Roadha Mihaaru
އޭޖީ އޮފީހުން އިސްކުރީ ރާއްޖޭގެ މަސްލަހަތު: މުއިއްޒު

އޭޖީ އޮފީހުން އިސްކޮށްފައި ވަނީ ރާއްޖޭގެ މަސްލަހަތު: މުއިއްޒު

25 އޮކްޓޯބަރ 2022

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލާގައި އެޓާނީ ޖެނެރަލްގެ އޮފީހުން މަސައްކަތް ކޮށްފައި ވަނީ ދައުލަތުގެ މަސްލަހަތުގައި ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް އަހުމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލާގައި އެޓާނީ ޖެނެރަލްގެ އޮފީހުން މަސައްކަތް ކޮށްފައި ވަނީ ދައުލަތުގެ މަސްލަހަތުގައި ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް އަހުމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޮސްގެ މައްސަލާގައި ދިވެހި ސަރުކާރުން ދަމަހައްޓަމުން އައި ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓުދޭން ވަނީ ނިންމައިފަ އެވެ. މިއީ އިމުގެ މައްސަލާގައި ހިލާފު އުފެދިފައިވާ ސަރަހައްދު މޮރިޝަސް އަށް ދޭން ރާއްޖެ އިން ދީލާލުން ކަމަށް ބުނެ ސަރުކާރަށް ދަނީ ފާޑުކިޔަމުންނެވެ.

ކުރީގެ ބަންޑާރަ ނައިބު އަދި މޮރިޝަސްގެ މައްސަލާގައި ސަރުކާރަށް ލަފާދިނުމުގައި ކުރިން އިސް ދައުރެއް އަދާކުރެއްވި ޑރ. މުހައްމަދު މުނައްވަރު ވެސް ވިދާޅުވެފައި ވަނީ ކުއްލިއަކަށް ރާއްޖޭގެ ސްޓޭންޑް ބަދަލުކުރަން ނިންމި ސަބަބެއްގެ ގޮތުގައި އޭނާއަށް ގަބޫލުކުރެއްވެނީ އިންޑިއާ ކަމަށެވެ. އޭގެ ފައިދާ ވެސް އޮތީ އެ ގައުމަށް ކަމަށް ވިދާޅުވި އެވެ.

އެ ތުހުމަތު ދޮގުކޮށް ދިވެހި ސަރުކާރުން ވަނީ ދިފާއުވެފަ އެވެ.

މޮރިޝަސް އިމުގެ މައްސަލާގައި ކުރިން ބޭއްވި އަޑުއެހުމެއްގައި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ބައިވެރިވެވަޑައިގަންނަވަނީ.

މޮރިޝަސް އިމުގެ މައްސަލާގައި ކުރިން ބޭއްވި އަޑުއެހުމެއްގައި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ބައިވެރިވެވަޑައިގަންނަވަނީ.

އޭޖީ އޮފީހުން ބުނެފައި ވަނީ ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލްގައި ވަކާލާތުކުރަމުން ގެންދާ މައްސަލަގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށެވެ. އދ. ގެ އާންމު މަޖިލީހުގައި ނަގާ ވޯޓަކާ ގުޅޭ ގޮތުން ނިންމި ނިންމުމާ މިހާރު ޓްރައިބިއުނަލްގައި ކުރިއަށްދާ މައްސަލަ އަކީ ދެ މައްސަލައެއް ކަމަށް ވެސް އެ އޮފީހުން ތަކުރާރުކޮށް ބުނެފައިވެ އެވެ.

އދ.ގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމުމުން ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލިދާނެ ކަމަށް ބުނެ ބޮޑެތި ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

އދ. ގައި ނަގާ ވޯޓާ ގުޅޭ ގޮތުން ރާއްޖޭގެ ސްޓޭންޑް ބަދަލުކުރި މައްސަލަ ހޫނުވެފައި ވަނިކޮށް، ރާއްޖޭގެ އެންމެ އެންމެ ތަޖުރިބާކާރު އެއް ގާނޫނީ ވަކީލު މުއިއްޒު ވިދާޅުވީ، އިޓްލޮސް އަށް ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު ރާއްޖޭގެ ކޭސްގައި, ދޫތަކެއް ދީފައިވާ ތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. ވަކީލުންގެ ރަނގަޅު ޓީމަކާ އެކު މަސައްކަތްކޮށްފައި ވަނީ ދައުލަތުގެ މަސްލަހަތުގައި ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

