Roadha Mihaaru
އެކައުންޓް ހިފެހެއްޓުމުގެ ބާރު ދިނުމާމެދު ހިޔާލު ތަފާތު

ސްކޭމް އެކައުންޓްތައް ފްރީޒްކުރުމުގެ ބާރު ފުލުހުންނަށް ދިނުމާމެދު ޕީއެންސީގެ މެންބަރުންގެ ހިޔާލު ތަފާތު

20 އޯގަސްޓް 2024

މަކަރާއި ހީލަތުން ނުވަތަ ސްކޭމްކޮށްގެން ފައިސާ ހޯދާ މައްސަލަތަކުގައި ކޯޓު އަމުރަކާ ނުލައި ވަގުތީ ގޮތުން ބޭންކް އެކައުންޓްތައް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ދޭން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި އިސްލާހާ މެދު، ސަރުކާރު ހިންގާ ޕީއެންސީ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

މަކަރާއި ހީލަތުން ނުވަތަ ސްކޭމްކޮށްގެން ފައިސާ ހޯދާ މައްސަލަތަކުގައި ކޯޓު އަމުރަކާ ނުލައި ވަގުތީ ގޮތުން ބޭންކް އެކައުންޓްތައް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ދޭން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި އިސްލާހާ މެދު، ސަރުކާރު ހިންގާ ޕީއެންސީ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވެއްޖެ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

ޖިނާއީ އިޖްރައާތުގެ ގާނޫނުގެ 73 ވަނަ މާއްދާ މިހާރު އޮންނަ ގޮތުން ބޭންކް އެކައުންޓެއް މޮނިޓާ ކުރުމުގެ އަމުރެއްގެ ދަށުން ބަލަމުންދާ ބެލުންތަކުގައި ޖިނާއީ ބޮޑު ކުށެއް ފާހަގަވާ ކަމަށްވާނަމަ، އެ އެކައުންޓްގައިވާ ފައިސާ ވަކި މުއްދަތަކަށް ހިފެހެއްޓޭނީ ހަމައެކަނި ކޯޓު އަމުރެއްގެ ދަށުންނެވެ.

މެންބަރު މުހައްމަދު އިބްރާހިމް އިސްލާހު ހުށަހެޅުއްވީ އެ މާއްދާ އިސްލާހު ކުރުމާއެކު، ވަގުތީ ގޮތުން އެކައުންޓްތައް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ދިނުމަށެވެ.

އެ އިސްލާހުގައިވަނީ ޖިނާއީ ބޮޑު ކުށްތަކުގެ އިތުރުން މަކަރާއި ހީލަތުން ނުވަތަ ސްކޭމްއަކުން ފައިސާ ނަގާކަން ނުވަތަ އެކަމަށް ބާރުދޭ ސަބަބުތަކެއް ހުރި ނަމަ އެކަމާ ގުޅުންހުރި އެކައުންޓްތައް ވަކި މުއްދަތަކަށް ހިފެހެއްޓުމަށް ކޯޓު އަމުރަކަށް އެދެވިދާނެ ކަމަށެވެ. އަދި ކޯޓުން ގޮތެއް ނިންމަން ހޭދަވާ މުއްދަތުގައި އެކައުންޓްގައިވާ ފައިސާ ނުވަތަ އެ އެކައުންޓަކުން އެހެން އެކައުންޓްތަކަށް ޓްރާންސްފާ ކުރި ފައިސާ ހިފަހައްޓަން އަމުރެއް ފުލުހުންނަށް ނެރެވިދާނެ ކަމަށް އެ އިސްލާހުގައިވެ އެވެ.

އެ އަމުރު ނެރެންވާނީ އިސްލާހުގައިވާ ގޮތުން، ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެކެވެ. އަދި އެކައުންޓް ހިފެހެއްޓުމުގެ އަމުރު ލަސްނުކޮށް ބޭންކާއި އެމްއެމްއޭއަށް އަންގަން ވާނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.

