Roadha Mihaaru
"ނައިފަރު ފްލެޓްތަކުގެ މައްސަލައަށް ހައްލު އެބަހޯދަން"

ނައިފަރުގައި ހަވާލުނުކުރެވި ހުރި ފްލެޓްތަކުގެ މައްސަލައަށް ހައްލެއް އެބަ ހޯދަން: މިނިސްޓްރީ

10 އެޕްރީލް 2022

ޅ. ނައިފަރުން ދޫކުރަން ނިންމި 100 ފްލެޓުގެ ތެރެއިން ޝަރުތުހަމަވެ އެކި ސަބަބުތަކާ ހެދި ނުދީ ހުރި ފްލެޓްތައް އެ އާއިލާތަކާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޅ. ނައިފަރުން ދޫކުރަން ނިންމި 100 ފްލެޓުގެ ތެރެއިން ޝަރުތުހަމަވެ އެކި ސަބަބުތަކާ ހެދި ނުދީ ހުރި ފްލެޓްތައް އެ އާއިލާތަކާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ނައިފަރުން ދޫކުރި ފްލެޓްތަކަށް ޝަރުތު ހަމަވި ގިނަ ބަޔަކަށް މި ރޯދަމަސް ފެށުމުގެ ކުރިން ވަނީ ފްލެޓް ހަވާލުކޮށް، ދިރިއުޅެން ވެސް ފަށައިފަ އެވެ. އެކަމަކު ގާތްގަނޑަކަށް 16 އާއިލާ އަދިވެސް ފްލެޓްތަކަށް ނުވަދެވި އެބަތިއްބެވެ.

ފްލެޓަށް ނުވަދެވި ލަސްވާ މައްސަލައިގައި އެ އާއިލާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެންމެ ފަހުން އެ މީހުންނަށް ޔަގީންކަން ދީފައި އޮތީ ރޯދަމަސް ފެށެންވާ އިރަށް އެ ތަނަށް ވަދެވޭނެ ކަމަށެވެ. އެކަމަކު ރޯދަމަހުގެ ފުރަތަމަ ހަފުތާ ނިމުނުއިރު ވެސް މިނިސްޓްރީ އާއި ކައުންސިލުން ވެސް އެދެވޭ ޖަވާބެއް ނުލިބޭ ކަމަށް ބުނެ ދަނީ ޝަކުވާ ކުރަމުންނެވެ.

ނައިފަރުގެ ފްލެޓްތައް: މިތަންތަނަށް ޝަރުތު ހަމަވި ބައެއް މީހުންނަށް އަދިވެސް ދޫނުކުރޭ..-- ފޮޓޯ: ނައިފަރު ކައުންސިލް

ނައިފަރުގެ ފްލެޓްތައް: މިތަންތަނަށް ޝަރުތު ހަމަވި ބައެއް މީހުންނަށް އަދިވެސް ދޫނުކުރޭ..-- ފޮޓޯ: ނައިފަރު ކައުންސިލް

ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވީ، ނައިފަރުގައި ފްލެޓް ހަވާލުނުކުރެވި ހުރި އާއިލާތަކަށް ވީހާ ވެސް އަވަހަކަށް ގާނޫނީ ހައްލެއް ހޯދަން އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ. އެކަމުގައި އިދިކޮޅު ޕީޕީއެމްގެ އަޣުލަބިއްޔަތު އޮތް ނައިފަރު ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ނުލިބޭ ކަމަށް ވިދާޅުވި އެވެ.

"އެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް އެބަދޭ،" އަކްރަމް ވިދާޅުވި އެވެ.

ބިން ފުރި، ތޮއްޖެހިފައި އޮތް ނައިފަރުން 100 ފްލެޓަށް ހުޅުވާލުމުން 800 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. އޭގެތެރެއިން އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ވެސް ބައެއް މީހުންނާ ފްލެޓް ހަވާލުނުކުރެވި ވަނީ ގާނޫނީ ހައްލުތަކެއް ހޯދައިދޭން ޖެހޭ އިދާރީ ބައެއް ކަންކަމާ ހެދި އެވެ.

ނައިފަރުގެ ފުލެޓުތަކަށް މަހު ކުލީގެ ގޮތުގައި 5،000ރ. ދައްކަން ޖެހެ އެވެ. އެއީ 20 އަހަރަށް ބަހާލައިގެން ޖުމްލަ 1.2 މިލިއަން ރުފިޔާ އެވެ. މި ފްލެޓްތަކާ އެކު އެ ސަރަހައްދަށް 600 މީހުން ބަދަލުވާނެ ކަމަށް ކައުންސިލުން ލަފާ ކުރެ އެވެ.