Roadha Mihaaru
މުވައްޒަފުގެ މަރު: ބޭސްފަރުވާގައި އިހުމާލެއް ނުވަން

މުވައްޒަފުންގެ ބޭސްފަރުވާގައި އިހުމާލެއް ނުވަން: ކަނޑިންމަ

05 ނޮވެމްބަރ 2020

ކޮވިޑް-19ގެ އަލާމާތްތައް ފެނުނު މުވައްޒަފަކު ބޭސްފަރުވާ އަށް ފޮނުވުން ލަސްކޮށް، އިހުމާލުވި ކަމުގެ ތުހުމަތުތަކުގައި ހަގީގަތެއް ނެތް ކަމަށް ކަނޑިންމަ ރިސޯޓުން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮވިޑް-19ގެ އަލާމާތްތައް ފެނުނު މުވައްޒަފަކު ބޭސްފަރުވާ އަށް ފޮނުވުން ލަސްކޮށް، އިހުމާލުވި ކަމުގެ ތުހުމަތުތަކުގައި ހަގީގަތެއް ނެތް ކަމަށް ކަނޑިންމަ ރިސޯޓުން މިއަދު ބުނެފި އެވެ.

ކަނޑިންމައިގައި ވަޒީފާ އަދާކުރި، ދ. މާއެނބޫދޫ، އާދަމް ނަސީރުގެ މަރާ ގުޅިގެން އޭނާގެ އާއިލާ އާއި އޭނާއާ އެކު މަސައްކަތް ކުރި ބައެއް މީހުން ރިސޯޓަށް ބޮޑެތި ތުހުމަތުތަކެއް ކުރެ އެވެ. ހުން އައުމާއި ވަސް ނުދުވުމާއި ރަހަ ނުލުން ފަދަ ކޮވިޑުގެ އަލާމާތްތައް ފެންނަމުން ދިޔަތާ 10 ދުވަސް ވި އިރު ވެސް އޭނާ ޓެސްޓް ނުކުރުމުގެ އިތުރުން ފަރުވާ އަށް ރިސޯޓުން ބޭރަށް ފޮނުވައިދޭން އެދި ތަކުރާރުކޮށް އެދުމުން ވެސް ފަރުވާކުޑަކުރި ކަމުގެ ޝަކުވާ ބޮޑެވެ.

އާދަމް ނަސީރު، 60، ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ ހާލު ސީރިއަސް ވެގެން މިދިޔަ ހުކުރުދުވަހު ދ. ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެނިކޮށް ހާޓްއެޓޭކެއް ޖެހިގެން މަރުވި ފަހުން ހެދި ޕީސީއާރު ޓެސްޓުންނެވެ. އޭނާ ޓެސްޓްކުރީ، ކޮވިޑުގެ އަލާމާތްތައް ހުރެގެންނެވެ.

ރިސޯޓަށް ތުހުމަތުކުރެވޭ އިހުމާލު ބަލައިދޭން އާއިލާ އިން އެޗްއާރުސީއެމާއި ކަމާ ގުޅޭ އެހެން އިދާރާތަކަށް ހުށަހަޅަން އަންނަނީ ތައްޔާރުވަމުންނެވެ. އެޗްއާރުސީއެމުން އިސްވެ މި މައްސަލައިގެ ތަހުގީގު ވެސް ވަނީ ފަށައިފަ އެވެ.

އާދަމް ޕޮޒިޓިވްކަން އެނގުނު ފަހުން ކަނޑިންމައިގައި ކޮވިޑަށް ޓެސްޓް ކުރަން ފަށައި މިހާތަނަށް 46 މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.

