Roadha Mihaaru

ކުރީގެ މެންބަރުންނަށް ދޭ އިނާޔަތްތައް ކަނޑާލަން ކުޑޫ ތާއީދުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރިން ކުރައްވައިފައިވާ ބޭފުޅުންނަށް ދައުލަތުންދޭ ހުރިހާ އިނާޔަތެއް ކަނޑާލަން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ތާއީދުކުރައްވައިފި އެވެ.

ކުރީގެ މެމްބަރުންނަށް ދޭ އިނާޔަތް ކަނޑާލަން ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރިން ކުރައްވައިފައިވާ ބޭފުޅުންނަށް ދައުލަތުންދޭ ހުރިހާ އިނާޔަތެއް ކަނޑާލަން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ތާއީދުކުރައްވައިފި އެވެ.

ކުރީގެ މެންބަރުންނަށާއި ކުރީގެ ރައީސުންނަށް ދައުލަތުންދޭ އިނާޔަތްތައް ކުޑަކުރަން ނުވަތަ ކަނޑާލަން ސޯޝަލް މީޑިއާގައި ބައެއް މީހުން ގޮވައިލަމުން އަންނަ އިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވެރިކަންކުރާ، އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ މަޝްވަރާއަށް އެ ވިސްނުން ހުށަހަޅުއްވައިފަ އެވެ.

ކުރީގެ މެންބަރުންނަށް ދޭ އިނާޔަތްތައް ކަނޑާލަން ގޮވައިލައްވައި އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ކުޑޫ ވިދާޅުވީ މުޅި އުމުރު ދައުލަށް ހިދުމަތްކޮށްފައި، ސަރުކާރުގެ އިސް މަގާމުތައް އަދާކޮށްފައިވާ ކިތަންމެ ބަޔަކު ބޮޑެތި ބަލިތަކަށް ބޭސްކުރަން "ސަލާންޖަހަމުންދާ" ކަމަށެވެ. އެ ފަދަ އެތައް ބަޔަކު ރާއްޖޭގައި އުޅޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"...ވަޒީފާއިން ވަކިވުމަށް ފަހު އެ ފަރާތްތަކަށް ނުލިބޭ އިނާޔަތެއް، ގަަދަރެއް އިއްޒަތެއް، ރައްޔިތުންގެ މަޖިލިސް މެންބަރަކަށް ވީތީ ލިބުމަކީ އިންސާފެއް ނޫން. އެކަން ބަލައެެއް ނުގަނެވޭނެ،" އެކްސްގައި ކުރެއްވި ޕޯސްޓްގައި ކުޑޫ ވިދާޅުވި އެވެ.

ކުރީގެ ރައީސުންނާއި މަޖިލީހުގެ ކުރީގެ މެންބަރުންނާއި މިހާރުގެ މެމްބަރުންނަށް ދައުލަތުން ކުރާ ހަރަދު ބޮޑުވެ، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދާދިފަހުން ކަންބޮޑުވުން ފާޅުކުރަން ފެށީ ކުރީގެ މެމްބަރުންނަށާއި މިހާރުގެ މެންބަރުންނަށް ދައުލަތުން ކުރާ ހަރަދުގެ ތަފާސް ހިސާބުތައް އާއްމުކުރުމާ ގުޅިގެންނެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މީހަކު ހޯދައި، ސޯޝަލް މީޑިއާގައި އާއްމުކުރި ތަފާސްހިސާބުތަކުން ދެއްކި ގޮތުގައި ކުރީގެ މެމްބަރުންގެ ހެލްތު އިންޝުއަރެންސަށް އެކަނި ވެސް މިދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި 18 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވި އެވެ.

އަދި މިހާރުގެ މަޖިލީހުގެ މެމްބަރުން ވީއައިޕީ ލައުންޖް ބޭނުން ކުރުމުގެ ހަރަދުތަކަށް މިދިޔަ އެއް އަހަރު ތެރޭގައި 1.5 މިލިއަނެއްހާ ރުފިޔާ ހަރަދު ކޮށްފައިވާކަން ވެސް އެ ހިސާބުތަކުން ވަނީ ހާމަވެފަ އެވެ.

މަޖިލީހުގެ ކުރީގެ މެމްބަރުން އުމުރުން 55 އަހަރުވުމަށްފަހު ކޮންމެ މަހަކު ދައުލަތުން އިނާޔަތެއް ދޭއިރު، ކުރީގެ ރައީސުންނަށް ވެސް ދައުލަތުން ކޮންމެ މަހަކު މާލީ އިނާޔަތްތައް ދެ އެވެ.