01 ނޮވެމްބަރ 2020
އީގަލްސްގެ ކޯޗެއްގެ ގޮތުގައި އެންމެ ފަހުން ފުރަތަމަ ޑިވިޝަނުގައި ފެނިގެންދިޔަ ތަޖުރިބާކާރު ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ ކޯޗު މުހައްމަދު އާދަމްގެ އެދުމަށް އެ ޓީމަށް އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.
އީގަލްސްގެ ކޯޗެއްގެ ގޮތުގައި އެންމެ ފަހުން ފުރަތަމަ ޑިވިޝަނުގައި ފެނިގެންދިޔަ ތަޖުރިބާކާރު ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ ކޯޗު މުހައްމަދު އާދަމްގެ އެދުމަށް އެ ޓީމަށް އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.
ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ޔުނައިޓެޑް ވިކްޓްރީން މިއަދު ހަވީރު ޕްރެކްޓިސް ފެށިއިރު ސާންތީ ވަނީ ޓީމުގެ ކޯޗިން ސްޓާފުގެ ކިޓުގައި ބައިވެރިވެފަ އެވެ. އަދި ސާންތީގެ އިތުރުން ކުރީގެ މަޝްހޫރު ގޯލްކީޕަރު އިސްމާއިލް ޒަރިޔަންދު ވެސް ވަނީ ބައިވެރިވެފަ އެވެ. ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު ބުނީ އެ ދެ މީހުން ބައިވެރިވީ އޭނާގެ އެދުމަށް ކަމަށާއި އޭނާ އަށް އޮތް ޗެލެންޖަށް ފަސޭހަ ކުރުމުގެ ގޮތުން ތަޖުރިބާކާރުންގެ އެހީ ހޯދަނީ ކަމަށެވެ.
"އަޅުގަނޑު މި މީހުންގެ އެހީ އަށް އެންމެ ބޮޑަށް އެދުނު ކަމަކީ، އަޅުގަނޑަށް ވަރަށް އާ ސިޓުއޭޝަނެއް މިއީ ނުވަ މަހެއްހާ ދުވަހު ނުކުޅެ ކުޅުންތެރިން ހަތަރު ފަސް މަސް ތެރޭ ފިޓްކުރުމަކީ. މިއީ އަޅުގަނޑަށް ވަރަށް ޗެލެންޖިން މަސައްކަތެއް. ދެން އެހެންވެ އަޅުގަނޑު ރަށްޓެހިންގެ ކައިރިން އެހީ އަށް އެދުނީ މި،" ކުރިން ވިކްޓްރީ އަށް ކޯޗުކޮށްދިން މުހައްމަދު ބުންޏެވެ.
"ފުޓްބޯޅަ ކުރިއަރާނީ ތަޖުރިބާކާރުންގެ އެހީ ހޯދައިގެން މަސައްކަތްކޮށްގެން. އެ ގޮތުން މި ވަގުތު އެ މީހުން (ސާންތީ އާއި ޒަރިޔަންދު) ހުސްކޮށްހުރީމަ އަޅުގަނޑުގެ އެދުމަށް އެހީވަނީ. ކޯޗިން ޓީމު ވެސް ފުދޭ ވަރަކަށް ސްޓްރޯންގް. އަޅުގަނޑަށް ހީވަނީ މި އެކްސްޕީރިއަންސް ބޭނުންކޮށްގެން ވަރުގަދަ ޓީމެއް ތައްޔާރުކުރެވޭނެހެން،"
މިއަދުގެ ޕްރެކްޓިހުގެ ތެރެއިން ޔުނައިޓެޑް ވިކްޓްރީ ކުޅުންތެރިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މުހައްމަދު ބުނީ ޔުނައިޓެޑް ވިކްޓްރީގެ ގޯލްކީޕަރު ޓްރެއިނަރަކީ މުހައްމަދު އިގުބާލް (އައިކިއު) ކަމަށެވެ. އަދި އޭނާ އަށް މި ވަގުތު ބައިވެރިނުވެވެނީ ބަލިހާލަތު ހުރި ގޮތުން ކަމަށެވެ. ދެން ޔުނައިޓެޑް ވިކްޓްރީގެ ކޯޗިން ޓީމުގައި ހިމެނެނީ ކްލަބް ވެލެންސިއާ އާއި ށ. ފޯކައިދޫގެ އިތުރުން ފ. ނިލަންދޫގައި ކޯޗިންގެ މަސައްކަތްތަކެއްކޮށްފައިވާ ކުރީގެ އެއް ވަނަ ފޯވާޑް އާދަމް އަބްދުއް ލަތީފް (ލައްޗޭ) އެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމުގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ހުރި ސާންތީ އެންމެ ފަހުން ކޯޗިންގެ މަސައްކަތްކުރީ ބ. އޭދަފުށީ ޓީމުގަ އެވެ. އެއީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދިނުމަށް ފަހު އެވެ. ސާންތީގެ ކޯޗިންގެ ކްލަބް ކެރިއަރުގައި އޭނާ ވަނީ އީގަލްސްގައި ޓީމެއް ބިނާކޮށް 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް އެ ޓިމަށް ހޯދައިދީފަ އެވެ.
