Roadha Mihaaru
ގޯތި ރަޖިސްޓަރީ އާއި ބިން ހަވާލުކުރަން ފަށައިފި

ގޯތި ލިބުނު މީހުންނަށް ރަޖިސްޓަރީ އާއި ބިން ހަވާލުކުރަން ފަށައިފި

04 ޖެނުއަރީ 2024

ކުރީގެ ސަރުކާރުން ފެށި "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބުނު މީހުންނަށް ރަޖިސްޓަރީ އާއި ބިން ހަވާލުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީ އިން އިއްޔެ ފަށައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކުރީގެ ސަރުކާރުން ފެށި "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބުނު މީހުންނަށް ރަޖިސްޓަރީ އާއި ބިން ހަވާލުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީ އިން އިއްޔެ ފަށައިފި އެވެ.

ގޯތި ލިބުނު މީހުންނަށް ރަޖިސްޓަރީ އާއި ބިން ހަވާލު ކުރުމުގެ މަސައްކަތް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަކި ހިސާބަކަށް ގެންދިއުމަށް ފަހު، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު އެ މަސައްކަތް އޮތީ މަޑުޖައްސާލައިފަ އެވެ.

ނަމަވެސް ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، މިހާތަނަށް ގޯތީގެ އެއްބަސްވުމާއި ގޯތީގެ ރަޖިސްޓަރީ ހަވާލު ކޮށްފައި ނުވާ މީހުން އެއްބަސްވުމުގައި ސޮއި ކުރުމާއި ރަޖިސްޓަރީ ހަވާލުކުރުމުގެ އިތުރުން ބިން ހަވާލު ކުރުމުގެ މަސައްކަތް އިއްޔެ އިން ފެށިގެން ކުރިޔަށް ގެންދަން ފަށާފައިވާ ކަމަށެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ މީހުންނަށް ގުޅައިގެން އަދި މެސެޖުކޮށް ހާޒިރުވާން ޖެހޭ ތާރީހާއި ގަޑި އަދި ތަން އަންގާނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.

މިހާތަނަށް ހަވާލު ކޮށްފައިވާ ރަޖިސްޓަރީތަކާއި އެއްބަސްވުންތަކުގައި މައްސަލައެއް ފާހަގަ ކުރެވޭ ނަމަ އެކަން މިނިސްޓްރީ އަށް ހުށަހެޅުމުން އިސްލާހު ކުރާނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.

ކުރީގެ ސަރުކާރުން ވަނީ ހުޅުމާލެ 2 އާއި އަލަށް ހިއްކާ ހުޅުމާލެ ތިނަކާއި ގުޅިފަޅާއި ގިރާވަރުފަޅުން 9،000 ގޯތި ދޭން ނިންމައިފަ އެވެ. އޭގެ ތެރެއިން ގިނަ މީހުންނަށް ރަޖިސްޓަރީ އަދި ބައެއް މީހުންނަށް ބިންތައް ވެސް ހަވާލު ކުރި އެވެ.

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލައި 13،000 މީހުން ޝަރުތު ހަމަވާ ކަމަށް ކަނޑައެޅި އެވެ. އޭގެ ތެރެއިން 4،000 މީހުންނަށް މިވަގުތު ހުރި ފްލެޓުތައް ދޭން ނިންމުމުން އެތައް ބަޔަކު ހިތްހަމަ ނުޖެހި 7،000 އަށް ވުރެ ގިނަ ޝަކުވާ ހުށަހެޅުމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ އެކަން ހުއްޓުވައިފަ އެވެ.

އެ ކޮމިޝަނުން އަންނަނީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ހުށަހަޅާ ޕޯޓަލް އަށް އެކްސެސްވެ، ހުރި މައްސަލަތައް ތަހުގީގު ކުރަމުންނެވެ. މިހާތަނަށް އައިއިރު ޝައްކު ކުރެވޭ އެތައް ކަމެއް ހުރި ކަމަށް އެ އޭސީސީގެ މެންބަރުން ވަނީ ވިދާޅުވެފަ އެވެ.