ރާއްޖޭގެ ހައްގުތައް ހިމާޔަތްކޮށް މަސްލަހަތުގައި ރަނގަޅު މަސައްކަތްކޮށްފައިވާ ކަމަށް ފެންނަނީ. ރާއްޖޭގެ ހައްގެއް ދޫކޮށްލައި ހައްގަކަށް އުނިކަމެއް އަންނަ ގޮތަކަށް މަސައްކަތްކޮށްފައިވާ ތަނެއް ނުފެނޭ. -- މުއިއްޒު

ލިއުންތަކާ ހަވާލާދެއްވައި މުއިއްޒު ވިދާޅުވީ، އެ މަސައްކަތުގައި ރާއްޖޭގެ ހައްގަކަށް އުނިކަން އަންނަ ކަމެއް ހިނގާފައި ނެތް ކަމަށެވެ.

"ރާއްޖޭގެ ހައްގުތައް ހިމާޔަތްކޮށް، މަސްލަހަތުގައި ރަނގަޅު މަސައްކަތް ކޮށްފައިވާ ކަމަށް ފެންނަނީ. ރާއްޖޭގެ ހައްގެއް ދޫކޮށްލައި ހައްގަކަށް އުނިކަމެއް އަންނަ ގޮތަކަށް މަސައްކަތްކޮށްފައިވާ ތަނެއް ނުފެނޭ," އޭނާ ވިދާޅުވި އެވެ.

ރާއްޖެއިން ސްޓޭންޑް ބަދަލުކުރުމުން ފައިދާ އޮތީ ވަކި ބަޔަކަށް ކަމަށް ކުރާ ތުހުމަތުގައި ވެސް ބުރަދަނެއް އޮތްތޯ ސުވާލުކުރުމުން، މުއިއްޒު އަލިއަޅުއްވާލެއްވީ ރޭގެ ޕްރެސް ކޮންފަރެންސްގައި، ރާއްޖޭގެ ފަރާތުން އިޓްލޮސްގައި އިސްކޮށް ވަކާލާތުކުރައްވާ ޕްރޮފެސަރު ޕަޔަމް އަޚަވަންދެއްކެވި ވާހަކައަަކަށެވެ.

"ޕްރޮފެސާ ރޭގައި ވާހަކަ ދައްކަމުން ވިދާޅުވީ، ކޮންމެ ގައުމެއް ވިޔަސް އިން ވަކިކުރުމުގައި އެއް މިންގަނޑެކޭ ގެންގުޅޭނީ. އަޅުގަނޑު ދަންނަވާ އެއްޗެއް ނޫން ދެއްތޯ. އެހެންވީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖެ އިން މަސައްކަތްކޮށްފައި ވަނީ ރަނގަޅު ޓީމެއް ނަގައިގެން ދައުލަތުގެ މަސްލަހަތުގައި," ރާއްޖޭގެ ފުރަތަމަ ޕްރޮސެކިއުޓާ ޖެނެރަލް މުއިއްޒު ވިދާޅުވި އެވެ.

"އެއްވެސް ކަމެއް ކޮމްޕްރޮމައިސްކޮށްފައެއް ނެތް ދެއްތޯ. އެކަން ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮތް ކަމަށް އަޅުގަނޑު ދެކެނީ."

ޕްރޮފެސަރު ވިދާޅުވެފައި ވަނީ ކޮންމެ ގޮތަކަށް މައްސަލަ ނިމުނަސް ރާއްޖޭން ބައެއް ނުގެއްލޭނެ އެވެ. ހިލާފު އުފެދިގެން އުޅެނީ ދެ ގައުމުގެ އިން ފުށުއަރާ ސަރަހައްދުގެ 3000-4000 ކިލޯމީޓަރުގެ ސަރަހައްދަކާ މެދުގައި ކަމަށާއި އެއީ ފުށުއަރާ ހިސާބުގެ އެންމެ ފަސް ޕަސެންޓް ކަމަށް އޭނާ ވިދާޅުވި އެވެ.