މި އިސްލާހަށް ތާއީދު ކުރައްވާ ތިނަދޫ ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވީ މިފަދަ ކަންކަމުން ސަލާމަތްވުމަށް މިފަދަ ގާނޫނެއް މުހިންމު ކަމަށާއި ފުލުހުންގެ ފަރާތުން މިފަދަ ވާހަކައެއް ދެކެވެނީ އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވާ މައްސަލަ ތަހުގީގު ކުރަން ދަތިތަކެއް ހުރުމުން ކަމަށެވެ.

"އެ ލާރި ނަގައިގެން އެ ބޭނުން ކުރުމުގެ ކުރިން އެ ފައިސާ ހޯލްޑް ކުރެވިގެން އެ ފައިސާ އަނބުރާ ލިބޭނެ ގޮތެއް ވޭތޯ ބެލުމަކީ ކޮންމެ ރައްޔިތަކަށް ވެސް ވަރަށް މުހިންމު ކަމެއް،" ޕީއެންސީއަށް ނިސްބަތްވެ ވަޑައިގަންނަވާ ސައުދުﷲ ވިދާޅުވި އެވެ.

ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް: އޭނާ ވަނީ މި ބިލުގައިވާ މާއްދާއަށް ރިއާޔަތް ކުރަން އެދޭ ކަމަށް ވިދާޅުވެފައި - ފޮޓޯ: މަޖިލިސް

ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް: އޭނާ ވަނީ މި ބިލުގައިވާ މާއްދާއަށް ރިއާޔަތް ކުރަން އެދޭ ކަމަށް ވިދާޅުވެފައި - ފޮޓޯ: މަޖިލިސް

ފުލުހުންނަށް މިފަދަ ބާރުތަކެއް ދެވިއްޖެނަމަ، ގިނަ ބައެއްގެ ފައިސާ ރައްކާތެރިކުރެވި، މުޖުތަމައުގެ ތެރޭގައި ހަމަޖެހުން ގާއިމް ކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ވިދާޅުވީ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ޖިނާއީ އިޖްރައާތުގެ ގާނޫނަށް އިސްލާހުތަކެއް ގެންނަން މަސައްކަތް ކުރާއިރު، ކޮމިޓީ މަރުހަލާގައި ވެސް މިކަމަށް ރިއާޔަތް ކުރަން އެދޭ ކަމަށެވެ.

އޭނާ ވިދާޅުވީ ވެސް ސްކޭމްގެ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާއިރު ހައްލެއް ބޭނުންވާ ކަމަށެވެ. ފުލުހުންނަށް ދޭ ބާރުތަކާއެކު ތެދުވެރިކަމާއެކު ޒިންމާ އަދާކުރާ ނަމަ، ވަރަށް ގިނަ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް އަނާރާ ވިދާޅުވި އެވެ.

ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވީ ސްކޭމްގެ މައްސަލަތައް ތަހުގީގުކޮށް ނިމެންދެން އެކައުންޓުގައިވާ ފައިސާ ހިފެހެއްްޓުމުގެ ބާރު ފުލުހުންނަށް ދިނުމަށް މީގެ ކުރިން ވެސް އެދިފައިވާ ކަމަށާއި ސްކޭމްގެ މައްސަލަތައް ހުއްޓުވުމަށް ގާނޫނަށް އެފަދަ އިސްލާހެއް ގެނައުމަށް އެދޭ ކަމަށެވެ.

ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ--ފޮޓޯ: މަޖިލިސް

ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ--ފޮޓޯ: މަޖިލިސް

ޕީއެންސީ އެހެން ބައެއް މެންބަރުން ވެސް ވަނީ ވަގުތީ ގޮތުން ފައިސާ ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ދެވިއްޖެނަމަ، ސްކޭމްގެ މައްސަލަތައް މަދުވެ، މިފަދަ މައްސަލަތަކުގައި ފައިސާ ގެއްލުން ހުއްޓުވިގެން ދާނެ ކަމަށެވެ.

ނަމަވެސް މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވީ މިއީ ގާނޫނީ ގޮތުން ބޭނުންވާ ހައްލެއް ނަމަވެސް ބިލުގެ ބައެއް މާއްދާތައް ހުރީ ވަކި ބަޔަކަށް ޓާގެޓުކޮށް ނާޖާއިޒް ފައިދާ ނެގުމުގެ ފުރުސަތު ފުލުހުންނަށް ލިބޭ ގޮތަކަށް ކަމަށެވެ.

