މީގެ ނުވަ އަހަރު ކުރިން މަސައްކަތް ފެށި ފުލުހުންނާއި ސިފައިންގެ ފްލެޓްތައް އަވަހަށް ނިންމަން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސޮއިކުރި އެއްބަސްވުމާ އެއްގޮތަށް ފުލުހުންގެ ފްލެޓްތައް ނުނިމި އަނެއްކާވެސް ލަސްވެއްޖެ އެވެ.
21 ސެޕްޓެމްބަރ 2022
މީގެ ނުވަ އަހަރު ކުރިން މަސައްކަތް ފެށި ފުލުހުންނާއި ސިފައިންގެ ފްލެޓްތައް އަވަހަށް ނިންމަން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސޮއިކުރި އެއްބަސްވުމާ އެއްގޮތަށް ފުލުހުންގެ ފްލެޓްތައް ނުނިމި އަނެއްކާވެސް ލަސްވެއްޖެ އެވެ.
އެކި ސަބަބުތައް މެދުވެރިވެ ދިގުލައިގެން ގޮސްފައިވާ ސިފައިންގެ ފްލެޓްތައް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރީ ޗައިނާގެ "ދަ ޓްވެންޓީ ތާޑް މެޓަލުޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް"އާ އެވެ. ހުޅުމާލޭގައި އިމާރާތްކުރާ 330 ފްލެޓުގެ އެ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ތިން މަހުުގެ ތެރޭގައި ނިމޭނެ ކަަމަށް އޮތީ ލަފާކޮށްފަ އެވެ.
އެކަމަކު، ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ނިންމަން ސަރުކާރުން ހަވާލުކުރި އަމިން ކޮންސްޓްރަކްޝަންގެ އެއްބަސްވުމުގައި އޮތް ގޮތުން އެ ފްލެޓްތައް ނިންމައި އިއްޔެގެ ނިޔަލަށް ހަވާލުކުރަން ޖެހެ އެވެ. ނަމަވެސް މުއްދަތަށް ނުނިމުމުން، އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން ޖެހޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުންޏެވެ.
ފުލުހުންނަށް ހުޅުމާލޭގައި އިމާރާތްކުރާ 361 ޔުނިޓުގެ ބާކީ މަސައްކަތްތައް ނިންމަން އަމިން ކޮންސްޓްރަކްޝަނާ ހަވާލުކުރީ 275 މިލިއަން ރުފިޔާ އަށެވެ.
ފްލެޓެއްގެ އެތެރޭގައި މަސައްކަތް ކުރިއަށް ދަނީ: އެއްބަސްވުމުގައި އޮތް ތާރީހަށް ނުނިމުނަސް މި އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނޭ.
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވީ އަށް މަސްތެރޭގައި ފްލެޓްތައް ނުނިންމުނީ ފުލުހުންގެ ފަރާތުން ކުރަން ޖެހޭ ބައެއް ކަންކަމާއި ބައެއް ވޭރިއޭޝަންތައް އެޕްރޫވް ނުވުން ފަދަ ކަންކަމާ ހެދި ކަމަށެވެ. އެހާ ބޮޑު ލަސްވުމެއް ނޫޅޭ ކަމަށާއި މި އަހަރުގެ ތެރޭގައި ނިންމޭނެ ކަމަށް ލަފާކުރެއްވޭ ކަމަށް ވިދާޅުވި އެވެ.
"މަސައްކަތް ނިންމަން އިތުރު މުއްދަތެއް [ކުންފުންޏަށް] ދޭން ޖެހޭ. އެކަމަކު މި އަހަރު ތެރޭ ނިންމާލެވޭނެ،" އަކްރަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަސައްކަތް ކުޑަކޮށް ދިގުލައިގެން ދިއުމުގައި އަމިން ކޮންސްޓްރަކްޝަންގެ މައްސަލައެއް ނެތެވެ.
