Roadha Mihaaru
ނައިފަރު: 100 އާއިލާ އަށް ތަނަވަސް ހިޔާވަހިކަން

ނައިފަރު: 100 އާއިލާ އަށް ތަނަވަސް ހިޔާވަހިކަން

06 ޖެނުއަރީ 2022

ތޮއްޖެހިގެން ބޮޑު އާބާދީއެއް ދިރިއުޅޭ ޅ. ނައިފަރަށް ވެސް މި ވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަމެވެ. އެ ރަށުން، ދިރިއުޅެން ގޯތި ދޫނުކުރާތާ 10 އަހަރުވީއިރު، ގިނަ އާއިލާތައް ދިރިއުޅެމުން ދަނީ އެއް ގެއެއްގެ ތެރޭ ފިތިބާރުވެގެންނެވެ؛ އެކަމަކު، މި މައްސަލަ ހައްލުކުރަން ސަރުކާރުން އެ ރަށުގައި އިމާރާތްކޮށްފައިވާ ފުލެޓުތަކަށް، މި މަހު މީހުން ބަދަލުވާން ފެށުމުން، އެ އާއިލާތަކަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ނައިފަރުގައި އިމާރާތްކުރި 100 ފްލެޓުގެ މަސައްކަތް ނިމި، މި ހަފުތާގައި ވަނީ މި ފްލެޓުތައް ލިބޭ މީހުންގެ ވަގުތީ ލިސްޓު ވެސް އާންމުކޮށްފަ އެވެ.

ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވި ގޮތުގައި މި ފްލެޓުތަކާ އެކު އެ ރަށުގެ 600 އަށް ވުރެ ގިނަ މީހުންގެ ދިރިއުޅުން ބަދަލުވެގެންދާނެ އެވެ.

ސަރުކާރުން ނައިފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓުގެ އިމާރާތްތައް.-- ފޮޓޯ: ނައިފަރު ކައުންސިލް

ސަރުކާރުން ނައިފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓުގެ އިމާރާތްތައް.-- ފޮޓޯ: ނައިފަރު ކައުންސިލް

"މިއީ މި ވަގުތަށް ވަރަށް ބޮޑު ލުޔެއް،" އޭނާ ވިދާޅުވި އެވެ.

"މި ރަށުގައި ގޯތި ދޫނުކުރާތާ މިހާރު އެތައް އަހަރެއް ވީމަ، ވަރަށް ގިނަ ބަޔަކު ތިބީ ވެސް މި މަޝްރޫއުގެ ފްލެޓުތައް ލިބޭނެ ކަމުގެ އުއްމީދުގައި."

އޭނާ ވިދާޅުވީ، މި ފުލެޓުތައް ލިބޭ މީހުންގެ ދާއިމީ ލިސްޓު ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި އާންމުކުރުމާ އެކު، މި މަހު ފަހުކޮޅު އެތަނަށް މީހުންނަށް ބަދަލުވެވޭ ވަރު ވާނެ ކަމަށެވެ. މި ފްލެޓުތަކުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން ބާއްވާ ރަސްމިއްޔާތަކަށް މި މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެ ރަށަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ސަރުކާރުން ނައިފަރުގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓުތަކުގެ އެތެރެ.-- ފޮޓޯ: ނައިފަރު ކައުންސިލް

ސަރުކާރުން ނައިފަރުގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓުތަކުގެ އެތެރެ.-- ފޮޓޯ: ނައިފަރު ކައުންސިލް

ސަރުކާރުން އެކި ރަށްރަށުގައި މިހާތަނަށް ގެދޮރު އަޅަމުން އައި ޑިޒައިންތަކާ މުޅިން ތަފާތު އަދި ކުޑަ ތަންކޮޅެއްގައި ގިނަ ބަޔަކަށް ބޯހިޔާވަހިކަން ލިބޭ ގޮތަށް ނައިފަރުގައި ހިންގި ހައުސިން ޕްރޮޖެކްޓުގެ މަސައްކަތް ކުރީ އާރުސީސީންނެވެ. ޕީއެސްއައިޕީ މަޝްރޫއެއްގެ ގޮތުގައި ނައިފަރުގެ ފްލެޓްތައް އަޅަން އާރުސީސީއާ ހަވާލުކުރީ ޖެނުއަރީ 2020 ގައި، 72.2 މިލިޔަން ރުފިޔާ އަށެވެ.

މި ފްލެޓުތައް ހަދާފައި ވަނީ ހަތަރު އިމާރާތެއްގަ އެވެ. އޭގެ ތެރެއިން ތިން އިމާރާތެއް ތިން ފުލޯ އަށް ނެގިއިރު، އަނެއް އިމާރާތް ނެގީ ހަތަރު ފުލޯ އަށެވެ.

ފްލެޓުތަކުގެ އިތުރު ތަފުސީލު

- 1،000 އަކަފޫޓުގެ ޖާގައެއްގައި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެއް.

- ސިޓިންރޫމަކާއި ބަދިގެއެއް ހުންނާނެ.

- ތިން ބުރީގެ ކޮންމެ އިމާރާތެއްގައި 24 ފްލެޓް.

- ހަތަރު ބުރީގެ އިމާރާތުގައި 28 ފްލެޓް.