"އެ އަދަދު ބްލޮކް ކުރެވޭނެ ކޮންމެވެސް ކަހަލަ މެކޭނިޒަމަކަށް ލާން ޖެހޭ. މުޅި އެކައުންޓު އެއްކޮށް ފްރީޒް ވެއްޖެ ކަމަށް ވެއްޖެއްޔާ ވިޔަފާރި ހުއްޓިގެން ގޮސްދާނެ. މީގެ ނާޖާއިޒް ފައިދާއެއް ނެެގުމުގެ ފުރުސަތު އެބައޮތް. މި އިސްލާހު މި ގޮތަށް އޮވެއްޖެއްޔާ،" ރިފާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އިސްލާހަށް މައިގަނޑު ގޮތެއްގައި ތާއީދު ކުރެއްވި ނަމަވެސް، މި ބިލަށް އިތުރު އިސްލާހު ގެނެސް އިތުރަށް ފުރިހަމަ ކުރަން ޖެހޭ ކަމަށެވެ.

މެމްބަރު ހުސްނީ މުބާރަކް: އޭނާ ވެސް ވަނީ މި ބިލުން ސްކޭމްގެ މައްސަލައަށް ހައްލެއް ނާންނާނެ ކަމަށް ވިދާޅުވެފައި --- ފޮޓޯ/މަޖިލިސް

މެމްބަރު ހުސްނީ މުބާރަކް: އޭނާ ވެސް ވަނީ މި ބިލުން ސްކޭމްގެ މައްސަލައަށް ހައްލެއް ނާންނާނެ ކަމަށް ވިދާޅުވެފައި --- ފޮޓޯ/މަޖިލިސް

އިސްލާހާ ދެކޮޅު ހެއްދެވި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވީ ބިލް ހުށަހަޅާފައިވަނީ ރަނގަޅު މަގްސަދެއްގައި ކަމުގައި ވިޔަސް، މި ބިލުން ސްކޭމުގެ މައްސަލަތަކަށް ހައްލެއް ލިބިގެން ދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ ސްކޭމްގެ ގިނަ މައްސަލަތަކުގައި އެކައުންޓަށް ފައިސާ ފޮނުވުމަށްފަހު، މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެތައް އެކައުންޓެއްގައި އެ ފައިސާ ރޯލްކުރާ ކަމަށާއި ހުށަހަޅާފައި އޮތް އިސްލާހުން އެކަމަށް ހައްލު ނާންނާނެ ކަމަށެވެ.

އެހެންކަމުން ފުލުހުން އެކައުންޓު ފްރީޒް ކުރަން އެދޭއިރުވެސް ފައިސާ އޮންނާނީ ގެއްލިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން: އޭނާ ވިދާޅުވީ ސްކޭމްގެ މައްސަލައަށް ހައްލު އަންނާނީ ބޭންކިން ނިޒާމަށް ހައްލު ގެނެވިގެން ކަމަށް --

ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން: އޭނާ ވިދާޅުވީ ސްކޭމްގެ މައްސަލައަށް ހައްލު އަންނާނީ ބޭންކިން ނިޒާމަށް ހައްލު ގެނެވިގެން ކަމަށް --

މި ގާނޫނުން ސްކޭމްތައް ހުއްޓުވުމަށް އެއްވެސް ހައްލެއް ނާންނާނެ ކަމަށާއި އެކަމަށް ހައްލު އަންނާނީ ބޭންކިން ނިޒާމަށް ހައްލު ގެނެވިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު ވިދާޅުވީ އިސްލާހުން ހާސިލް ކުރަން ބޭނުންވާ މަގްސަދު ހާސިލް ނުކުރެވޭނެ ކަމަށެވެ. އެގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާ އިސްލާހު ނުކޮށް އެ ގާނޫނުގެ 73 ވަނަ މާއްދާއަށް ގެންނަ އިސްލާހަކުން މި ކަން ހާސިލް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވެސް ވިދާޅުވީ މި މައްސަލަ ހައްލުކުރަން ބޭންކިން ސިސްޓަމަށް މުހިންމު އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށެވެ.