Roadha Mihaaru
އައިލެންޑް އެކްސްޕާޓުން މުސާރަ ދޭން ފަށައިފި

އައިލެންޑް އެކްސްޕާޓްގެ މުވައްޒަފުންނަށް މުސާރަ ދޭން ފަށައިފި

09 ޖުލައި 2020

ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި އަޅާ ފްލެޓްތަކުގެ މަސަައްކަތް ކުރާ ތައިލެންޑްގެ އައިލެންޑް އެކްސްޕާޓް ކުންފުނީގެ މުވައްޒަފުންނަށް މުސާރަަ ނުދޭތީ ކުރި އިހުތިޖާޖްތަކަށް ފަހު އެ ކުންފުނިން އެންމެ ފަހުން މުސާރަ ދޭން ފަށައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި އަޅާ ފްލެޓްތަކުގެ މަސަައްކަތް ކުރާ ތައިލެންޑްގެ އައިލެންޑް އެކްސްޕާޓް ކުންފުނީގެ މުވައްޒަފުންނަށް މުސާރަަ ނުދޭތީ ކުރި އިހުތިޖާޖްތަކަށް ފަހު އެ ކުންފުނިން އެންމެ ފަހުން މުސާރަ ދޭން ފަށައިފި އެވެ.

އައިލެންޑް އެކްސްޕާޓްގެ މެނޭޖިން ޑިރެކްޓަރު އަނޮން ސޮންގްޕަންޔާ "މިހާރު"އަށް މިއަދު ވިދާޅުވީ މުވައްޒަފުންނަށް މުސާރަ ނުދެވިގެން އުފެދުނު ނުތަނަވަސްކަމުގެ މައްސަލަ މިހާރު ހައްލުވެފައިވާ ކަަމަށެވެ. އެގޮތުން އިއްޔެ ވެސް ބައެއް މުވައްޒަފުންނަށް މުސާރަ ދީފައިވާ ކަމަށާއި މިއަދު ވެސް ބަޔަކަށް މުސާރަ ދޭނެ ކަަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެން މި އަންނަނީ މުވައްްޒަފުންނަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ ފައިސާ ދެމުން. އެހެންވީމާ މިހާރު އެއްވެސް ނުތަނަވަސްކަމެއް ނެތް. ހުރިހާ ކަމެއް ވެސް ދަނީ ރަނގަޅަށް. އެމީހުން ދެން މަގުތަކަށް ނުނިކުންނާނެ އިހުތިޖާޖަކަށް،" އޭނާ ވިދާޅުވި އެވެ.

އަނޮން ވިދާޅުވި ގޮތުގައި މުވައްޒަފުންގެ މައްސަލަ ހައްލުކުރެވޭ މިންވަރަކުން ލޭބާ ރިލޭޝަންސް އޮތޯރިޓީއަށް ވެސް އަންނަނީ އެ މައުލޫމާތު ހިއްސާކުރަަމުންނެވެ. އެގޮތުން މިހާތަނަށް މުސާރަ ދިން މީހުންގެ ތަފްސީލު ފޮނުވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު މިހާތަނަށް މުސާރަ ދީފައި ވާނީ ކިހާ މުވައްޒަފުންނަކަށް ކަމެއް އަނޮން ވިދާޅެެއް ނުވެ އެވެ.

ފްލެޓްތައް އެޅުމުގެ މަސައްކަތް ކުރާ ބިދޭސީން ވަނީ މުސާރަ ނުދޭތީ މިދިޔަ ހޯމަދުވަހު ހުޅުމާލޭގައި މުޒާހަރާކޮށް، ހަމަނުޖެހުން ވެސް ހިންގައިފަ އެވެ. މުސާރަ ނުދީ އޮތުމަކީ ގޯހެއް ކަަމަށް ގަބޫލުކޮށް، އައިލެންޑް އެކްސްޕާޓުން ބުނެފައި ވަނީ އެކަން މިވަގުތު ހައްލުކުރެވެން އޮތީ ކުންފުނީގެ ބައެއް ތަކެތި ވިއްކާލައިގެން ކަމަށެވެ.

އެކަމަކު ބައެއް ތަކެތި ވިއްކާލަން އުޅޭ ވާހަކަ މީޑިއާއިން ރިޕޯޓް ކުރުމުން، ސިފައިންގެ ފޮލްކޯ އާއި ފުލުހުންގެ ޕޮލްކޯއިން ވަނީ އެކަން ނުކުރަން އެ ކުންފުންޏަށް އަންގައިފަ އެވެ. އެގޮތަށް އަންގަން ޕޮލްކޯއިން ސިޓީ ފޮނުވުމުން އެކަމާ އަނޮން ހިތާމަފާޅުކުރެއްވި އެވެ.

"އަޅުގަނޑުގެ އިންޓަވިއުގައި ބުނީ އައިލެންޑް އެކްސްޕާޓްގެ އަމިިއްލަ ތަކެތި ވިއްކާލާ ވާހަކަ. ޕޮލްކޯ ނުވަތަ ސިފްކޯގެ މުދަލަކަށް ގޮތެއް ހަދާ ވާހަކައެެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އަނޮން ވިދާޅުވީ ފްލެޓްތަކުގެ ޕްރޮޖެކްޓް ދިގުލައި، ކުންފުންޏަށް ބޮޑެތި ގެއްލުންތައް ވެފައި ވާތީ ކުންފުނީގެ ހިއްސާ ވިއްކަން ވެސް ނިންމާފައިވާ ކަމަށެވެ.