26 ފެބުރުއަރީ 2020
ދައުލަތަށް 30 އަހަރު ކުރެއްވި ޚިދުމަތުގެ އަގު ވަޒަން ނުކޮށް ދޮގު ހަދައި، އަބުރުކަތިލުމުން ވަރަށް ދެރަވެއްޖެ ކަމަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.
ދައުލަތަށް 30 އަހަރު ކުރެއްވި ޚިދުމަތުގެ އަގު ވަޒަން ނުކޮށް ދޮގު ހަދައި، އަބުރުކަތިލުމުން ވަރަށް ދެރަވެއްޖެ ކަމަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރަކަށް ހުންނަވަނިކޮށް ރައީސުލް ޖުމްހޫރިއްޔާގެ ނައިބަކަށް ޖޫން 22، 2016 ގައި އައްޔަން ކުރައްވައި، އެމަނިކުފާނު ދިރިއުޅުއްވަން ރަސްމީ ގެކޮޅުގެ ގޮތުގައި ސަރުކާރުން ހަމަޖައްސައިދިނީ ރެހެންދި އިމާރާތުން ދެ ފްލެޓެވެ. ނައިބު ރައީސް ހުންނަވާ ގެކޮޅުގެ ހައިސިއްޔަތުން ދައުލަތުން ހޭދަކުރި އެ ދެ ފްލެޓްގައި، ޔާމީންގެ ވެރިކަން ބަދަލުވި ފަހުން ވެސް ޖިހާދު ދިރިއުޅުއްވި ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ވަނީ ބުނެފަ އެވެ.
ނައިބު ރައީސްގެ މަގާމު ގެއްލިވަޑައިގަތުމާ އެކު، ދެ ފްލެޓް ހުސްކުރަން ޖިހާދަށް އެންގި އެންގުމަށް އަމަލު ނުކުރައްވައި އެއް އަހަރާއި ތިން މަސް ދުވަސް ވަންދެން އެތަނުގައި ދިރިއުޅުއްވައި އެތަން ދޫކޮށްލެއްވީ މިދިޔަ ހަފުތާގައި ކަމަށް އޭޖީ އޮފީހުން ބުންޏެވެ. އެއީ ދައުލަތުގެ މުދަލެއް ނުހައްގު ގޮތުގައި ބޭނުންކުރައްވައި، ނުހައްގު މުއްސަނދިކަން ހޯއްދެވުން ކަމަށާއި އެ މައްސަލައިގައި އެމަނިކުފާނުގެ އަތުން އެއް މިލިއަން ރުފިޔާ ހޯދަން ދައުލަތުން ވަނީ ދައުވާކޮށްފަ އެވެ.
އެކަމަކު ޖިހާދު ވިދާޅުވީ މާ ކުރިން އެތަނުން ނުކުމެވަޑައިގެންފި ކަމަށެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާން ފެނިވަޑައިގަތުމުން "މިހާރު" އަށް ވިދާޅުވީ އެ މަނިކުފާނާ ދޭތެރޭގައި ކަންތައް ކުރި ގޮތުން ވަރަށް ދެރަވެ، ހައިރާންވެވަޑައިގެންފި ކަމަށެވެ. ދިވެހި ދައުލަތުން އެހާ ބޮޑު ދޮގެއް ހަދައި ބަޔާން ނެރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ޖިހާދު ވިދާޅުވި އެކަން މާނަކުރެއްވެނީ، އިޚްލާސްތެރިކަމާ އެކު ދައުލަތަށް 30 އަހަރު ކޮށްދެއްވި ޚިދުމަތުގެ އަގު ހިތްދަތި ގޮތަކަށް ލިބިވަޑައިގަތުން ކަމަށެވެ.
ސަރުކާރުގެ މިނިސްޓްރީތަކުގެ އެކި މަގާމުތައް ފުރުއްވައި ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރު ކަމާއި ފިނޭންސް މިނިސްޓަރުގެ މަގާމްގެ އިތުރުން އެމްއެމްއޭގެ ގަވަރުނަރަކަށް ވެސް ޖިހާދު ހުންނެވި އެވެ.
"އެޓާނީ ޖެނެރަލްގެ އޮފީހުން ބަޔާން ނެރެ އަޅުގަނޑުގެ އަބުރު ކަތިލެވޭ ގޮތަށް އެހާ ބޮޑު ދޮގެއް އާއްމުކުރުމުން ވަރަށް ދެރަވެއްޖެ. އެ ބަޔާނުގައި އެ ބުނާ މުއްދަތުގައި އަޅުގަނޑު އަދި އާއިލާއަކުން އެތަނަކު ދިރިއެއް ނޫޅެން. [ހައުސިން މިނިސްޓްރީން] ހުސްކުރަން އެންގުމުގެ ކުރިން ވެސް އެތަނުން ނުކުމެއްޖައިން،" ރާއްޖެ އިން ބޭރުގައި ހުންނަވައި ފޯނުން ވިދާޅުވި އެވެ.
