Roadha Mihaaru
ސިފައިން/ފުލުހުންގެ ފްލެޓްތައް އާރުސީސީއާ ހަވާލުކުރަނީ

ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް އާރުސީސީއާ ހަވާލުކުރަނީ

08 ޖުލައި 2020

ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި އަޅަމުން އަންނަ ފްލެޓްތަކުގެ މަސައްކަތް ދަނގެތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ހިއްސާ އޮންނަ އާރުސީސީއާ ހަވާލުކުރަން ތައިލެންޑްގެ ކޮންޓްރެކްޓަރު، އައިލެންޑް އެކްސްޕާޓުން ތައްްޔާރުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި އަޅަމުން އަންނަ ފްލެޓްތަކުގެ މަސައްކަތް ދަނގެތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ހިއްސާ އޮންނަ އާރުސީސީއާ ހަވާލުކުރަން ތައިލެންޑްގެ ކޮންޓްރެކްޓަރު، އައިލެންޑް އެކްސްޕާޓުން ތައްްޔާރުވެއްޖެ އެވެ.

އައިލެންޑު އެކްސްޕާޓުގެ މެނޭޖިން ޑިރެކްޓަރު އަނޮން ސޮންގްޕަންޔާ "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އިއްޔެ ވިދާޅުވީ ފްލެޓްތަކުގެ މަސަައްކަތް ނުނިމި ކުންފުންޏަށް ބޮޑެތި ދަތިތަައް ކުރިމަތިވުމުން ސަބްކޮންޓްރެކްޓަށް އާރްސީސީއާ އެ މަޝްރޫއު ހަވާލުކުރުމުގެ މަޝްވަރާތައް މިހާރު ނިމިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އާރްްސީސީއާ މަސައްކަތް ހަވާލުކުރަން މިހާރު ހަމައެކަނި ބޭނުންވަނީ، ފުލުހުންގެ ތެރޭގައި އުފައްދާފައި އޮންނަ ޕޮލްކޯ އާއި ސިފައިންގެ ސިފްކޯގެ ހުއްދަ އެވެ.

"އަޅުގަނޑުމެން ބޭނުމެއް ނުވޭ ޕޮލްކޯ އަދި ސިފްކޯގެ އެޕްރޫވަލް ނުހޯދާއި ހަވާލުކުރާކަށް. އެ މީހުންނަށް އިތުބާރުކުރެވޭ ކުންފުންޏަކަށް ސަބްކޮންޓްރެކްޓަރު ވާން ޖެހޭ،" އަނޮން ވިދާޅުވި އެވެ.

މަސައްކަތް މިހާރު ގޮސްފައިވާ ހިސާބުން ސަަބްކޮންޓްރެކްޓަރަކަށް ދީފި ނަމަ ފްލެޓުތައް ނިންމަން ކިހާ ދުވަހެއް ހޭދަވާނެ ކަމަށް ލަފާކުރެއްވޭތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ މި އަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

އާރްސީސީގެ ޗެއާމަން ނާޒިމް ވިދާޅުވީ އައިލެންޑް އެކްސްޕާޓާ އެކު ކުރި މަޝްވަރާތައް ނިމިފައިވާ ކަމަށާއި ކޮންޓްރެކްޓްގައި ސޮއިކުރުމާ އެކު މަސައްކަތް ފަށަން ތައްޔާރު ކަަމަށެވެ. އެގޮތުން ހަވާލުވެއްޖެ ނަަމަ ކަނޑައަޅާފަައިވާ މުއްދަތަށް އާރްސީސީން މަސައްކަތް ނިންމާނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެެ.

"މަޝްވަރާތައް ވަނީ ނިމިފައި. އެޕްރޫވަލް ލިބޭ ހާ އަވަހަކަށް މަސައްކަތާ ހަވާލުވާން ތައްޔާރު،" ނާޒިމް ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި 2012 ގައި އެތަން އިމާރާތްކުރަން ފެށި އިރު، ނާޒިމަކީ ޑިފެންސް މިނިސްޓަރެވެ.

ފްލެޓުތަކުގެ މަސައްކަތް ނުނިމި އަށް އަހަރު ވުމަކީ ފްލެޓު ލިބުނު މީހުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެމީހުން ވަނީ ޑައުންޕޭމަންޓުގެ ގޮތުގައި ފައިސާ ވެސް ދައްކައިފަ އެވެ.

މި ފްލެޓުތައް އިމާރާތް ކުރަން ފުރަތަމަ ހަވާލުކުރީ، އެމްޑީޕީގެ ސަރުކާރާ އެކު ވެފައި އޮތް އެއްބަސްވުންތަކެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުވާލުމުން، ބަދަލެއްގެ ގޮތުގައި 55 މިލިއަން ޑޮލަރު (849 މިލިއަން ރުފިޔާ) މި ސަރުކާރުން ދިން ނޫމަޑިއާ އެވެ.

މިހާރު އެ ފްލެޓުތަކުގެ މަސައްކަތް ކުރާ އައިލެންޑު އެކްސްޕާޓުގެ މެނޭޖިން ޑިރެކްޓަރު އަނޮން އަކީ ނޫމަޑީގެ ވެސް ކުރީގެ ހިއްސާދާރެކެވެ.

އައިލެންޑު އެކްސްޕާޓުން އެ މަސައްކަތާ ފުރަތަމަ ހަވާލުވީ ސަބްކޮންޓްރެކްޓަރެއްގެ ގޮތުގަ އެވެ. އެކަމަކު ސިފްކޯ އާއި ޕޮލްކޯ އިން ނޫމަޑިއާ އެކު ވެފައިވާ އެއްބަސްވުން އުވާލުމަށް ފަހު 2016 ގައި ސީދާ އައިލެންޑް އެކްސްޕާޓާ އެ މަސައްކަތް ހަވާލުކުރި އެވެ. ފްލެޓުތަކުގެ މަސައްކަތް އެ އަހަރުން ފެށިގެން އައީ ކޮންމެވެސް ވަރަކަށް ކުރަމުންނެވެ.

އެކަމަކު ހުއްޓެމުން، ފަށަމުން ކަހަލަ ގޮތަކަށް ކުރިއަށް ދާ މަޝްރޫއުގައި އަދިވެސް ބޮޑެތި މަސައްކަތްތަކެއް ނުނިނި އެބަ ހުއްޓެވެ.

އައިލެންޑް އެކްސްޕާޓްގެ މުވައްޒަފުންނަށް މުސާރަ ނުދެވި އެތައް މަހެއް ވުމުން އެމީހުން ވަނީ ދެ ފަހަރެއްގެ މަތިން އިހުތިޖާޖުކޮށްްފަ އެވެ. އެ އިހުތިޖާޖްތަކާ ގުޅިގެން ކުންފުނިން މިހާރު ނިންމާފައި ވަނީ ސައިޓްގައި ހުރި މުދާތައް ވިއްކާލައިގެން ނަމަވެސް މުސާރަ ދޭން އެއްބަސްވެފަ އެވެ.