މީގެ ކުރިން މި ފްލެޓްތައް ނުނިންމުނީ ހަވާލުކުރި ކުންފުނިތަކުގެ ބަހަނާތަކާއި ފަރުވާކުޑަވުމުގެ ނަތީޖާ އިން ކަމަށް ސަރުކާރުތަކުން ބުނެފައި ވެ އެވެ.
ފުލުހުންގެ ފްލެޓްތައް 2013 ގައި އަދި ސިފައިންގެ ފްލެޓްތައް އޭގެ އަހަރެއްހާ ދުވަސް ފަހުން ފެށީ ރާއްޖޭގައި އަގު ބޮޑު މަޝްރޫއުތަކެއް ހިންގި ނޫމަޑި ކުންފުންޏާ ހަވާލުކޮށްގެންނެވެ. އެ ކުންފުންޏަށް އެކަން ނުވުމުން އެއްބަސްވުން ބާތިލްކުރީ އެވެ.
ފުލުހުންގެ ފްލެޓްތަކުގެ އެެތެރެ: މިތަންތަން ނުނިމި ވަނީ ދިގުލައިގެން ގޮސްފައި.
ދެން އެ މަޝްރޫއު ހިންގާފައި ވަނީ އައިލެންޑް އެކްސްޕާޓް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ. އެކަމަކު ކޮވިޑާ އެކު ކުންފުނި ބަނގުރޫޓުވެ، އެ ކުންފުނި ވެސް މިދިޔަ އަހަރު އެ ދެ މަޝްރޫއުން ވަކިވި އެވެ.
ފުލުހުންގެ ފްލެޓްތައް ލިބޭނެ 361 ފުލުހުން 2013 ގައި ވަނީ ކަނޑައަޅައިފަ އެވެ. ބައެއް މީހުން ވަނީ ޑައުންޕޭމަންޓް ވެސް ދައްކައިފަ އެވެ. ދެ އަހަރުގެ ތެރޭގައި ދިރިއުޅެވޭނެ ކަމަށް ބުނި ފްލެޓްތައް ނުނިމި ދިގުލައިގެން ދާތީ ފުލުހުން ވަނީ އެކި ފަހަރު މަތިން ޝަކުވާކޮށްފަ އެވެ.
ފުލުހުންގެ ތިން ޓަވަރަށް 500 މިލިއަން ރުފިޔާ އަށް ވުރެ މަތީ އަދަދެއް ވަނީ ހޭދަކޮށްފަ އެވެ. ސިފައިންގެ ތިން ޓަވަރަށް 548 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.
މުއިއްޒު؛ ސިފައިން/ފުލުހުންގެ ފްލެޓާ ގުޅުމެއް ނެތް
އައިލެންޑް އެކްސްޕާޓަށް މެމްބަރުންގެ ބޮޑެތި ތުހުމަތު
ކަންބޮޑުވުންތައް ނެޝަނަލް ސެކިއުރިޓީ ކައުންސިލަށް
އައިލެންޑް އެކްސްޕާޓުން މުސާރަ ދޭން ފަށައިފި
މުދާތައް ނުވިއްކަން އައިލެންޑް އެކްސްޕާޓަށް އަންގައިފި
ސިފައިން/ފުލުހުންގެ ފްލެޓްތައް އާރުސީސީއާ ހަވާލުކުރަނީ
ފްލެޓުތައް ނިންމުން ލަސްވީ ސިޔާސީވުމުން: ކޮންޓްރެކްޓަރު
ސިފައިންނާއި ފުލުހުންގެ ފްލެޓަށް އެއް އަހަރުން ވަދެވޭނެ
ސިފައިންގެ ފްލެޓުތައް މި މަހުގެ ފަހުކޮޅު ހަވާލުކުރަނީ
ސަލާމަތީ ބާރުތައް ފްލެޓް މަޝްރޫއުން ސަލާމަތް ނުވެވިފަ