Roadha Mihaaru
ފްލެޓްތަކުގެ ބޮޑު މަރާމާތެއް ކުރަން އެދިފައެއް ނެތް

ނައިފަރު ފްލެޓްތަކުގެ ބޮޑު މަރާމާތެއް ކުރަން ހުށަހަޅާފައެއް ނެތް: މިނިސްޓްރީ

25 އޮކްޓޯބަރ 2022

ޅ. ނައިފަރުގައި ތަރައްގީކޮށްފައިވާ 100 ފްލެޓްގައި މާރާމާތުގެ ބޮޑެތި މައްސަލަތަކެއް ހުރިއިރު ވެސް އެ މައްސަލަތައް ހައްލުނުކޮށް ގިނަ ދުވަސްތަކެއްވަމުންދާ ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް ހައުސިން މިނިސްޓްރީން މިއަދު ދޮގުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ޅ. ނައިފަރުގައި ތަރައްގީކޮށްފައިވާ 100 ފްލެޓްގައި މާރާމާތުގެ ބޮޑެތި މައްސަލަތަކެއް ހުރިއިރު ވެސް އެ މައްސަލަތައް ހައްލުނުކޮށް ގިނަ ދުވަސްތަކެއްވަމުންދާ ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް ހައުސިން މިނިސްޓްރީން މިއަދު ދޮގުކޮށްފި އެވެ.

އެ ފްލެޓްތަކުގައި އުޅޭ މީހުންނާ ހަވާލާދީ ބައެއް މީޑިއާތަކުގައި ވަނީ ފްލެޓްތަކުގައި ގިނަ މައްސަލަތަކެއް ހުރި މައްސަލައެއް ފެންމަތިކޮށްފަ އެވެ. އަދި ބައެއް ތަންތަނަށް ލިބިފައިވާ ގެއްލުމުގެ ފޮޓޯތަކެއް ކަމަށް ބުނެ ފޮޓޯތަކެއް ވެސް އާންމުކޮށްފައިވެ އެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ނައިފަރުގައި އިމާރާތްކުރި 100 ފްލެޓާ ގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެތަން އިމާރާތްކުރަން ރަޝީދު ކާޕެންޓްރީއާ ހަވާލުކުރީ ޖެނުއަރީ 26، 2020 ގައި ކަމަށާއި އެ މަސައްކަތް ނިންމައި ފެބްރުއަރީ 19، 2022 ގައި ހަވާލުކޮށްފައިވާ ކަމަށެވެ.

އެތަނުގައި 100 ހައުސިން ޔުނިޓް ހިމެނޭ 4 އިމާރާތް ހިމެނޭއިރު އެތަނުގެ މަސައްކަތް ނިންމުމާ އެކު މިނިސްޓްރީން ވަނީ އިމާރާތް ބެލެހެއްޓުމާއި އިމާރާތާގުޅޭ ކަންކަން މެނޭޖްކުރުމަށް އެ ރަށު ކައުންސިލާ ހަވާލުކޮށްފައި ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެ މަޝްރޫއުގެ ކޮންޓްރެކްޓަރާ އެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން މަސައްކަތް ނިންމުމަށް ފަހު އެއް އަހަރު ދުވަހުގެ މުއްދަތަކަށް އިމާރާތަށް ލިބޭ ގެއްލުންތައް މިނިސްޓްރީން ބެލުމަށް ފަހު އެކަން ކޮންޓްރެކްޓަރަށް އެންގުމުން އެ މަސައްކަތް ކުރާނީ ކޮންޓްރެކްޓަރެވެ. އެކަމަކު އެ މަރާމާތުގެ ތެރޭގައި ތަނުގައި ދިރިއުޅޭ ފަރާތްތަކުން އިމާރާތަށް ގެންނަ އެއްވެސް ބަދަލެއް ނުހިމެނޭ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި އެ ހައުސިން ޔުނިޓްތަކުގައި މައްސަލަތަކެއް ހުރި ކަމަށް އެ ރަށު ކައުންސިލުން މިނިސްޓްރީއަށް ހުށަހެޅީ މިއަހަރުގެ މެއި 19 ގަ އެވެ. އެހެންވެ ކޮންޓްރެކްޓަރާ އެކު މަޝްވަރާކުރުމަށް ފަހު، އެ މައްސަލަތައް ބަލައި ހައްލުކުރުމަށް އެ ރަށަށް ކޮންޓްރެކްޓަރުގެ ޓީމެއް ޖޫން 10 ގައި ދިޔަ ކަމަށާއި މަސައްކަތްކުރުމުގެ ތާވަލެއް އެކުލަވާލައި، ޖޫން 12 ވަނަ ދުވަހު ފްލެޓްތަކުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެށި ކަމަށް މިނިސްޓްރީން ބުނެ އެވެ.

"މިގޮތުން މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ޔުނިޓްތަކުގެ ވެރިފަރާތްތަކާއި ކައުންސިލުގެ ވެސް ބައިވެރިވުމާ އެކު އެ ފަރާތްތަކުގެ އެޕްރޫވަލް ލިބިގެންކަން ފާހަގަކުރަމެވެ. ކައުންސިލުން ފާހަގަކުރި ހުރިހާ މަރާމާތުތައް ނިންމައި ކައުންސިލުގެ އެޕްރޫވަލް ހޯދާފައިވެއެވެ،" މިނިސްޓްރީން ހަވީރު ނެރުނު ބަޔާނުގައި ބުންޏެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި އެ މަރާމާތުތަކުގެ އިތުރަށް ބޮޑު މަރާމާތެއް ކުރުމަށް ކައުންސިލުން މިނިސްޓްރީއަށް ހުށަހަޅާފައެއް ނެތެވެ. ފްލެޓްގައި އުޅޭ މީހަކު ވެސް އެތަނުގެ މަރާމާތާ ގުޅޭ އެއްވެސް ކަމެއް ހުށަހަޅައިފި ނަމަ، ނުވަތަ މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފި ނަމަ، އެކަމަށް އެޓެންޑުވެފައިވާ ކަމަށް މިނިސްޓްރީން ބުންޏެެވެ.