- އިމާރާތްތަކުގެ ގޯތިތެރޭގައި ޕާކިން ޒޯނަކާއި ކުޑަކުދިންގެ ޕާކަކާއި ކޮންމެ އެޕާޓްމަންޓެއްގައި ދިރިއުޅޭ ބަޔަކަށް ގަސް އިންދާނެ ބެލްކަނީ ޖާގައެއް އޮންނާނެ.

ސަރުކާރުން ނައިފަރުގައި އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ އެތެރެ.-- ފޮޓޯ: ނައިފަރު ކައުންސިލް

ސަރުކާރުން ނައިފަރުގައި އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ އެތެރެ.-- ފޮޓޯ: ނައިފަރު ކައުންސިލް

ކުލި ބޮޑުވުމުގެ ޝަކުވާ!

މި ފުލެޓުތަކަށް މަހު ކުލީގެ ގޮތުގައި 5،000ރ. ދައްކަން ޖެހެ އެވެ. އެއީ 20 އަހަރަށް ބަހާލައިގެން ޖުމްލަ 1.2 މިލިއަން ރުފިޔާ އެވެ.

އެކަމަކު މި އަގު މާ ބޮޑު ކަމަށް ބުނެ، އެ ރަށުގެ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރަޝީދު ވިދާޅުވި ގޮތުގައި، ރައްޔިތުން އަގުގެ ޝަކުވާ ކޮށްފައި ވަނީ، އެ ރަށުގައި ކުރިން އިމާރާތްކޮށްފައިވާ، ހަމަ ތިން ކޮޓަރީގެ ރޯހައުސްތަކުގައި ވެސް މަހު ކުލީގެ ގޮތުގައި ނަގާ އަދަދަށް ވުރެ މި ފްލެޓުތަކުގެ އަގު މާ ބޮޑުކަމުންނެވެ.

އެ ރޯހައުސްތަކުގައި މަހު ކުލީގެ ގޮތުގައި ނަގަނީ 3،500ރ. އެވެ. އެއީ 17 އަހަރަށް ބަހާލައިގެން 700،000ރ. ދައްކަން ޖެހޭ ގޮތަށެވެ. އެކަމަކު ޖާގައިގެ ގޮތުން ބަލާއިރު، މި ރޯހައުސްތައް ފުލެޓުތަކަށް ވުރެ ކުޑަ އެވެ. ފްލެޓުގައި 1،000 އަކަފޫޓު ހުންނައިރު، މި ރޯހައުސްތަކުގެ ޖާގަ އަކީ 900 އަކަފޫޓެވެ.

ސަރުކާރުން ނައިފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓުގެ އިމާރާތްތައް.-- ފޮޓޯ: ނައިފަރު ކައުންސިލް

ސަރުކާރުން ނައިފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓުގެ އިމާރާތްތައް.-- ފޮޓޯ: ނައިފަރު ކައުންސިލް

"އަޅުގަނޑުމެން ވާނީ މި ޝަކުވާ މިނިސްޓްރީގައި ވެސް ދަންނަވާފައި،" ރަޝީދު ވިދާޅުވި އެވެ.

މި ފްލެޓުތަކާ އެކު ލުޔެއް ލިބުނަސް، ރަޝީދު ވިދާޅުވީ 5،000 އަށް ބޮޑު އާބާދީއެއް އޮތް ރަށަށް ހައުސިންގެ ގިނަ މަޝްރޫއުތައް އަދިވެސް ބޭނުންވާ ކަމަށެވެ. މި ފްލެޓުތަކަށް ކުރިމަތިލާން ހުޅުވާލުމުން ލިބުނު ފޯމުތަކުގެ އަދަދު ވެސް އެކަން ޔަގީންވާ ކަމަށް އޭނާ ވިދާޅުވި އެވެ. މި ފްލެޓުތަކަށް އެ ރަށުގެ 800 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ.

ނައިފަރުގެ ހިއްކި ބިމުން އަދިވެސް 280 ގޯތި ދެވެން އެބައޮތެވެ. އެކަމަކު، މި ގޯތިތައް ދިނުމުގެ ކުރިން ޕްލޭނިން މިނިސްޓްރީން ހޯދަން ޖެހޭ ހުއްދަ ނުލިބި، އެ މަސައްކަތް އަދި އޮތީ މަޑުޖެހިފަ އެވެ.

"އެ ގޯތިތައް ދިނުން ލަސްވެގެން ވެސް ރައްޔިތުންގެ ޝަކުވާ ލިބޭ،" އޭނާ ވިދާޅުވި އެވެ.

"މި ބުނާ 280 ގޯތި ދީގެން އެކަނި ވެސް މި މައްސަލަ އެންމެ ރަނގަޅަށް ހައްލުވާނެ ކަމަކަށް އަދި ނުފެނޭ. އެއީ މި ރަށުގެ އާބާދީ ދުވަހެއް ދުވަހަކަށް ބޮޑުވާއިރު، ރަށުން ބޭރު މީހުން ވެސް މި ރަށުން ގޯތި ބޭނުންވެގެން ކައުންސިލުގައި އެބަ އެކަމަށް އެދޭ."

އޭނާ ވިދާޅުވި ގޮތުގައި، މި މައްސަލަ އަށް ދާއިމީ ހައްލެއް ލިބޭނީ އެ ރަށުގެ ބިން އަދި އިތުރަށް ހިއްކައިގެންނެވެ.