11 ނޮވެމްބަރ 2021
ފީނާއިރު ޑީކޮމްޕްރެޝަން ނުވަތަ ޑީކޯ ވާ މީހުންނަށް ފަރުވާ ދިނުމަށް ކަނޑިންމަ ރިސޯޓުގައި ހައިޕާބެރިކް (އެޗްބީއޯ) ޗެމްބަރެއް ބަހައްޓައިފި އެވެ.
ފީނާއިރު ޑީކޮމްޕްރެޝަން ނުވަތަ ޑީކޯ ވާ މީހުންނަށް ފަރުވާ ދިނުމަށް ކަނޑިންމަ ރިސޯޓުގައި ހައިޕާބެރިކް (އެޗްބީއޯ) ޗެމްބަރެއް ބަހައްޓައިފި އެވެ.
އެ ރިސޯޓުގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޗެމްބަރު ހުޅުއްވައި ދެއްވީ ދ. ކުޑަހުވަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ފިކުރީ އެވެ. މި ރަސްމިއްޔާތުގައި ކަނޑިންމަ ރިސޯޓުގެ އިސް ބޭފުޅުންނާއި ފުލުހުންނާއި ސިފައިންގެ ބައެއް އިސް ބޭފުޅުންނާއި ކުޑަހުވަދޫ ހޮސްޕިޓަލުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
ކަނޑިންމަ ރިސޯޓުގެ ކްލިނިކްގައި މި ޗެމްބަރު ހުޅުވާފައިވާއިރު، މިއީ ރާއްޖޭގައި މިވަގުތު އޮޕަރޭޝަންގައި ހުރި ހަތަރު ވަނަ ޑީކޮމްޕްރެޝަން ޗެމްބަރެވެ. އަދި މިއީ މާލެ އިން ދެކުނުގައި މި ވަގުތު ހުރި ހަމައެކަނި ޗެމްބަރު ވެސް މެ އެވެ.
ކުޑަހުވަދޫ ކައުންސިލްގެ ރައީސް، ކަނޑިންމަ ރިސޯޓުގެ ޑީކޮމްޕްރެޝަން ޗެމްބަރު ހުޅުއްވައި ދެއްވަނީ-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު
ކަނޑިންމަ ރިސޯޓުން ވަނީ މި ޗެމްބަރު ބޭނުން ކުރުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ހުޅުވާލައިފަ އެވެ. އަދި ރިސޯޓުތަކާއި ސިފައިންނާއި ފުލުހުންގެ ތަމްރީނުތަކުގައި އުޅޭއިރު ޑީކޯވާ މީހުންނަށް ފަރުވާ ދޭން ވެސް މި ޗެމްބަރު ދޫކުރާނެ އެވެ.
ޑީކޯ ވަނީ ފީނަން ގޮސް އުޅޭ ވަގުތު ބައެއް ފަހަރު މާ އަވަހަށް މައްޗަށް އަރަން އުޅެގެންނެވެ. މީގެ ސަބަބުން އޮކްސިޖަން ދައުރު ވުމުގައި މައްސަލަތައް ދިމާވެ ގޭސް ބޮކިތަކެއް އުފެދެ އެވެ. މި ބޮކިތަކުގެ ސަބަބުން ސްޓްރޯކު ޖެހުމާއި ގޭސް އެމްބޮލިޒަމް ފަދަ ކަންކަން ދިމާވެ އެވެ. ޑީކޯވާ ބަލިމީހާގެ ނޭވާލުން ރަނގަޅުކޮށް އޭނާގެ ނޭވާ ހޮޅީގައި އުފެދޭ ގޭސް ބޮކިތައް ނައްތައިލުމަށް ޑީކޮމްޕްރެޝަން ޗެމްބަރުން އެހީވާނެ އެވެ. މި ޗެމްބަރުގައި އެއް ފަހަރާ ގިނަވެގެން ތިން މީހުންނަށް ފަރުވާ ދެވޭނެ އެވެ.
ކަނޑިންމަ ރިސޯޓުގެ ޗެމްބަރުގައި ފަރުވާ ދިނުމުގައި ފުރަތަމަ ބޭނުން ކުރާނީ "ޔޫއެސް ނޭވީ ޓޭބަލް 6" އެވެ. އަދި ޑޮކްޓަރުގެ ލަފައާއެކު އެހެން ފަރުވާތައް ވެސް ދެމުންދާނެ ކަމަށް އެ ރިސޯޓުން ބުންޏެވެ.
ޑީކޮމްޕްރެޝަން ޗެމްބަރު އޮޕަރޭޓް ކުރުމުގައި ދިވެހިންގެ ތެރެއިން އެންމެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ އަލީ ޒުބައިރު ޗެމްބާ އޮޕަރޭޓު ކުރާނެ ގޮތް ކިޔައިދެނީ-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު
މި ޑީކޮމްޕްރެޝަން ޗެމްބަރު އޮޕަރޭޓު ކުރާނީ ރާއްޖޭގައި ޑިކޮމްޕްރެޝަން ޗެމްބަރު އޮޕަރޭޓު ކުރުމުގެ އެންމެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެއް ކަމަށްވާ އަލީ ޒުބައިރެވެ.
އޭނާ ވިދާޅުވީ، ރިސޯޓެއްގައި މިފަދަ ޗެމްބަރެއް ހެދުމުގެ ސަބަބުން، އެ ތަނަށް ދާ ޓޫރިސްޓުންގެ އިތުބާރު ބޮޑުވާނެ ކަމަށެވެ. އަދި މީގެ ސަބަބުން ކައިރި ރަށްތަކާއި ރިސޯޓުތަކުގެ ޑައިވަރުންނާއި މަސްވެރިންނަށް ވެސް ވަރަށް ބޮޑު ފަސޭހަ ވާނެ ކަމަށް ޒުބައިރު ވިިދާޅުވި އެވެ.