ރިސޯޓުން އަމަލުކުރި ގޮތް ކިޔައިދެއްވަމުން އެތަނުގެ އިސް ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، "މިހާރު"އަށް ވިދާޅުވީ އެ ރިސޯޓުގެ މުވައްޒަފަކު ކުއްލި ގޮތަކަށް މަރުވުމަކީ ވަރަށް ބޮޑު ދެރައެއް ކަމަށެވެ. ނަމަވެސް އެ މުވައްޒަފަށް ފަރުވާދިނުމާއި އެހެން އެއްވެސް މުވައްޒަފެއްގެ ބޭސްފަރުވާގައި ފަރުވާ ކުޑަވުމެއް އަދި އިހުމާލެއް ވެސް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނަސީރުގެ ހާލު ދެރަވެ ނޭވާލާން އުނދަގޫވާ ކަމަށް ބުނުމާ އެކު އޭނާ ކުޑަހުވަދު އަށް ފޮނުވީ ރިސޯޓުގެ ޑޮކްޓަރާއި އެތަނުގެ އިސް ބޭފުޅަކާ އެކުގައި ގާތްގަނޑަކަށް 30 މިނެޓް ތެރޭގައި ކަމަށެވެ. ރިސޯޓުގައި ހުންނަ ކްލިނިކަކީ، އޭނާ ވިދާޅުވި ގޮތުގައި، ފަރުވާދޭން ފުރިހަމަ އަދި އެކަށީގެންވާ ލެބޯޓްރީއެއް ވެސް ހުރި ތަނެކެވެ.

"ހުން އައި މުވައްޒަފަކު ކޮވިޑަށް ޓެސްޓް ނުކުރުން އެއީ މިސްޓޭކެއް. އެކަން އަޅުގަނޑު ގަބޫލުކުރަން،" އޭނާ ވިދާޅުވި އެވެ.

"އެކަމަކު ފަރުވާގައި އިހުމާލުވި ކަމަށް ރިޕޯޓްކުރުމަކީ ރަނގަޅު ވާހަކައެއް ނޫން، މިތަނުން އެއްވެސް މީހަކަށް މެޑިކަލް އެކްސެސް ދޭން ނުޖެހޭނެ ސަބަބެއް ނެތް."

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އާއްމުކޮށްފައިވާ އެސްއޯޕީގައިވާ ގޮތުން ނަމަ މުވައްޒަފަކު ހުން އައިސްފި ނަމަ އައިސޮލޭޓް ކުރަން ޖެހެ އެވެ. އެކަމަކު ހުން އައުމުން ވެސް ނަސީރު އެހެން މުވައްޒަފުންނާ ވަތްކެއް ނުކުރެ އެވެ. އޭނާއާ އެކު އެއް ކޮޓަރީގައި އުޅުނު މީހަކު ވެސް މިހާރު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

"އެގޮތަށް އައިސޮލޭޓްކުރަން ޖެހޭނެ، އެއީ ޑޮކްޓަރާ ހިސާބުން ހިނގާފައި އޮތް ކަމެއް. އެކަން ގަބޫލުކުރަން،" ރިސޯޓްގެ އޮފިޝަލް ވިދާޅުވި އެވެ.

އެ ރިސޯޓުގައި ދިވެހިންނާއި ބިދޭސީން ހިމެނޭ ގޮތުން 200 މުވައްޒަފުން އުޅެ އެވެ. ބޭސްފަރުވާގައި އިހުމާލު ނުވާނެ ކަމުގެ ޔަގީންކަން ދެއްވަމުން އޭނާ ވިދާޅުވީ އެ އެންމެންގެ ވެސް ހެލްތު އިންޝުއަރެންސް އޮންނާނެ ކަމަށެވެ. އެއާ އެކު، ކޮވިޑަށް ޚާއްސަކޮށްގެން ވެސް ރިސޯޓުގެ ކްލިނިކުގެ ފެންވަރު މަތިކޮށްފައިވާ ކަމަށާއި ރިސޯޓުގެ މުވައްޒަފެއްގެ ބޭސްފަރުވާ އަށް ޚަރަދުކުރަން ޖެހުމަކީ އެތަނަށް ބޮޑު ކަމެއް ވެސް ނޫން ކަމަށެވެ.

