Roadha Mihaaru
ނައިފަރު ފްލެޓްތައް، ރަށްރަށަށް މުޅިން އާ ގޮތަކަށް

ނައިފަރު ފްލެޓްތައް، ރަށްރަށަށް މުޅިން އާ ގޮތަކަށް

15 އޮކްޓޯބަރ 2020

ސަރުކާރުން އެކި ރަށްރަށުގައި މިހާތަނަށް ގެދޮރު އަޅަމުން އައި ޑިޒައިންތަކާ މުޅިން ތަފާތު އަދި ކުޑަ ތަންކޮޅެއްގައި ގިނަ ބަޔަކަށް ބޯހިޔާވަހިކަން ލިބޭ ގޮތަށް ޅ. ނައިފަރުގައި ހިންގާ ހައުސިން ޕްރޮޖެކްޓް، ސަރުކާރުން ކަނޑައަޅާފައިވާ މުއްދަތަށް ނިންމާ ލެވޭނެ ކަމަށް އާރްސީސީން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސަރުކާރުން އެކި ރަށްރަށުގައި މިހާތަނަށް ގެދޮރު އަޅަމުން އައި ޑިޒައިންތަކާ މުޅިން ތަފާތު އަދި ކުޑަ ތަންކޮޅެއްގައި ގިނަ ބަޔަކަށް ބޯހިޔާވަހިކަން ލިބޭ ގޮތަށް ޅ. ނައިފަރުގައި ހިންގާ ހައުސިން ޕްރޮޖެކްޓް، ސަރުކާރުން ކަނޑައަޅާފައިވާ މުއްދަތަށް ނިންމާ ލެވޭނެ ކަމަށް އާރްސީސީން މިއަދު ބުނެފި އެވެ.

ނައިފަރުގައި 100 ހައުސިން ޔުނިޓް، ނުވަތަ ފްލެޓް ހަދަނީ ހަތަރު އިމާރާތެއްގަ އެވެ. އޭގެ ތެރެއިން ތިން އިމާރާތުގައި ތިން ބުރި އަދި އަނެއް އިމާރާތް ނަގަނީ ހަތަރު ބުރިއަށެވެ.

މިހާތަނަށް އެކި ސަރުކާރުތަކުން ރަށްރަށުގައި ހިންގާފައި ހުރި ހައުސިން ޕްރޮޖެކްޓްތަކުގައި ގެ ހަދާފައި ހުންނަނީ ވަކިވަކިންނެވެ. ބައެއް ރަށްރަށުގައި މަދު ފްލެޓްތަކެއް ހިމެނޭ ގޮތަށް ރޯހައުސް އެވެ.

ނައިފަރު ކައުންސިލްްގެ ރައީސް މުހައްމަދު ކާރިމް ވިދާޅުވީ މިގޮތަށް ކުޑަ ޖާގައެއްގައި ގިނަ ފްލެޓްތައް އިމާރާތްކުރަން އެދުނީ ރަށު ކައުންސިލުން ކަމަށެވެ. އެގޮތަށް އެދުނީ ހައުސިން މަޝްރޫއު ހިންގަން އިތުރަށް ބިން ހިއްކުން ފަދަ ކަމެއް ކުރާ ނަަމަ މަޝްރޫއު ލަސްވާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ކާރިމް ވިދާޅުވި ގޮތުގައި އެ އިމާރާތްތަކުގެ ގޯތިތެެރޭގައި ޕާކިން ޒޯނަކާއި ކުޑަކުދިންގެ ޕާކަކާއި ކޮންމެ އެޕާޓްމަންޓެއްގައި ދިރިއުޅޭ ބަޔަކަށް ގަސް އިންދާނެ ޖާގަކޮޅެއް ވެސް އޮންނާނެ ކަމަށެވެ.

"ކުޑަ ޖާގައިގައި މި ތަންތަން ހެދިޔަސް، ދިރިއުޅޭ މީހުންނަށް ހިތްފަސޭހަ މާހައުލެއް ވެސް އޮންނާނެ،" އޭނާ ވިދާޅުވި އެވެ.