"ޑައިވަރުންނަށް އެ މީހުން އަންނަ ރަށެއްގައި މި ފެސިލިޓީ ގާއިމު ކޮށްފައި ހުރުމަކީ ވަރަށް ބޮޑު ކޮންފިޑެންސެއް އޮންނަ ކަމެއް. މި ޗެމްބާ އިން މަސްވެރިންނަށް ވެސް އެފަދަ ކަމެއް ދިމާވެއްޖެ ނަމަ ހަމަ ހިދުމަތް ހޯދޭނެ،" ޒުބައިރު ވިދާޅުވި އެވެ.
ކުޑަހުވަދޫ ކައުންސިލްގެ ރައީސް މީޑިއާއާ ވާހަކަ ދައްކަވަނީ: ކަނޑިންމަ ރިސޯޓުގެ ޗެމްބަރުގެ ސަބަބުން ދ. އަތޮޅުގެ އިތުރުން ދެކުނުގެ ހުރިހާ ރަށަކާއި ރިސޯޓަކަށް ފައިދާ ވާނެ ކަމަށް ވިދާޅުވި-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު
ކުޑަހުވަދޫ ކައުންސިލްގެ ރައީސް ފިކުރީ ވިދާޅުވިގޮތުގައި، ޑީކޯވެގެން ޗެމްބަރެއް ހުރި ތަނަކަށް ބަލީ މީހާ ގެންދިއުމަކީ ކުރިން އުނދަގޫ ކަމަކަށް ވިޔަސް ކަނޑިންމަ ރިސޯޓުގައި ހުޅުވި މި ޗެމްބަރާއާއެކު ދ. އަތޮޅާއި މާލެ އިން ދެކުނުގެ ހުރިހާ އަތޮޅަކަށް ފަސޭހަ ކަމާއެކު މި ހިދުމަތް ލިބޭނެ އެވެ.
"ވަރަށް ފަހުން ވެސް އަޅުގަނޑުމެންނަށް މައުލޫމާތު ލިބުނު ލ. އަތޮޅުން މީހަކު ޑީކޯ ވެގެން އުތުރަށް ގެންދަން ޖެހުނު ކަމަށް. ފަރުވާ ދޭން ވަރަށް ގިނަ ވަގުތުތަކެއް އެ ހޭދަ ވަނީ. އެކަމަކު މި ސަރަހައްދުގައި މިހާރު މި ވަރުގެ ޗެމްބާއެއް ހުޅުވުމަކީ ވީހާ ވެސް އަވަހަށް އެ ފަރުވާ ލިބޭނެ ކަމުގެ ޔަގީން ކަމެއް،" އިބްރާހިމް ވިދާޅުވި އެވެ.
ޑީކޮމްޕްރެޝަން ޗެމްބަރުގެ އެތެރެ: މިއީ ރާއްޖޭގައި މިވަގުތު އޮޕަރޭޝަންގައި ހުރި ހަތަރު ވަނަ ޗެމްބާ-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު
މި ޗެމްބަރުގެ ހިދުމަތް ހޯދާ މީހުންނަށް އިންޝުއަރެންސް ބޭނުން ކުރެވޭނެ އެވެ. އަދި އާސަންދައިގެ ދަށުން ދަތުރުފަތުރުގެ ކަންކަން ހަމަޖައްސައި، އެންސްޕާ މެދުވެރިކޮށް ޗެމްބަރުގެ ފަރުވާ ހޯދުމުގެ އެހީ ވެސް ހޯދޭނެ އެވެ.
ކަނޑިންމަ ރިސޯޓުން ވަނީ ޑީކޯވުން ފަދަ ހާދިސާތައް މަދުކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި ގަވާއިދާ އެއްގޮތަށް ފީނުމަށް ޑައިވަރުންނަށް އިލްތިމާސް ކޮށްފަ އެވެ. އަދި ހުރިހާ ޑައިވަރުން ވެސް އިންޝުއަރެންސް ހެއްދުމަށް އެ ރިސޯޓުން އެދެ އެވެ.
ކަނޑިންމައިން އިހުމާލުވިކަމުގެ ހެކި އެބަހުރި: އާމިރު
އޭޑީކޭގައި ދެ ޑީކޯ ޗެމްބަރު ބަހައްޓައިފި
ޑައިވިންއަށް ފޭބި މަހުމޫދުގެ ހާލު ގޯސް، މާލެ ގެންނަނީ
ހާލު ދެރަވި މީހާއަށް އޮކްސިޖަން ޗެމްބަރުގައި ފަރުވާދެނީ
ބިރުވެރި ރެއެއް؛ ފުރާނަ ސަލާމަތްވީ ހަމަ ކިރިޔާ!
ކުޑަހުވަދޫ ތިންވަނަ ފަހަަރަށް މޮނިޓަރިންގެ ހާލަތަށް
ކުޑަހުވަދޫން ފުރި މީހުން ކަރަންޓީން ވާން އަންގައިފި
ކަނޑިންމަގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފި
މުވައްޒަފުގެ މަރު: ބޭސްފަރުވާގައި އިހުމާލެއް ނުވަން
މުވައްޒަފުގެ މަރުގައި ކަނޑިންމަގެ އިހުމާލުވޭތޯ ބަލަނީ