Roadha Mihaaru
އިސްލާމިކް ފައިނޭންސިން އިންސްޓިޓިއުޓް ގާއިމުކޮށްފި

އިސްލާމިކް ފައިނޭންސިން ދާއިރާ އިން ތައުލީމު ދޭ އިންސްޓިޓިއުޓެއް ގާއިމުކޮށްފި

23 އެޕްރީލް 2017

މޯލްޑިވްސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސް (އެމްސީއައިއެފް)ން އިސްލާމިކް ފައިނޭންސިންގެ ދާއިރާ އިން ތައުލީމު ފޯރުކޮށްދޭ އިންސްޓިޓިއުޓެއް މިއަދު އިފްތިތާހުކޮށްފި އެވެ.

މޯލްޑިވްސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސް (އެމްސީއައިއެފް)ން އިސްލާމިކް ފައިނޭންސިންގެ ދާއިރާ އިން ތައުލީމު ފޯރުކޮށްދޭ އިންސްޓިޓިއުޓެއް މިއަދު އިފްތިތާހުކޮށްފި އެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އިންސްޓިޓިއުޓް އިފްތިތާހުކޮށްދެއްވީ ހޯމް މިނިސްޓަރު އަޒްލީން އަހުމަދެވެ.

އެމްސީއައިއެފް އިފްތިތާހު ކޮށްދެއްވުމަށް ފަހު މިނިސްޓަރު ވިދާޅުވީ ރާއްޖެ އަކީ ކުރިއަށް އޮތް ދުވަސްތަކުގައި އިސްލާމިކް ފައިނޭންސިން ދާއިރާގައި ދުނިޔޭގެ ފެންވަރުގެ މީހުން ބިނާކުރެވޭ ހަބަކަށް ވާނެ ކަމަށެވެ.

"ރާއްޖެ އަކީ އޮފްޝޯ ފައިނޭންސިން ދާއިރާ އިން އާއި އެ ނޫން އެހެންވެސް ދާއިރާ އިން، ދުބާއީ ކަހަލަ ހަބަކަށް ވެގެން ދިއުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަމާޒެއް. ދުބާއީ ކަހަލަ ތަންތަނަށް ދުނިޔޭގެ ބޮޑު އިންވެސްޓަރުން ގޮސް އެތަނުގައި އިންވެސްޓް ކުރަނީ އެތަންތަނުގައި ކަންތައްތައް ފަހިވެފައި ހުންނަލެއް ފުރިހަމަކަމުން،" އަޒްލީން ވިދާޅުވި އެވެ.

މޯލްޑިވްސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސްގެ އިންސްޓިޓިއުޓް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު އަދި އިސްލާމިކް ފައިނޭންސް ސެންޓަރު އެމްޑީ ވާހަކަދައްކަވަނީ. ފޮޓޯ: ބްލެކް

މޯލްޑިވްސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސްގެ އިންސްޓިޓިއުޓް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު އަދި އިސްލާމިކް ފައިނޭންސް ސެންޓަރު އެމްޑީ ވާހަކަދައްކަވަނީ. ފޮޓޯ: ބްލެކް

މިނިސްޓަރު ވިދާޅުވި ގޮތުގައި، ރާއްޖޭގައި މިހާތަނަށް ވެސް މާލީ އެހީ ފޯރުކޮށްދެމުން އަންނަނީ ކޮންވެންޝަނަލް ސިސްޓަމަކުންނެވެ. އަދި އެ ސިސްޓަމްގައި އިސްލާމިކް ބައެއް ނެތުމުން، ރާއްޖެ އަށް ވަކިން އިސްލާމިކް ފައިނޭންސް އަންނަ ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އަޒްލީން ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްސީއައިއެފްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ދީދީ ވިދާޅުވީ އަލަށް އިފުތިތާކުރި އިންސްޓިޓިއުޓް ވާނީ މާލީ ދާއިރާ އަށް ބޭނުންވާ ހުނަރުވެރި މީހުން ބިނާކުރާނެ ވަރަށް މުހިންމު ތަނަކަށް ކަމަށެވެ.

"މި އިންސްޓިޓިއުޓްގެ މައިގަނޑު ބޭނުމަކީ ފައިނޭންޝަލް ޕްރޮޑަކްޓްތައް ސްޓްރަކްޗާ ކުރާނެ މީހުންނާއި އެ ޕްރޮޑަކްޓްތައް ކަސްޓަމަރުންނާ ހަމަޔަށް ގެނެސްދޭނެ މީހުން ބިނާކުރުން. މި ހިދުމަތްތައް ފޯރުކޮށްދިނުމުގެ އެންމެހައި ކަންތައްތައް ކުރާނެ މީހުންގެ ހުނަރު އިތުރު ކޮށްދިނުން. ބޭރުގެ ފަރާތްތަކުން ވެސް ބަލައިގަންނަ ހުނަރުވެރި ޕްރޮފެޝަނަލް މީހުން ގިނަ ގައުމަކަށް ރާއްޖެ ހެދުން،" އޭނާ ވިދާޅުވި އެވެ.

އިބްރާހިމް ދީދީ ވިދާޅުވީ އިސްލާމިކް ފައިނޭންސިންގެ ދާއިރާ އިން މީހުން ބިނާކުރުމަށް ވަރަށް ގިނަ ގައުމުތަކުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށެވެ. އެގޮތުން އެ ގައުމުތަކުގައި ހުރި ދުވަސްވީ ބޮޑެތި ޔުނިވާސިޓީތަކުން އެކަޑަމިކް ސެޓްފިކެޓްތަކާއި ރިސާޗް ހެދޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މޯލްޑިވްސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސްގެ ޗެއާޕާސަން ޑރ. އައިޝަތު މުނީޒާ މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ. ފޮޓޯ: ބްލެކް

މޯލްޑިވްސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސްގެ ޗެއާޕާސަން ޑރ. އައިޝަތު މުނީޒާ މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ. ފޮޓޯ: ބްލެކް

ސެންޓަ ފޯ އިސްލާމިކް ފައިނޭންސްގެ ޗެއާޕާސަން ޑރ. އައިޝަތު މުނީޒާ ވިދާޅުވީ އެ ސެންޓަރަކީ ހަމައެކަނި ރާއްޖެ އަށް ފޯކަސްކޮށްގެން ތަމްރީނު ޕްރޮގްރާމްތައް ހިންގާނެ މުއައްސަސާއެއް ނޫން ކަމަށެވެ.

"ސައުތު އޭޝިއާގައި އަޅުގަނޑުމެން އެބަ ބޭނުންވޭ އިސްލާމިކް ފައިނޭންސްގެ ހަބަކީ ރާއްޖެކަން ދައްކައިދޭން. އަދި އެގޮތަށް ދައްކައި ދިނުމުގައި ސްޓްރެޓީޖިކަލީ ވިސްނަން ޖެހޭ،" މުނީޒާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެ އަކީ މުސްލިމު ގައުމެއް ކަމަށްވާއިރު، ރާއްޖޭގައި އިސްލާމިކް ފައިނޭންސިން ދާއިރާ އިން އިންސާނީ ވަސީލަތް ތަރައްގީކޮށް، މި ސަރަހައްދު ހަބަކަށް ރާއްޖެ ހެދުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި އިންސްޓިޓިއުޓް ގާއިމުކުރުމަކީ މި ސަރަހައްދުގައި އިސްލާމިކް ފައިނޭންސް ދިރުވައި އާލާކޮށްދޭން އަޅާ ފުރަތަމަ ފިޔަވަޅު ކަމަށް ވެސް މުނީޒާ ވިދާޅުވި އެވެ.