Roadha Mihaaru
މުވައްޒަފުގެ މަރުގައި ކަނޑިންމަގެ އިހުމާލުވޭތޯ ބަލަނީ

ކަނޑިންމަ މުވައްޒަފުގެ މަރުގެ މައްސަލަ އެޗްއާރުސީއެމުން ބަލަނީ

05 ނޮވެމްބަރ 2020

ކަނޑިންމައިން ކޮވިޑަށް ޕޮޒިޓިވްވި މުވައްޒަފު މަރުވުމުގައި އެ ރިސޯޓުގެ އިހުމާލެއްވޭތޯ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ތަހުގީގު ކުރަން ފަށައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކަނޑިންމައިން ކޮވިޑަށް ޕޮޒިޓިވްވި މުވައްޒަފު މަރުވުމުގައި އެ ރިސޯޓުގެ އިހުމާލެއްވޭތޯ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ތަހުގީގު ކުރަން ފަށައިފި އެވެ.

ކޮމިޝަނުން މިއަދު ބުނީ އެއީ ކޮމިޝަނުން އިސްނަގައިގެން ބަލަން ފެށި މައްސަލައެއް ކަމަށެވެ. ބޭސްފަރުވާގައި ކަނޑިންމައިން އިހުމާލުވެފައިވާ ކަމުގެ ތުހުމަތާ އެކު އާއިލާ އިން ވެސް ވަނީ އެ މައްސަލަ އެޗްއާރުސީއެމަށް ހުށަހަޅަން ނިންމައިފަ އެވެ.

އާއިލާ އާއި ގާތް މީހުން ބުނިގޮތުގައި އާދަމް ނަސީރު، 60، މަރުވީ ބަލިވެ އުޅޭތާ ގާތްގަނޑަކަށް 10 ދުވަސް ފަހުންނެވެ. އޭނާ ފަރުވާ އަށް އާއިލާގެ ގާތަށް ފޮނުވައިދޭން ތަކުރާރުކޮށް އެދުމުން ވެސް އެކަން ރިސޯޓުން ހަމަޖައްސައިނުދީ ލަސްކުރި ކަމަށް ތުހުމަތު ކުރެ އެވެ.

ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ ހާޓްއެޓޭކެއް ޖެހިގެން އޭނާ މަރުވި ފަހުން ޓެސްޓްކުރުމުންނެވެ. އެ ޓެސްޓް ހެދީ، ކޮވިޑުގެ އަލާމާތްތައް ފެންނަތާ ދުވަސްތަކެއް ވެފައިވާތީ އެވެ.

އޭނާގެ ބޭސްފަރުވާ އަށް އިހުމާލުވި ކަމަށް ކުރާ ތުހުމަތު ރިސޯޓުން ދޮގު ކުރެ އެވެ.

އެކަމަކު އާއިލާ އާއި ގާތް މީހުން ބުނަނީ، ހުން އަންނަން ފެށުމާ އެކު ރިސޯޓުގެ ކްލިނިކަށް ދައްކައި ބޭސް ކެއި ނަމަވެސް ލުޔެއް ނުލިބޭތީ ދެތިން ފަހަރަކު ޑޮކްޓަރަށް ދެއްކި އެވެ. ވަސް ނުދުވުމާއި ރަހަ ނުލުން ފަދަ ކޮވިޑުގެ އަލާމާތްތައް ފާހަގަވުމުން އެކަން ވެސް ރިސޯޓުގެ ޑޮކްޓަަރަށް އެންގި ކަމަށް ބައެއް މީހުން ބުންޏެވެ.

އޭނާ މަރުވީ ދ. ކުޑަހުވަދޫ ހޮސްޕިޓަލުގައި ފަރުވާ ދެނިކޮށެވެ. އެތަނަށް މިދިޔަ ހުކުރުދުވަހު އޭނާ ގެންދިޔައީ، މާބޮޑަށް ހާލު ސީރިއަސްވުމުން، ރިސޯޓު ޑޮކްޓަރުގެ ލަފަޔާ އެކުގަ އެވެ.

އެ މަރުގައި ރިސޯޓުގެ އިހުމާލު އޮތް ކަމަށް އާއިލާގެ އިތުރުން ޓޫރިޒަމް އެމްޕްލޯއީ އެސޯސިއޭޝަނުން ވެސް ވަނީ ތުހުމަތުކޮށްފަ އެވެ. މި މައްސަލަ ބަލައި އިންސާފު ހޯދައިދޭން، ރިސޯޓު މުވައްޒަފުންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ އިން ވަނީ ގޮވާލައިފަ އެވެ.

ކަނޑިންމައިން މަރުވި މީހާ ޕޮޒިޓިވްކަން އެނގުމާ އެކު ހުރިހާ މުވައްޒަފުން އަންނަނީ ޓެސްޓްކުރަމުންނެވެ. މިހާތަނަށް 46 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފަ އެވެ.