Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

06 އޮކްޓޯބަރ 2020

ޝޫޓިން ހުއްޓާލާފައި އޮތް ސަލްމާން ޚާންގެ ފިލްމު "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" ގެ ޝޫޓިން އަލުން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޝޫޓިން ހުއްޓާލާފައި އޮތް ސަލްމާން ޚާންގެ ފިލްމު "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" ގެ ޝޫޓިން އަލުން ފަށައިފި އެވެ.

އިންޑިއާގެ ލޮކްޑައުންގެ ކުރިން މި ފިލްމުގެ ޝޫޓިންގެ ބޮޑުބައެއް ނިމިފައިވީ ނަމަވެސް ބާކީ ދެ ލަވައަކާއި އިތުރު މަންޒަރުތަކެއް އޮތީ ޝޫޓްނުކުރެވި އެވެ. އެހެންވެ ގާތްގަނޑަކަށް ހަތް މަސް ފަހުން އަލުން ޝޫޓިން ފަށައިގަތީ ލަވައަކާ އެކީގަ އެވެ. އޭގެ ސެޓުން ނަގާފައިވާ ފޮޓޯއެއް ސަލްމާން އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ. ފިލްމުގެ ބާކީ ހުރި މަންޒަރުތައް ޝޫޓްކޮށް ނިންމަން ނަގާނީ 15 ވަރަކަށް ދުވަސް ކަމަށްވެ އެވެ.

"ރާދޭ" އަކީ މިދިޔަ އަހަރު ރިލީޒްކުރި "ދަބަންގް 3" ގެ ޑައިރެކްޓަރު ޕްރަބޫދޭވާ ޑައިރެކްޓްކުރާ ފިލްމެކެވެ. ސަލްމާނާ އެކު ފިލްމުގެ ބަތަލާގެ ރޯލުން ފެނިގެން ނީ މިދިޔަ އަހަރު ގެނެސްދިން ސަލްމާންގެ "ބާރަތު" ގެ ރޯލެއް ވެސް ކުޅުނު ޒުވާން ބަތަލާ ޑިޝާ ޕަޓާނީ އެވެ.

"ރާދޭ" ގެ އިތުރު ކާސްޓުންގެ ތެރޭގައި ރަންދީޕް ހޫޑާ އާއި ޖެކީ ޝްރޮފާއި ޒަރީނާ ވައްހާބާއި ގޯތަމް ގުލާޓީ ހިމެނެ އެވެ. މި ފިލްމަކީ ކުރިން މި އަހަރުގެ ފިތުރު އީދާ ދިމާކޮށް މެއި 22 ގައި ގެނެސްދޭން އުޅުނު ފިލްމެކެވެ. އެކަމަކު ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި އެކަން ނުވީ އެވެ.

View this post on Instagram

Back to shoot after 6 1/2 months ... feels good #Radhe

A post shared by Salman Khan (@beingsalmankhan) on

"ރާދޭ" ގެނެސްދޭނެ އާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ޖޯންސަން އެންޑް ޖޯންސަނަށް "ސައިފީނާ"

ކުޑަކުދިންނަށް ހާއްސަ އުފެއްދުންތައް ނެރޭ ޖޯންސަން އެންޑް ޖޯންސަންގެ ބްރޭންޑް އެމްބެސެޑަރުންނަށް، ދެވަނަ ދަރިއެއް ލިބެން އުޅޭ ބަތަލާ ކަރީނާ ކަޕޫރާއި ފިރިމީހާ ސައިފް އަލީ ހަމަޖައްސައިފި އެވެ.

ދެ ތަރިންނަށް ލިބުނު މި ފުރުސަތުގެ ވާހަކަ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައިވެ އެވެ. ކަރީނާ ބުނީ އެ މީހުން ޕްރޮމޯޓްކޮށްދޭނީ ޖޯންސަން އެންޑް ޖޯންސަންގެ ކޮޓަންޓަޗްގެ އުފެއްދުންތައް ކަމަށެވެ. އަދި ޖޯންސަން އެންޑް ޖޯންސަނަކީ އަބަދު ވެސް ވަރަށް އިތުބާރުކުރާ ބްރޭންޑެއް ކަމަށް ބުންޏެވެ.

ސައިފާއި ކަރީނާ މީގެ ކުރިން ވެސް އެކި އުފެއްދުންތައް އެކީގައި އިޝްތިހާރުކޮށް ދީފައިވެ އެވެ. އޭގެ ތެރޭގައި ޓެޓްލީ ސައިފަތާއި ޕެންޓީން ޝޭމްޕޫ އާއި ޝުގަލައިޓާއި ވީއައިޕީ ފަދަ ބްރޭންޑްތައް ހިމެނެ އެވެ.

