Roadha Mihaaru
މިލާނާއި ރޭންޖާސް އަށް ދެ ވަނަ މޮޅު، ނަޕޯލީ ފޯމަކަށް

މިލާނާއި ރޭންޖާސް އަށް ދެ ވަނަ މޮޅު، ނަޕޯލީ ފޯމަކަށް

30 އޮކްޓޯބަރ 2020

މިލާން (އޮކްޓޫބަރު 30) - ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ އޭސީ މިލާނާއި ރޭންޖާސް ކުޅުނު ދެ ވަނަ މެޗުތަކުން މޮޅުވިއިރު، ނަޕޯލީން ފުރަތަމަ ތިން ޕޮއިންޓް ހޯދައި ފޯމަކަށް އެޅިއްޖެ އެވެ.

މިލާން (އޮކްޓޫބަރު 30) - ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ އޭސީ މިލާނާއި ރޭންޖާސް ކުޅުނު ދެ ވަނަ މެޗުތަކުން މޮޅުވިއިރު، ނަޕޯލީން ފުރަތަމަ ތިން ޕޮއިންޓް ހޯދައި ފޯމަކަށް އެޅިއްޖެ އެވެ.

އަމިއްލަ ދަނޑުގައި މިލާން ވަނީ ޗެކް ރިޕަބްލިކްގެ ސްޕާޓާ ޕްރާގް އަތުން 3-0 އިން މޮޅުވެފަ އެވެ. ސްޓީވެން ޖެރާޑްގެ ކޯޗުކަމުގައި މި ސީޒަނުގައި ރަނގަޅު ފޯމެއްގައި އޮތް ރޭންޖާސް ރޭ މޮޅުވީ ލެޗް ޕޮޒްނަން އަތުން 1-0 އިންނެވެ. ނަޕޯލީ މޮޅުވީ ރަށުންބޭރުގައި މި ފަހަރު ސްޕެނިޝް ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރެއާލް ސޮސިއެޑާޑް އަތުން 1-0 އިންނެވެ.

މިލާނަށް ރޭގެ މެޗުގައި ލީޑުނަގައިދިނީ ޒުވާން މިޑްފީލްޑަރު ބްރަހިމް ޑިއާޒް އެވެ. ފުރަތަމަ ހާފުގައި ލީޑުފުޅާކުރަން މިލާންގެ ޒަލަޓާން އިބްރަހިމޮވިޗް ފޮނުވާލި ޕެނަލްޓީ ކާމިޔާބެއްނުވި އެވެ. ދެ ވަނަ ހާފުގައި މިލާންގެ އަނެއް ދެ ގޯލު ޖެހީ ރަފައެލް ލެއާއޯ އާއި ޑިއޯގޯ ޑާލޯ އެވެ.

ކުޅުނު ދެ މެޗުން ވެސް މޮޅުވެ މިލާން އެއް ވަނައިގައި އޮތްއިރު ރޭ މި ގްރޫޕްގެ އަނެއް މެޗުގައި ސެލްޓިކް ވަނީ ފްރާންސްގެ ލިލްއާ 2-2 އިން އެއްވަރުވެފަ އެވެ.

ރޭންޖާސްގެ މޮރޭލޮސް (މ) ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ރޭންޖާސްގެ މޮރޭލޮސް (މ) ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ރޭންޖާސް ދަނޑުގައި ރޭ އެ ޓީމު މޮޅުކޮށްދިން ގޯލު ޖެހީ އަލްފްރެޑޯ މޮރޭލޮސް އެވެ. މި މެޗުގައި އިތުރު ލަނޑު ޖަހަން ރޭންޖާސް އަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް ބޭނުމެއް ނުކުރެވުނެވެ. މި މެޗުގައި މޮރޭލޮސް ޖެހި ގޯލާ އެކު އޭނާ ވަނީ ޔޫރަޕްގެ މުބާރާތްތަކުގައި ރޭންޖާސްގެ ކުރީގެ ތަރި އެލީ މެކްކޮއިސްޓްގެ ރެކޯޑާ ހަމަކޮށްފަ އެވެ. މޮރޭލޮސް ރެކޯޑާ ހަމަކުރީ 16 މެޗުން ނުވަ ގޯލު ޖަހައިގެންނެވެ.

މި ގްރޫޕްގެ އަނެއް މެޗުން ރޭ ބެންފީކާ ވަނީ 3-0 އިން ބެލްޖިއަމްގެ ސްޓެންޑާޑް ލީޖް ބަލިކޮށްފަ އެވެ. އަންނަ ހަފްތާގައި މި ގްރޫޕްގެ މެޗުގައި ބެންފީކާ ކުޅޭނީ ރޭންޖާސްއާ އެވެ.

މި ފަހަރުގެ ޔޫރޮޕާ ލީގުގައި ނަޕޯލީ ކުޅުނު ފުރަތަމަ މެޗުން މިދިޔަ ހަފްތާގައި ނެދަލެންޑްސްގެ އޭޒެޑް އަލްކްމާރް އަތުން ބަލިވުމުން ރޭގެ މެޗަށް ނަޕޯލީ ނުކުތީ މޮޅެއް ހޯދައި އަލުން ފޯމަކަށް އެޅެން އަޒުމުކަނޑައަޅައިގެންނެވެ. މެޗުގެ ދެ ވަނަ ހާފްގައި ނަޕޯލީގެ ގޯލު ޖެހީ މަޓެއޯ ޕޮލިޓާނޯ އެވެ. ނަޕޯލީން މި މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ އިތުރު ވަގުތުގައި ދެ ވަަނަ ރީނދޫ ކާޑާ އެކު އެ ޓީމުގެ ނައިޖީރިއާ ފޯވާޑް ވިކްޓަ އޮސިމްހެއިން އަށް ރަތް ކާޑު ދެއްކުމުންނެވެ.