Roadha Mihaaru
ހުތުރުބަހުން ވާހަކަ ދެއްކުމުން އަދުރޭއަށް ދައުވާކުރަނީ

ހުތުރު ބަހުން ވާހަކަ ދެއްކެވި މައްސަލައިގައި އަބްދުއްރަހީމަށް ދައުވާ އުފުލައިފި

26 އޮކްޓޯބަރ 2020

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި ހުކުމާ ގުޅިގެން، އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ފަނޑިޔާރުންނަށް ނިސްބަތް ކުރައްވައި، ހުތުރު ބަހެއް ބޭނުން ކުރައްވައި، އިންޒާރު ދެއްވި މައްސަލައިގައި މިއަދު ދައުވާކޮށްފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި ހުކުމާ ގުޅިގެން، އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ފަނޑިޔާރުންނަށް ނިސްބަތް ކުރައްވައި، ހުތުރު ބަހެއް ބޭނުން ކުރައްވައި، އިންޒާރު ދެއްވި މައްސަލައިގައި މިއަދު ދައުވާކޮށްފި އެވެ.

ޕީޖީ އޮފީހުން އެކަން "މިހާރު" އަށް ކަށަވަރު ކޮށްދިނެވެ. އެ އޮފީހުން ބުނީ އަދުރޭގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ޔާމީނަށް ހުކުމް ކުރި ދުވަހު ކްރިމިނަލް ކޯޓު ސަރަހައްދުގައި ހަޑިހުތުރު ބަހުން ވާހަކަ ދެއްކެވި މައްސަލައިގައި ކަމަށެވެ.

ޔާމީންގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމައި، އެ މަނިކުފާނު ފަސް އަހަރަށް ޖަލަށްލުމާއި އަދި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ނޮވެމްބަރު 28، 2019 ގައި ނިންމުމާ އެކު، ކޯޓުން ބޭރުގައި ސަޕޯޓަރުންގެ ކައިރީގައި އަދުރޭ ވަނީ އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންނަށް ނިސްބަތް ކުރައްވައި، ހުތުރު ބަހެއް ބޭނުން ކުރައްވައިފަ އެވެ. އެ ބޭފުޅުންގެ ވެރިކަމެއްގައި ފަސް ފަނޑިޔާރުން ޖަލަށްލާނެ ކަމަށް ވެސް އެ ދުވަހު އޭނާ ވިދާޅުވި އެވެ.

އެއީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްގެ ގޮތުގައި އެ މައްސަލަ ބަލައިދޭން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް ސާވިސް (ޑީޖޭއޭ) އިން ވަގުތުން ފުލުހުންނަށް ވެސް ހުށަހެޅި އެވެ.

ގާނޫނުގައި ވާގޮތުން ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ހަޑިހުތުރު އަމަލުތައް ކުރުމަށް ލިބޭ އެންމެ ބޮޑު އަދަބަކީ ތިން މަހުގެ ޖަލު ހުކުމެކެވެ. އަސާސީ މިންގަނޑުން ނަމަ އެއް މަހާއި ހަ ދުވަހެވެ. އެންމެ ލުއި އަދަބަކީ ނުވަ ދުވަހުގެ ޖަލު ހުކުމެކެވެ. ކުށް ތަކުރާރުވުމާއި އެފަދަ ކުށްތަކުގެ ރިކޯޑަށް ބަލައި އެމީހަކަށް ލިބޭ އަދަބު ދަރަޖަ ކުރެވޭނެ އެވެ.

އަދުރޭގެ މައްޗަށް ދައުވާ ކުރުމާ ގުޅިގެން "މިހާރު" އަށް އޭނާ ވިދާޅުވީ އެފަދަ ބޭކާރު ދައުވާތައް ކުރަނީ ސަރުކާރުން ގޮތް ހުސްވެގެން ކަމަށެވެ. ސަރުކާރުގެ މަގްސަދަކީ އިދިކޮޅުގެ އަޑު ކަނޑުވައިލުން ކަމަށާއި އެކަން އެހެން ނުވާނެ ކަމަށް ވިދާޅުވި އެވެ.

"ބޭނުން ކޮންމެ ދައުވާއެއް ވެސް ކުރަންވީ. އަޅުގަނޑު ކޮންމެ ތާކު ހުއްޓަސް ކޮންމެ ދައުވާއެއް ކުރިޔަސް މި ސަރުކާރުން ކުރާ ވިޔާނުދާ ކަންކަމާ ދެކޮޅަށް އަޑު އުފުލާނަން. އަޅުގަނޑުގެ އަޑު އިބްރާހިމް މުހައްމަދު ސޯލިހަށް ކަނޑުވައެއް ނުލެވޭނެ،" ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، މި ސަރުކާރުން އެފަދަ ދައުވާތައް ކުރަނީ އިދިކޮޅަށް "ޖެއްސުން" ކުރުމުގެ މަގްސަދުގަ އެވެ. ދައުވާކުރަން ޖެހޭ ބޮޑެތި މައްސަލަތަކުގައި ދައުވާ ނުކުރާކަމަށް ވިދާޅުވެ، މިސާލެއްގެ ގޮތުގައި ކޮވިޑް-19އާ ގުޅިގެން ގެނައި ވެންޓިލޭޓަރުގެ ކޮރަޕްޝަން މައްސަލަ ނެންގެވި އެވެ.

އަދުރޭ، ހަޑިހުތުރު ބަހުން ވާހަކަދެއްކެވި މައްސަލައެއްގައި އޭނާގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، މިދިޔަ އޯގަސްޓު މަހު ވެސް އޭނާ މީޑިއާ ކުރިމަތީ ހަޑިހުތުރުބަހުން ވާހަކަ ދެއްކެވި މައްސަލައެއް ފެންމަތިވެފައި ވެއެވެ. އޭނާ މީޑިއާ ކުރިމަތީގައި ހަޑިހުތުބަސް ބޭނުން ކުރެއްވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިނާ ހިލާފަށް، މާލޭގައި އިދިކޮޅުން ބޭއްވި އެއްވުމާ ގުޅިގެން ފުލުހަށް ހާޒިރުކުރުމުން، ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.