Roadha Mihaaru
ކޮމިޓީން ނިންމީ ވެސް ވެންޓިލޭޓަރު މައްސަލަ ރިވިއުކުރަން

ޖުޑިޝަރީ ކޮމިޓީން ވެސް ނިންމީ ވެންޓިލޭޓަރު މައްސަލަ ރިވިއުކުރަންޖެހޭ ކަމަށް

01 ނޮވެމްބަރ 2020

ކޮވިޑް-19ގެ ފަރުވާ އަށް 75 ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލްއާ ހަވާލުކުރި މައްސަލައިގައި ދައުވާނުކުރަން ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ނިންމެވި ނިންމެވުން ރިވިއުކުރަން އެދެން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފި އެވެ.

ކޮވިޑް-19ގެ ފަރުވާ އަށް 75 ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލްއާ ހަވާލުކުރި މައްސަލައިގައި ދައުވާނުކުރަން ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ނިންމެވި ނިންމެވުން ރިވިއުކުރަން އެދެން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފި އެވެ.

ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ 11 މުވައްޒަފެއްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާކޮށްދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެދުނު މައްސަލަ ޕީޖީ އަނބުރާ ފޮނުވާލެއްވީ އެކަށީގެންވާ ހެއްކާއި ގަރީނާ ހުށަހަޅާފައި ނުވާ ކަމަށް ވިދާޅުވެ އެވެ. އެކަމަކު، ވެންޓިލޭޓަރު ހޯދުމުގައި ތުހުމަތުކުރި މީހުން މަގާމުގެ ނުފޫޒު ބޭނުންކޮށް ދައުލަތަށް ގެއްލުންވި ކަމުގެ އެކަށީގެންވާ ހެކި ހުށަހެޅި ކަަމަށް ބުނެ އޭސީސީން ވެސް އޮތީ މައްސަލަ ރިވިއުކޮށްދޭން ޕީޖީ އޮފީހުގައި އެދިފަ އެވެ.

ވެންޓިލޭޓަރު މައްސަލައިގައި ޖުޑިޝަރީ ކޮމިޓީން މިދިޔަ ބުރާސްފަތިދުވަހު ގޮތެއް ނިންމީ، އެ މައްސަލައިގައި ދައުވާކުރުމާ މެދު އޭސީސީ އާއި ޕީޖީއާ ދެމެދު އުފެދުނު ޚިލާފު ބަލައިދޭން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފައިވާތީ އެވެ.

ކޮމިޓީން މި މައްސަލަ ބަލައި އެކުލަވާލި ރިޕޯޓުގައި، ފަސް ކަމެއް ފާހަގަކޮށްފައިވެ އެވެ.

އެ ރިޕޯޓުގައި ބުނީ އެގްޒެކިއުޓާސް މެދުވެރިކޮށް ވެންޓިލޭޓަރު ގަތުމުގެ ހުރިހާ މަރުހަލާތަކެއްގައި ވެސް ހެލްތު މިނިސްޓްރީން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގިނަ ގޯސްތަކެއް ހަދާފައިވާ ކަން ތަހުގީގު ރިޕޯޓުން އެނގެން އޮތް ކަމަށެވެ. އަދި ހެލްތު މިނިސްޓްރީން އަމަލުކޮށްފައި ވަނީ ދައުލަތުފެ ފައިސާއަށް ރައްކާތެރުވުމަށް އޮންނަ ގޮތްތައް އިޚްތިޔާރުކުރުމަށް ވުރެން ބޮޑަށް، ރައްކާތެރި ނުވެވޭނެ ގޮތްތަކަށް ކަން ފާހަގަވާ ކަމަށް ރިޕޯޓުގައިވެ އެވެ.

މާލިއްޔަތު ގަވާއިދުގެ މަގްސަދަކީ، ދައުލަތުގެ ފައިސާ އަށް ރައްކާތެރިވުން ކަމަށްވާ އިރު، އެ މަގްސަދު ގެއްލޭ ގޮތަށް އެ ގަވާއިދުގެ އެއްވެސް މާއްދާއެއް މާނަ ނުކުރެވޭނެ ކަމަށް އޭސީސީން ބުނާ ބުނުމަށް ވެސް ކޮމިޓީގެ ރިޕޯޓުގައި ބާރުދީފައިވެ އެވެ.

