ ވެފައި ވަނީ ގާނޫނީ އޮނިގަނޑުގެ ތެރެއިން ދީފައިވާ ފަސޭހަތަކާއި ހުޅުވާލާފައިވާ ފަހި ފުރުސަތު ތަކުގެ ސަބަބުން ކަމަށެވެ.

"މިހާރު ވެސް ދިވެހިރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ޚިދުމަތް ފޯރުކޮށްދޭ 13 މަރުކަޒެއް އެބަހުރި. އިސްލާމިކް ފައިނޭންސްގެ ދާއިރާ އިން ވާދަވެރި އަދި އުފެއްދުންތެރި އިތުރު ބާވަތްތައް ރާއްޖެ އަށް ތައާރަފު ކުރަންޖެހޭ. ޚާއްސަ ގޮތެއްގައި ބިޔަ އިގުތިސޯދީ މަޝްރޫއުތައް ހިންގުމަށާއި އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ބަދަލުކޮށްލާ ފަދަ ކަންކަން މީގެ ތެރޭގައި ހިމެނުމަށް ބޭނުންވޭ،" ނައިބު ރައީސް ވިދާޅުވި އެވެ.

އިސްލާމިކް ފައިނޭންސްގެ ދާއިރާގައި އަންހެނުންގެ ދައުރު އިތުރުވަމުންދާތީ އެކަމާމެދު ފަޚުރުވެރިވެ ވަޑައިގަންނަވާ ކަމަށާއި މިއީ ދުނިޔޭގެ އެހެން ގައުމުތަކަށް މިސާލެއް ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.