Roadha Mihaaru
ޕްރިމިއާ ލީގުން 1.5 ބިލިއަން ޑޮލަރު ހަރަދުކުރި

ޕްރިމިއާ ލީގުން ޓްރާންސްފާތަކަށް 1.5 ބިލިއަން ޑޮލަރު ހަރަދުކުރި

07 އޮކްޓޯބަރ 2020

ލަންޑަން (އޮކްޓޫބަރު 7) - ނިމިދިޔަ އިންޓަނޭޝަނަލް ޓްރާންސްފާ މާކެޓް ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގުގެ 20 ކްލަބުން 1.5 ބިލިއަން ޑޮލަރު ހަރަދުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ލަންޑަން (އޮކްޓޫބަރު 7) - ނިމިދިޔަ އިންޓަނޭޝަނަލް ޓްރާންސްފާ މާކެޓް ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގުގެ 20 ކްލަބުން 1.5 ބިލިއަން ޑޮލަރު ހަރަދުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކޮވިޑް-19އާ ހެދި ކްލަބްތަކަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުގެ ސަބަބުން މި ފަހަރު ޓްރާންސްފާތަކަށް ކުރި ހަރަދުތައް މަދުވި އެވެ. މިއީ 2015 ވަނަ އަހަރަށް ފަހު ސީޒަން ފެށުމުގެ ކުރިން އޮންނަ ޓްރާންސްފާ މާކެޓްގައި އެންމެ މަދުން ހަރަދުކުރި ފަހަރެވެ. އެ ފަހަރު 1.6 ބިލިއަން ޑޮލަރު ހަރަދުކުރި އެވެ. މިދިޔަ ހަތަރު އަހަރު ތެރެއިން އެންމެ ގިނަ ހަރަދުކުރީ 2017 ވަނަ އަހަރު އެވެ. އެ ފަހަރު ޕްރިމިއާ ލީގުގެ ޓީމުތަކުން 2.3 ބިލިއަން ޑޮލަރު ޓްރާންސްފާތަކަށް ހަރަދުކުރި އެވެ.

ޕްރިމިއާ ލީގުން ވަނީ އެހެން ލީގު ތަކަށް 517 މިލިއަން ޑޮލަރަށް ކުޅުންތެރިން ވިއްކައިފަ އެވެ. އެހެންކަމުން ކްލަބްތަކުން ކުޅުންތެރިން ވިއްކައިގެން ލިބުނު އާމްދަނީ އަށް ބަލައި (ނެޓް ސްޕެންޑް) މުޅި ލީގުން ކުރި ހަރަދު އުޅެނީ 983 މިލިއަން ޑޮލަރުގަ އެވެ. މިއީ މި ގޮތަށް ނެޓް ސްޕެންޑް އިން ބަލާއިރު ދެ ވަނަ އަށް އެންމެ ބޮޑު ހޭދައެއް ކުރި ޓްރާންސްފާ މާކެޓް އެވެ.

ފުޓްބޯޅައިގެ ބިޒްނަސް ޕާފޯމަންސް އެނަލިސިސް ހަދާ އެޖެންސީއެއް ކަމަށްވާ ވިސީބަލްގެ ތަޖުރިބާކާރު ޖޯޖް ޕާސެލް ބުނީ މި ފަހަރު ގިނަ ކްލަބްތަކުން ހަރަދުކުރީ ކުޅުންތެރިން ވިއްކައިގެން ކަމަށާއި އޭގެ ސަބަބަކީ ކޮވިޑާ ހެދި ކުރިމަތިވެފައިވާ މާލީ ދަތިކަން ކަމަށެވެ.

"ގިނަ ކްލަބްތަކުގެ ޓްރާންސްފާ ފީތައް ވެސް ހުރީ ބަހާލައިގެން ދައްކާ ގޮތަށް. ޓީވީ ފައިސާ އާއި ސަޕޯޓަރުން ނުވައްނާތީ ގެއްލޭ ފައިސާތަކުގެ އަސަރު ބޮޑަށް ފެންނާނީ އަންނަ އަހަރުގެ ދެ ޓްރާންސްފާ މާކެޓްގައި،" ޕާސެލް ބުންޏެވެ.

ޕްރިމިއާ ލީގުގެ ވަކި ވަކި ކްލަބްތަކުގެ ހަރަދަށް ބަލާއިރު މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެއް ކްލަބަކުން އެންމެ ބޮޑު ހޭދައެއްކުރީ ޗެލްސީންނެވެ. މިިދިޔަ އަހަރު ޓްރާންސް ނުކުރެވޭ ގޮތަށް އަދަބު ދީފައި އޮތުމުން މި ފަހަރު ޗެލްސީން ވަނީ ކުޅުންތެރިން ގަންނަން 290 މިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ. އޭގެން ދެބައި ކުޅަ އެއް ބަޔަކީ ޗެލްސީ އަށް ކުޅުންތެރިން ވިއްކައިގެން ލިބުނު އާމްދަނީ އެވެ. މި ފަހަރު ޕްރިމިއާ ލީގުގެ އެންމެ އަގުބޮޑު ޓްރާންސްފާ އަކީ ޗެލްސީން ބަޔާ ލެވަކޫސަނަށް 94 މިލިއަން ޑޮލަރު ދީފައި ގަތް ކައި ހާވާޓްޒް އެވެ.

މި މަހު ފަސް ވަނަ ދުވަހުން ފެށިގެން ޕްރިމިއާ ލީގަށް ބައިނަލްއަގުވާމީ ޓްރާންސްފާ މާކެޓް ބަންދުވި ނަމަވެސް ލޯކަލް ޓްރާންސް މާކެޓްގައި އަދި ކުޅުންތެރިން ގެނެވޭނެ އެވެ. އެ ގޮތުން މި މަހު 16 ގެ ނިޔަލަށް އެކި ޑިވިޝަންތަކުން ޓްރާންސްފާ ކުރެވޭނެ އެވެ. އެކަމަކު އެއް ޑިވިޝަނެއްގައި އޮތް ދެ ޓީމަކުން އެއްވެސް ޓްރާންސްފާއެއް ނުކުރެވޭނެ އެވެ. މިސާލަކަށް ޕްރިމިއާ ލީގުގެ ޓީމަކުން މަގާމަކަށް ކުޅުންތެރިއަކު ބޭނުންނަމަ އެ ނޫން ޑިވިޝަނެއްގެ ޓީމަކުން ކުޅުންތެރިއަކު ގެނެވޭނެ އެވެ.

ޕްރިމިއާ ލީގުގެ އިތުރުން ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގައި ހިމެނޭ އެއްވެސް ލީގެއްގެ ޓްރާންސްފާ ހަރަދު އެއް ބިލިއަން ޑޮލަރާ ގާތްނުކުރާނެކަމަށް ވިސީބަލްގެ ދިރާސާތަކުން ދައްކަ އެވެ. ކުޅުންތެރިން ގަންނަން އެންމެ ބޮޑު ހޭދައެއްކުރާ ޓީމުތަކުގެ ތެރޭގައި ހިމެނޭ ރެއާލް މެޑްރިޑާއި ބާސެލޯނާ މި ފަހަރު އެހާ ހަރަކާތްތެރިއެއް ނޫނެވެ. ރެއާލުން އެއްވެސް ކުޅުންތެރިން ނުގަނެ އެވެ.

އަނެއްކޮޅުން ބާސެލޯނާ އަށް ދިމާވި މާލީ ދަތިތަކާ ހުރެ އެ ޓީމުން ކުޅުންތެރިން ގަތީ ކުޅުންތެރިން ވިއްކައިގެންނެވެ. މާލީ މައްސަލަތަކުގެ ތެރެއިން ހައްލެއް ހޯދަން ބޮޑު މުސާރައިގައި ހުރި ބައެއް ކުޅުންތެރިން ބާސެލޯނާ އިން ވަނީ ނުއަގުގައި އެހެން ޓީމުތަކަށް ވިއްކާލައިފަ އެވެ. އެގޮތުން އިވާން ރަކިޓިޗާއި އާޓޫރޯ ވިޑާލް ވިއްކާލީ ތިން މިލިއަން ޑޮލަރަށް ވުރެން އަގުހެޔޮކޮށެވެ. ލުއިސް ސުއަރޭޒް ދޫކޮށްލީ ހަތް މިލިއަން ޑޮލަރަށެވެ. ރިޕޯޓްތައް ބުނާގޮތުގައި މިދިޔަ ސީޒަނުގައި އެކަނި ވެސް ބާސެލޯނާ އަށް 260 މިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް ގެއްލުންވި އެވެ.