"ބޫލް ބުލައްޔާ 2" ގެ ރޯލަކަށް އަމަރު

ޑައިރެކްޓަރު އަނީސް ބަޒްމީ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ގެނެސްދޭނެ ފިލްމު "ބޫލް ބުލައްޔާ 2" ގެ ރޯލަކަށް ޓީވީ އެކްޓަރު އަމަރް އުޕަދޭ ސޮއިކޮށްފި އެވެ.

"ކިޔުކީ ސާސް ބީ ކަބީ ބަހޫތީ" އާއި "ދޭކް ބާއި ދޭކް" އަދި "ކަލާޝް" ފަދަ ސިލްސިލާތައް ކުޅެފައިވާ 44 އަހަރުގެ އެކްޓަރު "ބޫލް ބުލައްޔާ 2" ގައި ފެންނާނީ ބަތަލާ ތައްބޫގެ ފިރިމީހާގެ ރޯލުންނެވެ. މި ފިލްމުގެ ލީޑް ތަރިންނަކީ ކާތިކް އާރިޔަނާއި ކިއާރާ އަދުވާނީ އެވެ.

އަނީސްގެ ހޮރޯ-ކޮމެޑީ އަށް ސޮއިކުރިކަން ކަށަވަރުކޮށް ދެމުން މުމްބާއީ މިރާ އަމަރް ބުނީ އޭނާ ފިލްމުގައި ފެނިގެންދާނީ ރަސްކަލެއްގެ ދަރިއެއްގެ ރޯލުން ކަމަށެވެ. އަދި ތައްބޫގެ ފިރިމީހާގެ ރޯލް ކުޅެން ލިބުމަކީ ބޮޑު އުފަލެއް ކަމަށް ބުންޏެވެ.

އަމަރް ބުނީ އޭނާ ފިލްމުގެ ޝޫޓިން ފަށާނީ ޑިސެމްބަރު ނުވަތަ އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށެވެ. ލޮކްޑައުންގެ ކުރިން މި ފިލްމުގެ މަންޒަރުތަކެއް ވަނީ ލަކްނޫގައި ނަގައިފަ އެވެ.

"ބޫލް ބުލައްޔާ 2" އަކީ ކުރިން މި އަހަރުގެ ޖުލައި 31 ގައި ގެނެސްދޭން އުޅުނު ފިލްމެކެވެ. އެކަމަކު ކޮވިޑްގެ ތުރާލާ ހެދި އެކަން ނުވީ އެވެ. މި ފިލްމަކީ 2007 ގައި އަކްޝޭ ކުމާރާ އެކު ޑައިރެކްޓަރު ޕްރިޔާދަރުޝަން ގެނެސްދިން "ނޫލް ބުލައްޔާ" ގެ ސީކްއެލް އެވެ.

"ހަންގާމާ 2" ގެ ޓީމް މަނާލީ އަށް

ކުރިން މި އަހަރުގެ އޮގަސްޓްގައި ގެނެސްދޭން ރޭވި ނަމަވެސް ކޮވިޑް-19 އާ ހެދި މަސައްކަތްތައް ހުއްޓާލަން ޖެހުނު ބަތަލާ ޝިލްޕާ ޝެޓީގެ ކޮމެޑީ ފިލްމު "ހަންގާމާ 2" ގެ ނުނިމި ހުރި މަންޒަރުތައް ނަގަން ކާސްޓާއި ކްރޫ މަނާލީ އަށް ހިނގައްޖެ އެވެ.

ޝިލްޕާ ވަނީ ފުރުމުގެ ކުރިން އެއާޕޯޓްގައި ފިލްމުގެ ބައެއް ޓީމް މެމްބަރުންނާ އެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފަ އެވެ. "ހަންގާމާ 2" އަކީ ޑައިރެކްޓަރު ޕްރިޔާދަރުޝަން 2003 ގައި "ހަންގާމާ" ގެ ނަމުގައި ގެނެސްދިން ފިލްމުގެ ދެވަނަ ބައެވެ.

މި ފަހަރުގެ މައިގަނޑު ކާސްޓުންނަކީ ޝިލްޕާ އާއި ޕަރޭޝް ރާވަލާއި ޒުވާން ދެ ތަރިން ކަމަށްވާ މީޒާން ޖެފްރީގެ އިތުރުން ޕްރަނީތާ ސުބާޝް އެވެ.

"ހަންގާމާ 2" އަކީ ބޮޑު ސްކްރީނާ ދުރުގައި ހުންނަ ގިނަ އަހަރުތަކެއް ފަހުން ޝިލްޕާ އަލުން އެކްޓިން އަށް އަންނަން ސޮއިކުރި ފިލްމުތަކުގެ ތެރެއިން ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ ޑައިރެކްޓަރު ސަބީރް ޚާންގެ "ނިކައްމާ" އެވެ.