ނައިފަރުގައި ހަދަނީ 1،000 އަކަފޫޓުގެ ޖާގައެއްގައި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެވެ.

"އަތޮޮޅުތަކުގައި ކުރިން އަަޅަމުން އައި އުސޫލުން ރޯހައުސް ހަދާ ނަމަ މީގެ ހަތަރު ގުނަ އިތުރަށް ޖާގަ ބޭނުންވާނެ،" ކާރިމް ވިދާޅުވި އެވެ.

ނައިފަރުގެ ތިން ބުރީގެ ކޮންމެ އިމާރާތެއްގައި 24 ފްލެޓް އަދި ހަތަރު ބުރީގެ އިމާރާތުގައި 28 ފްލެޓް ހިމެނެ އެވެ.

ކުރިން އައްޑޫ ސިޓީ ކަހަލަ ބައެއް ތަންތަނުގައި ވެސް އެއް އިމާރާތެއްގައި ގިނަ ފްލެޓް ހިމެނޭ ގޮތަށް ހައުސިން މަޝްރޫއުތަކެއް ހިންގި އެވެ. އެކަމަކު އެ މަޝްރޫއުތަކުގައި ހެދީ ކޮންމެ އިމާރާތެއްގައި ނިސްބަތުން މަދު ފްލެޓްތަކެކެވެ.

ނައިފަރުގައި ސަރުކާރުން އަޅާ ފްލެޓްތަކުގެ ކޮންކްރީޓް މަސައްކަތް އާރުސީސީން ކުރިއަށް ގެންދަނީ

ނައިފަރުގައި ސަރުކާރުން އަޅާ ފްލެޓްތަކުގެ ކޮންކްރީޓް މަސައްކަތް އާރުސީސީން ކުރިއަށް ގެންދަނީ

މަސްކަތުގެ 21 ޕަސެންޓް ނިމިއްޖެ

ސަރުކާރުގެ ޕީއެސްއައިޕީ މަޝްރޫއެއްގެ ގޮތުގައި ނައިފަރުގެ ފްލެޓްތައް އަޅަން އާރްސީސީއާ ހަވާލުކުރީ މި އަހަރުގެ ޖެނުއަރީ މަހު، 330 ދުވަހުން ނިންމާ ގޮތަށް 72.2 މިލިޔަން ރުފިޔާ އަށެވެ.

އާރްސީސީގެ ޕްރޮޖެކްޓް މެނޭޖަރު އާދަމް ރަޚީމް "މިހާރު"އަށް ވިދާޅުވީ ހަތަރު އިމާރާތުގެ 21 ޕަސެންޓަށް ވުރެ ބޮޑު މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. ކޮވިޑް-19ގެ މި ހާލަތުގައި ހުރި ގޮންޖެހުންތަކާ އެކު ވެސް ތާވަލާ އެއްގޮތަށް މަސައްކަތް ނިންމައިލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ހާލަތުގައި މި ހުރި ގޮންޖެހުންތަކާ އެކުގައި ވެސް އަޅުގަނޑުމެންނަށް ޔަގީންކަން އެބަ އޮތް ކުރިއަށް އޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި ކޮންކްރީޓްގެ މަސައްކަތް ނިންމާލެވޭނެކަމުގެ. އެހެންވީމާ ސަރުކާރުން ކަނޑައެޅި މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމައި ހަވާލުކުރެވޭނެ،" އާދަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ވެސް 130 މީހުން މަސައްކަތުގައި އުޅޭ ކަމަށެވެ. އަދި ކޮންކްރީޓް ބައި ނިމި، ފްލެޓްތަކުގެ ފަހު މަސައްކަތްތަކަށް ކުރިމަތިލާ އިރު މީހުން އިތުރުކުރާނެ ކަމަށް ވެސް އާދަމް ވިދާޅުވި އެވެ.