Roadha Mihaaru
މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ބަލައިގެންފި

މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ބަލައިގެންފި

13 ޖޫން 2016

މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނަށް މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި އިސްލާހު މާބޮޑު ބަހުސަކާ ނުލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފި އެވެ. އަދި އިތުރަށް ދިރާސާ ކުރުމަށް އިގްތިސާދީ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނަށް މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި އިސްލާހު މާބޮޑު ބަހުސަކާ ނުލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފި އެވެ. އަދި އިތުރަށް ދިރާސާ ކުރުމަށް އިގްތިސާދީ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި އިސްލާހު ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 34 މެމްބަރެކެވެ. އަދި އިސްލާހު ބަލައިގަންނަން ނުފެންނަ ކަމަށް 18 މެމްބަރަކު ވޯޓު ދެއްވިއިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ.

މި އިސްލާހަށް ބަހުސް ކުރުމަށް ރިޔާސަތުން ހުޅުވާލި ފުރުސަތުގައި ވާހަކަ ދެއްކެވީ ދެ ތިން މެމްބަރެކެވެ. އަދި ގިނަ މެމްބަރުން އިސްލާހާ ގުޅޭ ގޮތުން ވާހަކަ ދެއްކެވުމުގެ ބަދަލުގައި، އެހެން ކަންކަމާ ބެހޭ ގޮތުން ވާހަކަ ދެއްކެވި ކަން ފާހަގަކޮށްލެވެ އެވެ. ބިލަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ވެސް ވަނީ މި އިސްލާހަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވައިފަ އެވެ.

ރިފާއު ވިދާޅުވި ގޮތުގައި މި އިސްލާހުގެ ބޭނުމަކީ އިސްލާމިކް ފައިނޭންސްގެ އެކި ބާވަތުގެ އުފެއްދުންތައް ތައާރަފްކޮށް، ވިޔަފާރިތަކަށް ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ފަންޑު ހޯދައި ދިނުމެވެ.

މަޖިލީހުގެ ޖަލްސާއެއްގައި ރިފާއު ވާހަކަ ދައްކަވަނީ. އޭނާ ވަނީ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައި. - ފޮޓޯ: މަޖިލިސް

މަޖިލީހުގެ ޖަލްސާއެއްގައި ރިފާއު ވާހަކަ ދައްކަވަނީ. އޭނާ ވަނީ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައި. - ފޮޓޯ: މަޖިލިސް

އިސްލާހުގައި ވަނީ ރާއްޖޭގެ ކުންފުނިތައް މެދުވެރިކޮށް، ފަންޑް މެނޭޖު ކުރުމުގެ ހުއްދަ ދޫކުރުމާ ބެހޭ އުސޫލުތައް އެކުލަވާލުމަށެވެ. މިއީ އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށް ވަރަށް ބޮޑު އެހީތެރިކަމެއްދޭ ފަންޑުތަކެކެވެ.

މީގެ އިތުރުން އިންވެސްޓަރުންގެ ފަންޑުތައް ހަރުދަނާ އުސޫލެއްގެ ދަށުން އަމިއްލަ ވިޔަފާރިތަކަށް ފޯރުކޮށްދެވޭނެ މަގު ފަހިކުރުމަކީ އަމިއްލަ ވިޔަފާރިތައް ތަރައްގީ ކުރަން ކުރެވޭ މަސައްކަތްތައް އިތުރަށް ފުރިހަމަކޮށްދޭނެ ކަމެއް ކަމަށް ވެސް އިސްލާހުގައިވެ އެވެ. މި އިސްލާހުގެ ސަބަބުން ކެޕިޓަލް މާކެޓު ޑިވެލޮޕުމަންޓު އޮތޯރިޓީ (ސީއެމްޑީއޭ) އަށް މެމްބަރުން އައްޔަން ކުރެއްވުމުގެ ހުރިހާ ބާރެއް ލިބިވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ. ސީއެމްޑީއޭގެ ބޯޑު މެމްބަރަކު މަގާމުން ވަކި ކުރެވޭނީ ޖިނާއީ ކުށެއް ކުރިކަން ޝަރުއީ ކޯޓަކުން ސާބިތުވެ، އޭނާގެ މައްޗަށް ހުކުމެއް އައުމުންނާއި މެމްބަރުކަމުގެ މަގާމުގައި ހުރެ ކޮށްގެން ނުވާނެ ފަދަ ކަމެއް ކުރުމުންނެވެ. އަދި އެއްވެސް ހާލަތެއް މެދުވެރިވެގެން މެމްބަރަކު ބޯޑުން ވަކިވެއްޖެނަމަ 60 ދުވަހުގެ ތެރޭގައި ބޯޑަށް މެމްބަރަކު އައްޔަން ކުރަން ވާނެ ކަމަށެވެ.

މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނަކީ ރާއްޖޭގައި ސެކިއުރިޓީޒް އިޝޫ ކުރުމާއި، ގަނެވިއްކުމާއި ކެޕިޓަލް މާކެޓް ކުރިއެރުވުމަށް 2006 ވަނަ އަހަރު ފާސްކުރި ގާނޫނެކެވެ. މި ގާނޫނުގެ ދަށުން ކެޕިޓަލް މާކެޓް ރެގިއުލޭޓްކުރާ މުއައްސަސާއަކާއި ސްޓޮކް އެކްސްޗޭންޖާއި މާކެޓް ފަންކްޝަން ކުރުމަށް ބޭނުންވާ އެހެން އިންތިޒާމުތައް ވަނީ ހަމަޖެހިފަ އެވެ.