ސާންތީ "މިހާރު" އަށް ބުނީ މި ވަގުތު ހުސްކޮށް ހުުރުމުން ޔުނައިޓެޑް ވިކްޓްރީއާ އެކު މަސައްކަތްކުރަނީ ކަމަށެވެ.
ޔުނައިޓެޑް ވިކްޓްރީން ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ފަހުން އެ ޓީމު އެންމެ ރަނގަޅު ނަތީޖާއެއް ނެރުނީ 2016 ވަނަ އަހަރު އެވެ. އެ ފަހަރު މުހައްމަދު އާތިފް (އާތީ)ގެ ކޯޗުކަމުގައި ލީގުގެ ގަދަ ހަތަރެއްގައި ނިންމައި ޕްރެޒިޑެންޓްސް ކަޕްގައި ވެސް ކުޅުނެވެ. އެކަމަކު ފަހަކަށް އައިސް އެ ޓީމު ފެނުނީ ލީގުގެ ގަދަ ހަޔަކަށް ވަންނަން މަސައްކަތްކުރާ ޓީމެއްގެ ގޮތުގަ އެވެ. އެއް ފަހަރު ވަނީ ރެލިގޭޝަން ޕްލޭއޮފްގައި ވެސް ކުޅެފަ އެވެ.
މިދިޔަ ސީޒަން މެދުތެރެއިން ޔުނައިޓެޑް ވިކްޓްރީއާ ހަވާލުވި މުހައްމަދު ބުނީ މިދިޔަ ސީޒަނުގެ ވެސް ފޯމެޓް ބަދަލުވެ އެ ޓީމަށް ސީޒަން ނިމިގެންދިޔައިރު އެ ޓީމު ދިޔައީ ފޯމަކަށް އެޅެމުން ކަމަށާއި މިހާރު އުއްމީދަކީ އަލުން އެ މަސައްކަތް ފަށައި ކުރިން އަހަރުތަކަށް ވުރެން ރަނގަޅު ނަތީޖާއެއް ނެރުން ކަމަށެވެ.
"އުއްމީދަކީ ހަމަ ކުރިއަށް މިދިޔަ ލީގުތަކަށް ވާހެން ބައިބައިވާއިރުގައި އެންމެ ފުރަތަމަ އެ އޮންނަ ގްރޫޕްތެރޭގައި ހިމެނުން. ގަދަ ހަތަރަކަށް ވަނުން ޓާގެޓަކީ އެއީ. އުއްމީދު މިކުރަނީ ފުދޭ ވަރަކަށް ރަނގަޅު ކުޅުމެއް ދައްކަން މިހާތަނަށް ޔޫވީ ނުފެންނަކަހަލަ ކުޅުމެއް ދައްކާލެވޭތޯ،" ކުރިން ލަންކާ ޓީމުތަކަށް ވެސް ކޯޗުކޮށްދިން މުހައްމަދު ބުންޏެވެ.
އޭނާ ބުނީ މިއަދު ޕްރެކްޓިސް ފަށައި ލީގުގެ ފުރަތަމަ މެޗުގައި މާޒިޔާއާ ދެކޮޅަށް ކުޅެން ބަލާއިރު ތައްޔާރުވާން އެންމެ އެކަށީގެންވާ ވަގުތު ނެތް ކަމަށާއި އެކަމަކު ޝަކުވާނުކޮށް ވީ އެންމެ ފުރިހަމަ އަށް ވަގުތުގެ ބޭނުންހިފަން ބޭނުންވާ ކަމަށެވެ.
ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު އިންޓަވިއު ދެނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"ޔޫވީ އަސްލު މިއަދު ޕްރެކްޓިސް ފަށަނީ. މީގެ 43 ދުވަހަށް ފަހު ފުރަތަމަ މެޗު މި އޮތީ މިހާރު ރާއްޖޭގެ އެންމެ ރަނގަޅު ޓީމުކަމަށް ބުނާ މާޒިޔާއާ. ފުދޭ ވަރަކަށް ވަރުގަދަ މެޗެއް. ކުރިއަށް މި އޮތް ހަ ހަފްތާ ވެސް ނުލިބޭ ފަސް ހަފްތާއާ ދުވަސްކޮޅެއް ތައްޔާރުވާއިރު ފަހު ދެ ހަފްތާ އަކީ މާ ބޮޑަށް ޓްރެއިން ކުރެވޭނެ ދެ ހަފްތާއެއް ނޫން އެހެންވީމަ މި ލިބެނީ ހަތަރު ހަފްތާ. އަސްލުގައި މަދު އެކަމަކު ވެސް ހަމައެކަނި ޔޫވީ އަށް އައި ހާލަތެއް ނޫން މިއީ،" މުހައްމަދު ބުންޏެވެ.
"އެކަމަކު މާޒިޔާއާއި ޓީސީ އަށް އެޑްވާންޓޭޖްތަކެއް އެބަހުރި އެއީ އެ މީހުންނަށް އޭއެފްސީ އަށް ކިޔާފައި ވެސް ޕްރެކްޓިސް ކުރަން ދުވަސްތަކެއް ލިބުނު. އެހެން ނަމަވެސް އިރާދަކުރެއްވިއްޔާ ރަނގަޅު ޓީމެއް ތައްޔާރުކުރެވޭނެ."
މި ފަހަރުގެ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ޔުނައިޓެޑް ވިކްޓްރީން ވަނީ ގައުމީ ޓީމުގެ ދެ މިޑްފީލްޑަރުން ކަމަށްވާ އިސްމާއިލް އީސާ (މެސީ) އާއި މުހައްމަދު އާރިފް (ބަކާ)ގެ އިތުރުން ތަޖުރިބާކާރު ޑިފެންޑަރު އިސްމާއިލް ފަރުހާދު (ފަރޭ) އާއި ފޯވާޑް އަހުމަދު ރަޝީދު (އައްމަޑޭ) އަދި އަހުމަދު ނިޒާމް (ނިޒާމްބެ)ގެ ސޮއި ހޯދައިފަ އެވެ. ޔުނައިޓެޑް ވިކްޓްރީން ބުނީ އެ ޓީމާ ހަތަރު ބިދޭސީ ކުޅުންތެރިން ގުޅޭނެ ކަމަށާއި އެއް ކުޅުންތެރިއަކު ފިޔަވައި ދެން އަންނާނީ ކުރިން ރާއްޖޭގައި ކުޅުނު ކުޅުންތެރިން ކަމަށެވެ.
ސާންތީގެ ހިސާބުން ފެންނަ ބޮޑު މައްސަލަ
މޮޅަކާ އެކު ޔޫވީ އަށް ލީގު ނިމިއްޖެ
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ބަދަލު ކީޕަރެއް ނެތުމުން ޔޫވީގެ ގޯލަށް އެރީ ޑިފެންޑަރު
ދިވެހި ލީގު އަލުން ފަށައި، އީގަލްސް އަށް ބޮޑު މޮޅެއް
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ކުޑަދުވަސްކޮޅެއްތެރޭ ބޮޑު ކުރިއެއްމެއް ހޯދި ސްޓްރައިކަރު
ޔޫވީ ބަލިކޮށް ސަސް ތިންވަނައިގައި ވިއްދައިފައި
ހަމްދޫންގެ ގޯލުތަކާއެކު ޔޫވީ ބަލިކޮށް ޓީސީ ކުރިއަށް
ގޯތީގެ ގުރަށްފަހު ގަލޮޅު ދަނޑުގައި އަލުން ލީގު ފަށަނީ