Roadha Mihaaru
ސައިފްގެ އާ ފިލްމުގެ ޓްރެއިލާ ދައްކާލައިފި

ސައިފްގެ އާ ފިލްމުގެ ޓްރެއިލާ ދައްކާލައިފި

19 އޯގަސްޓް 2021

ސައިފް އަލީ ޚާނާއި އަންހެން ކަރީނާ ކަޕޫރާއި ދެ ދަރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ އިރު، ސައިފްގެ އާ ފިލްމު "ބޫތު ޕޮލިސް" ގެ ޓްރެއިލާ ބުދަ ދުވަހު ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސައިފް އަލީ ޚާނާއި އަންހެން ކަރީނާ ކަޕޫރާއި ދެ ދަރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ އިރު، ސައިފްގެ އާ ފިލްމު "ބޫތު ޕޮލިސް" ގެ ޓްރެއިލާ ބުދަ ދުވަހު ދައްކާލައިފި އެވެ.

މި ފިލްމަކީ އަންނަ މަހުގެ 17 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ ހޮރޯ-ކޮމެޑީއެކެވެ. ބިރުވެރި ކަންތައްތަކެއް ހެއްވާ ގޮތަކަށް ފެންނާނެ "ބޫތު ޕޮލިސް" ގެ ކާސްޓްގައި ސައިފްގެ އިތުރުން އަރުޖުން ކަޕޫރާއި ޖެކްލިން ފެނަންޑޭޒްގެ އިތުރުން ޔަމީ ގޯތަމް ހިމެނެ އެވެ.

ޕަވަން ކިރްޕަލާނީ ޑައިރެކްޓްކުރި މި ފިލްމަކީ މި ހުރިހާ ތަރިންގެ ވެސް ފުރަތަމަ ހޮރޯ-ކޮމެޑީއެކެވެ. މި ޖޯންރާ އަކީ މިހާރު ބޮލީވުޑްގައި އެންމެ ހިނގާ އެއް ޖޯންރާ އެވެ. ހޮރޯ-ކޮމެޑީގެ މަގުބޫލުކަން ބޮޑުވާން ފެށީ 2018 ގައި ރިލީީޒްކުރި ޝްރަދާ ކަޕޫރާއި ރާޖްކުމާރު ރާއޯގެ "އިސްތިރީ" ގެ ފަހުންނެވެ.

ކުޑަ ބަޖެޓަކުން ހެދި އެ ފިލްމު ބޮކްސް އޮފީހުގައި އެ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމަށްވުމާ އެކު ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ ލޯ ހޮރޯ-ކޮމެޑީތަކާ ދިމާއަށް ވަރަށް ބޮޑަށް ހުއްޓިފައިވެ އެވެ.

ސައިފްގެ "ބޫތު ޕޮލިސް" އަންނަ މަހު ރިލީޒްކުރާ އިރު އޭނާ އެންމެ ފަހުން ފެނިފައި ވަނީ މި އަހަރުގެ ކުރީކޮޅު އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދިން ވެބް ސީރީޒް "ތަންޑާވް" އިންނެވެ.

ސައިފް، 51، ގެ ކުރިއަށް ހުރި ފިލްމުތަކަކީ "ބަންޓީ އޯރް ބަބްލީ 2" އާއި "އާދިޕުރުޝް" އަދި "ވިކްރަމް ވޭދާ" ގެ ރިމޭކެވެ.