ރައީސާއި ނައިބު ރައީސުންނަށް ދައުލަތުން ވަނީ ގެކޮޅު ހަމަޖައްސައިދީފަ އެވެ. މުލީއާގެ ނުވަތަ ތީމުގެ ރައީސަށް ޚާއްސަކޮށްފައިވާ އިރު ނައިބު ރައީސުން ދިރިއުޅުއްވަނީ ހިލާލީ ގޭގަ އެވެ. ޔާމީންގެ ތިން ވަނަ ނައިބު ރައީސް ޖިހާދު، ރެހެންދި ފްލެޓުގައި ދިރިއުޅުއްވަން ޖެހިވަޑައިގަތީ ހިލާލީ ގޭގައި ޔާމީން ދިރިއުޅުއްވުމުންނެވެ.
އަމިއްލަ ގެކޮޅު ގ. ދޫވެހީގައި ދިރިއުޅުއްވުމަށް ފަހު، ޔާމީން ދައުރުގެ މެދުތެރެއިން ހިލާލީ ގެއަށް ބަދަލުވެވަޑައިގަތީ އެވެ.
ޖިހާދު ނައިބު ރައީސަކަށް ހަމަޖެއްސެވިއިރު، އެމަނިކުފާނު ދިރިއުޅުއްވާނެ ރަސްމީ ގެކޮޅެއް ނެތެވެ. ސިޔާސީ އަދި އިޖުތިމާއީ މަސައްކަތްތައް ހިންގަވާ އޮފީހެއްގެ ގޮތުގައި މުލީއާގެ ބޭނުން ކުރެއްވީ ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމެވެ.
"އެޓާނީ ޖެނެރަލްގެ އޮފީހުން ބަޔާން ނެރެ އަޅުގަނޑުގެ އަބުރު ކަތިލެވޭ ގޮތަށް އެހާ ބޮޑު ދޮގެއް އާއްމުކުރުމުން ވަރަށް ދެރަވެއްޖެ. އެ ބަޔާނުގައި އެ ބުނާ މުއްދަތުގައި އަޅުގަނޑު އަދި އާއިލާއަކުން އެތަނަކު ދިރިއެއް ނޫޅެން. [ހައުސިން މިނިސްޓްރީން] ހުސްކުރަން އެންގުމުގެ ކުރިން ވެސް އެތަނުން ނުކުމެއްޖައިން،" ޖިހާދު
ނައިބު ރައީސްގެ މަގާމާ އެކު، ރެހެންދި ފްލެޓް ދިރިއުޅުއްވަން ހަވާލުކުރެއްވީ ރައީސް އޮފީހުން ކަން ޖިހާދު ފާހަގަކުރެއްވި އެވެ. ހައުސިން މިނިސްޓްރިއާ ތަޅުދަނޑި ހަވާލުނުކުރީ އެހެންވެ ކަމަށާއި ރައީސް އޮފީހުގެ ސިޓީއެއް ލިބިވަޑައިގަތުމުން އޭގައި އަމަލުކުރަން އަންގަވާފައިވާ ގޮތަށް މުލީއާގެއާ ތަޅުދަނޑި ހަވާލުކުރެއްވީ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑަށް ދައުވާ ކުރަން ޖެހޭ ސަބަބެއް ނުވިސްނުނު. އެކަމަކު ވެސް އަޅުގަނޑު ކެރިގެން ކުރިމަތިލާނަން،" ޖިހާދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ނިސްބަތުން ކިތަންމެ އިސް މަގާމްތަކެއް ފުރުއްވާފައިވީ ނަމަވެސް އެއްވެސް އިނާޔަތެއް ލިބިވަޑައިނުގަންނަވާ ކަމަށެވެ. އެންމެ ކުޑަމިނުން ޕެންޝަން ވެސް ލިބިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.
"އެހެންވީމަ ތަންކޮޅެއް ބޮޑުވަރު ދެއްތޯ އިލްޒާމް އެޅުވިޔަސް. އަޅުގަނޑަށް ދައުލަތުން ލިބުނު ފްލެޓެއް، ގޯއްޗެއް، ފަޅެއް، ރަށެއް ނޯންނާނެ. އަމިއްލަ ރަށުގައި ވެސް ނޯންނާނެ،" ގދ. ތިނަދު އަށް އުފަން ޖިހާދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ބޯހިޔާވަހިކަމުގެ ސްކީމްތަކުން، ފްލެޓަށް ކުރިމަތިލެއްވި ކަމަށާއި އެއިން އެއްވެސް ފަހަރަކު ވެސް ފްލެޓެއް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އެ ރެކޯޑުތައް ދައުލަތަށް ފެންނަން އޮތް އިރު އިލްޒާމުން އަބުރު ކަތިލަން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވި އެވެ.
