Roadha Mihaaru
އަތުލައިގަތީ މަސްތުވާތަކެތީގެ އިންޓަނޭޝަނަލް ނެޓްވޯކެއް

އަތުލައިގަތީ މަސްތުވާތަކެތި ޓްރެފިކްކުރާ އިންޓަނޭޝަނަލް ގޭންގެއްގެ ބައެއް

04 އޮކްޓޯބަރ 2020

ކަނޑުމަގުން އެތެރެކުރި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު އިއްޔެ އައްޑޫން އަތުލައިގަތީ ޑްރަގްސްގެ ވިޔަފާރިކުރާ އިންޓަނޭޝަނަލް ގޭންގަކަށް ނިސްބަތްވާ ބައެއް ކަމަށް ޕާކިސްތާނުގެ އެންޓި ނާކޮޓިކްސް ފޯސް (އޭއެންއެފް) އާ ހަވާލާދީ އެ ގައުމުގެ ބައެއް ނޫސްތަކުން ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކަނޑުމަގުން އެތެރެކުރި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު އިއްޔެ އައްޑޫން އަތުލައިގަތީ ޑްރަގްސްގެ ވިޔަފާރިކުރާ އިންޓަނޭޝަނަލް ގޭންގަކަށް ނިސްބަތްވާ ބައެއް ކަމަށް ޕާކިސްތާނުގެ އެންޓި ނާކޮޓިކްސް ފޯސް (އޭއެންއެފް) އާ ހަވާލާދީ އެ ގައުމުގެ ބައެއް ނޫސްތަކުން ބުނެފި އެވެ.

އެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މި މީހުން އަތުލައިގަތީ އެރެބިއަން ސީގައި ރާއްޖޭގެ ސަރަހައްދު ތެރެއިންނެވެ. މި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ޑްރަގްސް އަތުލައިގަތް ކަމަށް ވަނީ ބުނެފަ އެވެ. ޕާކިސްތާނު ފައިސާއިން ބަލާ ނަމަ މިއީ އެތައް ބިލިއަން ރުޕީސްގެ ތަކެތި ކަމަށް ވެސް އެ ނޫސްތަކުން ބުންޏެވެ.

ދިވެހި ފުލުހުން މި އޮޕަރޭޝަންގައި އައްޑޫން އެތައް ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތުގައި އައްޑޫގެ ވަރުގަދަ ޑްރަގް ޑީލަރެއް ކަމަށް ފުލުހުން ކުރިން ވެސް ތުހުމަތުކޮށް އެތައް ފަހަރަކު އެކި ކުށްތަކުގައި ހައްޔަރުކޮށްފައިވާ އިބްރާހިމް ރަޝީދު (އަބުޗާ)އާ އެކު އިތުރު ބަޔަކު ވަނީ ހައްޔަރުކުރި އެވެ. އޭގެ ތެރޭގައި ކުރީގެ މަޝްހޫރު ފުޓުބޯޅަ ތަރި ޝަމްވީލް ގާސިމް (ބޮންޑާ) ހިމެނެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މަސްތުވާތަކެތި އުފުލި ޑިންޑީއެއް ހުއްޓުވަން އުޅުމުން އޭގައި ތިބި މީހުން ވަނީ މަސްތުވާތަކެތި ހުރި ގޯނިތައް ކަނޑަށް އުކާލައިފަ އެވެ. ނަމަވެސް ފުލުހުން އެ ތަކެތި ވަނީ ނަގައިފަ އެވެ. ޕާކިސްތާނުގެ ނޫސްތަކުން މީގެ ބައެއް ފޮޓޯ އާއި ވީޑިއޯ ވެސް ހާމަކޮށްފައިވެ އެވެ. އެއް ފޮތޯ އިން ފެންނަ ގޮތުގައި ޑްރަގްސް ހުރި ޑިންޑީ ތެރޭ ބިޑި އަޅުވައި މީހަކު ހައްޔަރުކޮށްފައި އިނދެ އެވެ. އަދި ވީޑިއޯ އިން، ގޯނިތައް ކަނޑަށް އުކަނިކޮށް ވެސް ފެނެ އެވެ.

މަސްތުވާތަކެތި އުފުލި ޑިންގީ އަތުލަން ދާން ފެށުމުން، މަސްތުވާތަކެތި ހުރި ބައެއް ގޯނިތައް މޫދަށް އުކާލާފައި

މަސްތުވާތަކެތި އުފުލި ޑިންގީ އަތުލަން ދާން ފެށުމުން، މަސްތުވާތަކެތި ހުރި ބައެއް ގޯނިތައް މޫދަށް އުކާލާފައި

މި އޮޕަރޭޝަނާ ބެހޭ ތަފްސީލެއް ދިވެހި ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. ޕޮލިޝް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި، އައްޑޫގައި ޑްރަގްސްގެ ބޮޑު އޮޕަރޭޝަނެއް ހިންގައި އޭގައި މެރިން ޕޮލިސް ވެސް ބައިވެރިވެފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.

ޕާކިސްތާނު ނޫސްތަކުން ބުނެފައިވާ ގޮތުގައި މި އަތުލައިގަތް މީހުންނަކީ އެކި ގައުމުތަކަށް މިގޮތަށް ޑްރަގްސް ގެންދާ ބައެކެވެ. ޑްރަގް ޓްރެފިކިންގެ މި ބޮޑު ނެޓްވޯކް އަތުލައިގަތުމަށް އިންޓެލިޖެންސް ހިއްސާކުރީ ޕާކިސްތާނުން ކަމަށާއި ސަރަހައްދީ ގައުމުތައް ގުޅިގެން ހިންގި އޮޕަރޭޝަން ކާމިޔާބު ކަމަށް ވެސް އެ ނޫސްތަކުން ބުނެފައިވެ އެވެ.