ވެންޓިލޭޓަރު މައްސަލައިގެ ތަހުގީގަކީ ފުލުހުންނާއި އޭސީސީގެ ޖޮއިންޓް އިންވެސްޓިގޭޝަނަކަށް ވާ އިރު މި ތަހުގީގުގައި ފުލުހުން ބައިވެރިވި މިންވަރު ސާފުވާން ނެތް ކަމަށާއި ޕީޖީ އާއި އޭސީސީގެ ޚިލާފުތަކެއް ހުއްޓަސް މައްސަލައިގައި ނިންމާފައިވާ ނިންމުން ދިރާސާކުރުމުގެ ފުރުސަތު އޮތް ކަމަށް ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ޖުޑިޝަރީން ކޮމިޓީން ނިންމީ، ކަމާގުޅޭ ތަހުގީގީ އިދާރާތަކުގައި ހުރި މައްސަލައާ ގުޅުން ހުރި އިތުރު މައުލޫމާތުތައް ޕްރޮސިކިއުޓަ ޖެނަރަލް ހޯއްދެވުމަށާއި މައްސަލަ އަލުން މުރާޖައާކުރަން ލަފާ އެރުވުމަށެވެ. އަދި މައްސަލަ އަލުން މުރާޖައާކުރުމާ މެދު ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ނިންމަވާ ގޮތް ކޮމިޓީއަށް އެންގުމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ދެންނެވުމަށެވެ.

ވެންޓިލޭޓަރު މައްސަލައިގައި، އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައި ހުރި ގޯސްތައް ހިނގި ކަން ފުލުހުންނާއި އޭސީސީ ގުޅިގެން ހިންގި ތަހުގީގަށް ފަހު ނެރުނު ރިޕޯޓުގައި ވެސް ހިމަނާފައިވެ އެވެ.

އޭގެ ތެރޭގައި، ވެންޓިލޭޓަރު ހޯދަން ގާބިލް ކުންފުންޏެއްތޯ ނުބަލައި ހަވާލުކުރުމާއި އެއްބަސްވުމެއް ނެތީސް މަސައްކަތް ކުރިއަށް ގެންދަން އެ ކުންފުންޏަށް އެންގުމާއި އެއްބަސްވުމެއް ނެތި އަދި މާލިއްޔަތު ގަވާއިދާ ޚިލާފަށް އެޑްވާންސް ޕޭމަންޓުގެ ގޮތުގައި އެއްބަސްވުމުގެ 90 ޕަސެންޓް، 30 މިލިއަން ރުފިޔާ ދިނުން ހިމެނެ އެވެ. އެޑްވާންސް ފައިސާ ދެއްކީ އޭސީސީން ބުނެފައިވާ ގޮތުގައި، އެގްޒެކިއުޓާސް އިން 65 މެކޭނިކަލް ވެންޓިލޭޓަރާއި 10 ޕޯޓަބަލް ވެންޓިލޭޓަރު ނުލިބެނީސް އެ ތަކެތި ލިބިފައިވާ ކަމަށް ސެޕް ސިސްޓަމުން "ގުޑްސް ރިސީވްޑް" ކަމަށް ދައްކައިގެންނެވެ. އޭރު އެގްޒެކިއުޓާސްއާ އެކު އެއްބަސްވުމުގައި ސޮއެއް ވެސް ނުކުރެ އެވެ.

އެގްޒެކިއުޓާސްއާ އެކު ސޮއިކުރީ، އެޕްރީލް، 2 ގައި ކަމަށް ހެލްތު މިނިސްޓްރީގެ ލިޔުންތަކުގައި ވިޔަސް ފައިނަލް އެއްބަސްވުމުގައި އެގްޒެކިއުޓާސް އިން ސޮއިކޮށް ހެލްތަށް ފޮނުވީ، އެޕްރީލް، 16، 2020 ގައި ކަމަށް އޭސީސީގެ ރިޕޯޓުގައިވެ އެވެ. އެގްޒެކިއުޓާސްއަކީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ހޮވި ކުންފުންޏެއް ކަމަށް ބުނާ ވާހަކަ ވެސް އޭސީސީން ވަނީ ދޮގުކޮށްފަ އެވެ.

އެގްޒެކިއުޓާސްއާ އެކު އެއްބަސްވި 75 ވެންޓިލޭޓަރުގެ ތެެރެއިން މިހާތަނަށް ލިބުނީ 10 ވެންޓިލޭޓަރެވެ. ބާކީ 65 ވެންޓިލޭޓަރު ފޮނުވާނެ ތާރީޚެއް އެ ކުންފުނިން ހެލްތު މިނިސްޓްރީއަށް ނުދެ އެވެ.