ދައުލަތުން ޖިހާދާ ދެކޮޅަށް ދައުވާކުރިއިރު، އެ ދެ ފްލެޓް އެމަނިކުފާނަށް މިލްކުކޮށްދޭން ރައީސް އޮފީހުން ހުށަހެޅި އެވެ. އެއީ، ސެޕްޓެމްބަރު 23، 2018 ގައި، ބޭއްވި ރިޔާސީ އިންތިޚާބުން ޔާމީނަށް ނާކާމިޔާބުވެވަޑައިގެންފައި ވަނިކޮށެވެ. ރައީސް އޮފީހުން، ނޮވެމްބަރު 8 ގައި ހައުސިން މިނިސްޓްރީ އަށް ފޮނުވި ސިޓީގައި އެދިފައި ވަނީ، "މިހާރު" އަށް އެނގިފައިވާ ގޮތުގައި، މިނިވަން މުއައްސަސާތަކުގެ އިސް ވެރިންނަށް ރެހެންދި ފްލެޓް ދޫކުރި އުސޫލުން ނައިބު ރައީސް ޖިހާދަށް އެ ދެ ފްލެޓް މިލްކުކޮށްދޭށެވެ. އެއީ، އަމިއްލަފުޅަށް ފައިސާ ދައްކަވައިގެންނެވެ. އެކަމަކު އޭސީސީން އެކަން ހުއްޓުވީ އެވެ.
ރެހެންދި ފްލެޓުގެ ދެ އިމާރާތުން ސަރުކާރަށް ލިބުނު ފްލެޓްތައް މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ބައެއް ފަނޑިޔާރުންނަށް ކުރީގެ ސަރުކާރުގައި ހަމަޖައްސައިދިނެވެ. އޭރު ފްލެޓް ވިއްކީ، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިތުރުން އޭސީސީގެ ރައީސް ހަސަން ލުތުފީ އާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދާއި ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް މުޖުތާޒު މުހުސިންގެ އިތުރުން އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރަށެވެ. މިއީ، މިނިވަން މުއައްސަސާތަކުގެ ވެރިންނަށް ނުފޫޒު ފޯރުވަން ސަރުކާރުން ކުރި ކަމެއް ކަމަށް ތުހުމަތު ކުރި އެވެ.
މި ބޭފުޅުންނަށް ފްލެޓް ވިއްކީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ އޭސީސީ އަށް މައްސަލަ ހުށަހެޅި އެވެ. އެކަމަކު އެ ކޮމިޝަނުން ނިންމީ، އެ ބޭފުޅުންނަށް ސަރުކާރުން ފްލެޓް ވިއްކީ ބޮޑު އަގުގައި ކަމަށް ވުމުން އެއީ ސަރުކާރަށް މަންފާ އޮތް މުއާމަލާތެއްގެ ގޮތުގަ އެވެ. އެ މުއާމަލާތުން އޭސީސީ އަށް ކޮރަޕްޝަނެއް ނުފެނުނެވެ.
ފްލެޓް ހުސްނުކުރުމުން ޖިހާދު އަތުން 1 މިލިއަން ހޯދަނީ
މައުލޫމާތުގެ ގާނޫނު އިސްލާހުކުރަނީ ހުރަސް އަޅާކަށްނޫން
ޖޭއެސްސީ ބަދަލުކޮށް، މެމްބަރުން ލިމިޓްކުރަން އިސްލާހެއް
ބޯހިޔާވަހިކަމުގެ ބިލާ އެކު މި ދައުރަށް 24 ބިލެއް!
އޭޖީ އޮފީހުން އިސްކުރީ ރާއްޖޭގެ މަސްލަހަތު: މުއިއްޒު
ޗާގޮސް މައްސަލައަށް އިންޑިއާގެ ނުފޫޒެއް ނެތް: ސަރުކާރު
ރާއްޖޭގެ ސަރަހައްދެއް ނުގެއްލޭނެ: ޕްރޮފެސަރު ޕަޔަމް
"ސަރުކާރުގެ ސްޓޭންޑުން ފައިދާ ވާނީ އިންޑިއާ އަށް"
އިމުގެ މައްސަލާގައި ސްޓޭންޑް ބަދަލެއް ނުވޭ: ސަރުކާރު
ސަރުކާރުގެ 32 ބިލުގެ ތެރެއިން ހުށަހެޅީ 4 ބިލު