ކޮވިޑާ ގުޅިގެން ރައްޔިތުންނަށް އެހީވާން ވެސް އެ ރިސޯޓުން 3 މިލިއަން ރުފިޔާގެ ސާމާނު ސަރުކާރަށް ހަދިޔާކުރި ކަން އޭނާ ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ކައިރި ރަށްރަށުގައި ވެސް ފަރުވާގެ ނިޒާމް ހަރުދަނާކުރަން މަސައްކަތް ކުރާ ރިސޯޓަކުން މުވައްޒަފެއްގެ ބޭސްފަރުވާގައި އިހުމާލުވެދާނެ ސަބަބެއް އޮތްތޯ އޭނާ ސުވާލުކުރެއްވި އެވެ.

މުވައްޒަފަކު ފަރުވާ އަށް ނުފޮނުވައި 10 ދުވަސް ވަންދެން ހިފެހެއްޓި ނަމަ، އެކަން ސޯޝަލް މީޑިއާ ނުވަތަ އެ ނޫން ގޮތަކަށް ވެސް އަންގަން ޖެހޭ ފަރާތްތަކަށް ނާންގައި މުވައްޒަފުން މި ދުވަސްވަރު މަޑުނުކުރީސް ކަމަށް "މިހާރު"އާ ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ. މި ވާހަކަ އޭނާ ވިދާޅުވީ ނަސީރު މަރުވުމުގެ ކުރިން، ފަރުވާ އަށް ނުފޮނުވީ ކަމަށް ބުނެ ޝަކުވާކޮށް އެކަން ސޯޝަލް މީޑިއާގައި ތިލަނުވީ ބޭސްފަރުވާ އަށް ނުފޮނުވުން ފަދަ ކަމެއް ރިސޯޓުން ކޮށްފައި ނުވާތީ ކަމުގެ ޔަގީންކަން ދެއްވާށެވެ.

ކަނޑިންމަ ރިސޯޓުގައި، ކޮވިޑަށް ގިނަ މުވައްޒަފުންތަކެއް ޕޮޒިޓިވްވީ އެކަށީގެންވާ ގޮތަށް އެސްއޯޕީއަށް އަމަލުނުކުރެވުމުންތޯ "މިހާރު"ން ސުވާލުކުރުމުން ރިސޯޓުން އެކަމާ އެއްބަހެއް ނުވެ އެވެ. މުވައްޒަފުންގެ ޑިއުޓީގައި، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބަރާބަރަށް އަމަލުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުވައްޒަފުންގެ ކެއުމާއި އެހެން ކަންކަމުގައި ވެސް ބަލި ފެތުރުން ކޮންޓްރޯލް ކުރެވޭނެ ހުރިހާ ގޮތްތަކެއް އިންތިޒާމްކޮށްފައިވާ ކަމަށް ރިސޯޓުން ބުންޏެވެ. މުވައްޒަފުންގެ މެދުގައި ބަލި ފެތުރުނީ، ޑިއުޓީ ނޫން ގަޑިތަކުގައި އެއް ބަޔަކު އަނެއް ބަޔަކާ އެއްވެ އުޅުން ފަދަ ކަންކަމުން ކަމަށާއި އެއީ މުވައްޒަފުން ބަލައިގެން އުޅެގެން ނޫނީ ނުހުއްޓުވޭނެ ކަމެއް ކަމަށް ވެސް ރިސޯޓުން ބުންޏެވެ.

ކަނޑިންމައިގެ އިސް ބޭފުޅާ ވިދާޅުވި ގޮތުގައި، ގިނައިން ކޮވިޑަށް ޕޮޒިޓިވްވީ އެތަނުގައި މަސައްކަތް ކުރާ ބިދޭސީންނެވެ. ގެސްޓުންގެ ތެެރެއިން އަދި ޕޮޒިޓިވް ކޭސްއެއް ނުފެންނަ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ރައްކާތެރިކަމުގެ ފިޔަވަޅު ވެސް އެޅިން ދުރާލައި،" އޭނާ ވިދާޅުވި އެވެ.