Roadha Mihaaru
އަނިޔާއާ ހެދި ޑިބްރޭނާ ބެލްޖިއަމް ސްކޮޑުން ވަކިވެއްޖެ

އަނިޔާއާ ހެދި ޑިބްރޭނާ ބެލްޖިއަމް ސްކޮޑުން ވަކިވެއްޖެ

13 އޮކްޓޯބަރ 2020

ބްރުސެލްސް، ބެލްޖިއަމް (އޮކްޓޫބަރު 13) - ކުޑަ ހާނިއްކައެއްގެ ސަބަބުން ފިޓްނަސް އަށް އަސަރުކޮށްފައިވާތީ ބެލްޖިއަމް ސްކޮޑުން މަޝްހޫރު މިޑްފީލްޑަރު ކެވިން ޑިބްރާނާ ވަކިވެއްޖެ އެވެ.

ބްރުސެލްސް، ބެލްޖިއަމް (އޮކްޓޫބަރު 13) - ކުޑަ ހާނިއްކައެއްގެ ސަބަބުން ފިޓްނަސް އަށް އަސަރުކޮށްފައިވާތީ ބެލްޖިއަމް ސްކޮޑުން މަޝްހޫރު މިޑްފީލްޑަރު ކެވިން ޑިބްރާނާ ވަކިވެއްޖެ އެވެ.

މިިދިޔަ އާދިއްތަ ދުވަހު ޔުއެފާ ނޭޝަންސް ލީގުގައި އިންގްލެންޑް އަތުން ބެލްޖިއަމް 2-1 އިން ބަލިވި މެޗުގައި އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ މެންޗެސްޓާ ސިޓީގެ ޑިބްރޭނާ އެވެ. އެ މެޗުގެ 73 ވަނަ މިނިޓްގައި ޑިބްރޭނާ ވަނީ އަނިޔާގެ ސަބަބުން ބާލައިފަ އެވެ.

ބެލްޖިއަމް ގައުމީ ޓީމުގެ އޮފިޝަލަކު އެ ގައުމުގެ މީޑިއާ އަކަށް ބުނީ ޑިބްރޭނާ ޓީމާ ވަކިވީ މާ ބޮޑު އަނިޔާއެއްވެގެން ނޫން ކަމަށާއި މާދަމާރޭ އައިސްލެންޑާ ދެކޮޅަށް ކުޅޭ މެޗުގައި ޑިބްރޭނާ ނުކުޅޭނެ ކަމަށެވެ.

ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި އޮތް ބެލްޖިއަމް މި ވަގުތު އޮތީ ނޭޝަންސް ލީގުގައި އެ ޓީމު ވާދަކުރާ ގްރޫޕްގެ ދެ ވަނައިގަ އެވެ. ކުރިއަށް އޮތް މެޗުގައި އައިސްލެންޑާ ކުޅެގެން މޮޅުވުމަށް ފަހު އަންނަ މަހު އަމިއްލަ ދަނޑުގައި އިންގްލެންޑް ބަލިކޮށްގެން ބެލްޖިއަމަށް އަލުން އެއް ވަނަ އަށް އެރޭނެ އެވެ.

ޑިބްރޭނާ އަކީ ފިޓްނަސް މައްސަލައިގައި ގައުމީ ޓީމުން ވަކިވި ސިޓީގެ ދެ ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން އިންގްލެންޑް ގައުމީ ޓީމުން އަނިޔާގެ ސަބަބުން ރަހީމް ސްޓާލިން ވެސް ވަނީ ވަކިވެފަ އެވެ. ޕްރިމިއާ ލީގުގައި މި ހަފްތާ ބަންދުގައި ސިޓީން އާސެނަލާ ދެކޮޅަށް ކުޅޭނެ އެވެ. އެ މެޗަށް ޑިބްރޭނާ ފިޓްވާނެ ކަމަށް ބެލެވޭއިރު، ބުރަކަށްޓަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވެ ސްޓާލިން އަށް އާސެނަލް މެޗުގައި ކުޅެވޭނެ ކަމާ މެދު ޝައްކެވެ.

މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޑިބްރޭނާ އަށް އަނިޔާގެ ސަބަބުން ފާއިތުވި ދެ އަހަރު ގިނަ މެޗުތަކެއް ގެއްލުނެވެ. އެކަމަކު ފިޓްވެގެން އައި ކޮންމެ ފަހަރެއްގައި ވެސް ޑިބްރޭނާ ވަނީ މެޗުތަކުގެ ނަތީޖާ ކަނޑައެޅުމުގައި ތަފާތު ދައްކައިފަ އެވެ.

ކޮވިޑް-19 ފެތުރިފައިވާ މި ދަނޑިވަޅުގައި ކުޅުންތެރިން އެކި ބައްރުތަކަށް ދަތުރުކޮށްފައި ގޮސް ގައުމީ ޓީމުތަކުގެ މެޗުތައް ކުޅުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް ފުޓްބޯޅައިގެ ގިނަ ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ. އަދި މަޝްހޫރު ގިނަ ކޯޗުން ވެސް ވަނީ މި ދުވަސްވަރު ދަތުރުފަތުރުކޮށްގެން ކުޅޭ މި ފަދަ މެޗުތައް ނުރާވަން އިލްތިމާސްކޮށްފަ އެވެ.