Roadha Mihaaru
އިސްލާމިކް ފައިނޭންސާ އެއްގޮތަށް ރިސޯޓު ތަރައްގީ ކުރަނީ

އިސްލާމިކް ފައިނޭންސާ އެއްގޮތަށް ރިސޯޓުތައް ތަރައްގީ ކުރަނީ

29 މެއި 2016

ރާއްޖޭގެ ރިސޯޓުތައް އިސްލާމިކް ފައިނޭންސް ނިޒާމުގެ ދަށުން ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގެ ރިސޯޓުތައް އިސްލާމިކް ފައިނޭންސް ނިޒާމުގެ ދަށުން ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ "ބައިއު މުއައްޖަލް" ފައިނޭންސް ޕްރޮޑަކްޓް ތައާރަފް ކުރަން ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖިހާދު ވިދާޅުވީ ޓޫރިޒަމް ދާއިރާ އަށް އިސްލާމިކް ފައިނޭންސް ތައާރަފް ކުރަން ފިނޭންސުން ތައްޔާރު ކުރި ކަރުދާސް ކަމާ ބެހޭ ފަރާތްތަކަށް ފޮނުވާފައިވާ ކަމަށެވެ.

އަޅުގަނޑުމެން ދެކޭ ހިތް އޮތީ ރާއްޖޭގެ ރިސޯޓުތައް އިސްލާމީ ޝަރީއާއާ އެއްގޮތަށް ހުޅުވިގެންދާ ތަން. އޭރުން ލިބޭ ވަރަށް ބޮޑު ފަހުރަކަށް ވެގެން ދާނީ. -ޖިހާދު

މިނިސްޓަރު ވިދާޅުވީ ސަރުކާރުން އިސްލާމިކް ފައިނޭންސަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭ ކަމަށެވެ. އަދި ދާއިރާ އިން ކިޔަވައިގެން ތިބި މީހުންނަށް ކުރިއަށް ދެވޭނެ ފުރުސަތު ތަނަވަސްކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖިހާދު ވިދާޅުވި ގޮތުގައި ސަރުކާރުން އިސްލާމިކް ފައިނޭންސް ސެންޓަރާއި ހަޒާނާ މޯލްޑިވްސްގެ ބޭނުމަކީ ވެސް އިސްލާމިކް ފައިނޭންސްގެ ޕްރޮޑަކްޓްތައް ތައާރަފް ކުރުމެވެ.

މީގެ އިތުރުން ރާއްޖޭގައި އިންޓަނޭޝަނަލް ފައިނޭންސް ސެންޓަރެއް ގާއިމް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި ސެންޓަރު ގާއިމް ކުރުމަށް ހުޅުމާލެއިން ބިމެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެޗްޑީސީން މިއަދު ވަނީ "ބައިއު މުއައްޖަލް" އިސްލާމިކް ފައިނޭންސް ޕްރޮޑަކްޓުން ބޮޑު ލުޔެއް ލިބޭނެ ކަމަށް ބުނެފަ އެވެ. މި ނިޒާމުގެ ދަށުން އެ ކުންފުނިން ވިއްކާ ބިން، ފްލެޓް، ރޯހައުސް އަދި އިމާރާތްގަނޑުކޮށް ނުވަތަ އިންސްޓޯލްމަންޓްތަކަށް ބަހާލައިގެން ފައިސާ ދައްކާ ހަލާސްކުރާ ގޮތަށް އެ ކުންފުނީގެ މުދަލެއް ގަތުމުގެ ފުރުސަތު އިސްލާމީ އުސޫލުތަކާ އެއްގޮތަށް ފަހިކޮށްދެ އެވެ.