30 އޮކްޓޯބަރ 2016
ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މި އަހަރުގެ މިހާތަނަށް ލިބުނު ސާފު ފައިދާ ދެ ގުނަ އަށް ވުރެ އިތުރުވެއްޖެ އެވެ. އެއާ އެކު، ރާއްޖޭގެ މައި ބޭންކުން ވަނީ ހިދުމަތްތައް ފުޅާކުރަން ހޭދަކުރާ މިންވަރު ޖުމްލަ 300 މިލިއަން ރުފިޔާ އަށް އިތުރު ކުރާނެކަން މިއަދު އިއުލާންކޮށްފަ އެވެ.
ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މި އަހަރުގެ މިހާތަނަށް ލިބުނު ސާފު ފައިދާ ދެ ގުނަ އަށް ވުރެ އިތުރުވެއްޖެ އެވެ. އެއާ އެކު، ރާއްޖޭގެ މައި ބޭންކުން ވަނީ ހިދުމަތްތައް ފުޅާކުރަން ހޭދަކުރާ މިންވަރު ޖުމްލަ 300 މިލިއަން ރުފިޔާ އަށް އިތުރު ކުރާނެކަން މިއަދު އިއުލާންކޮށްފަ އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ބީއެމްއެލް އިން އާއްމުކުރި މި އަހަރުގެ ތިން ވަނަ ކުއާޓަރު (ޖުލައި މަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހޭދަވި މުއްދަތު) ގެ މާލީ ބަޔާނުގައިވާ ގޮތުން ފާއިތުވެދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި އެ ބޭންކަށް ވަނީ 1.5 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފަ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 1.1 ބިލިއަން ރުފިޔާ އަށް ވުރެ 398 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
މިދިޔަ މަހުގެ ނިޔަލަށް ބީއެމްއެލް އަށް ލިބުނު ސާފު ފައިދާ ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެ ގޮތުން، އެ މުއްދަތުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު 755 މިލިއަން ރުފިޔާ އަކީ މިދިޔަ އަަހަރުގެ އެ މުއްދަތުގައި ލިބުނު 386 މިލިއަން ރުފިޔާއާ އަޅާބަލާއިރު، 50 ޕަސެންޓަށް ވުރެ ވެސް އިތުރު އަދަދެކެވެ.
މިދިޔަ ކުއާޓަރަށް އެކަނި ބަލާއިރު ބީއެމްއެލްގެ އާމްދަނީ އާއި ސާފު ފައިދާ ވަނީ އޭގެ ކުރީ ކުއާޓަރަށް ވުރެ ކޮންމެވެސް ވަރަކަށް ދަށަށް ގޮސްފަ އެވެ. އެ ގޮތުން، މި އަހަރުގެ ދެވަނަ ކުއާޓަރު (އޭޕްރީލް މަހުން ޖޫން މަހުގެ ނިޔަލަށް ހޭދަވި މުއްދަތު) ގައި 547 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނަސް، މިދިޔަ ކުއާޓަރުގައި ލިބުނީ 501 މިލިއަން ރުފިޔާ އެވެ. އަދި ސާފު ފައިދާ ވެސް ވަނީ 360 މިލިއަން ރުފިޔާ އިން 184 މިލިއަން ރުފިޔާ އަށް ދަށްވެފަ އެވެ.
- 150 އާ ވަޒީފާ (75 އަތޮޅުތެރޭގައި، ބާކީ މާލެ ސަރަހައްދުގައި)
- އާ ހަތް ބްރާންޗް
- ހަތަރު ވިޔަފާރި މަރުކަޒު
- 20 އޭޓީއެމް
- ކަސްޓަމާ ސާވިސް ސެންޓަރެއް (މާލޭގައި)
- ކޯލް ސެންޓަރެއް (އައްޑޫގައި)
- 10 އާ ސީއެސްއާރު ޕްރޮގްރާމް
ބީއެމްއެލްގެ އޭޓީއެމަކުން މީހަކު ފައިސާ ނަގަނީ: އަންނަ އަހަރު އިތުރު 20 އޭޓީއެމް ބަހައްޓާނެ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
ފައިދާ އިތުރުވަމުން އަންނާތީ ބީއެމްއެލް އިން ވަނީ އޭގެ ތެރެއިން ބައެއް، ހިދުމަތްތައް ފުޅާކުރަން އިންވެސްޓް ކުރަން ނިންމައިފަ އެވެ.
ތިން ވަނަ ކުއާޓަރުގެ މާލީ ބަޔާން އާއްމުކުރުމަށް ބީއެމްއެލްގެ މައި އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވި ގޮތުގައި މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ބީއެމްއެލް އިން ވަނީ 150 މިލިއަން ރުފިޔާ އިންވެސްޓްކޮށްފަ އެވެ. އެ ފައިސާ ހޭދަކުރީ، އެންޑްރޫ ވިދާޅުވި ގޮތުގައި، އާ ބްރާންޗުތަކާއި އޭޓީއެމްތައް އަދި އަމިއްލަ އަށް ހިދުމަތް ލިބިގަނެވޭ މަރުކަޒުތައް ގާއިމްކުރުމުގެ އިތުރުން އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކަށެވެ.
ކުރިއަށް އޮތް އަހަރުދުވަހުގެ ތެރޭގައި އިތުރު 150 މިލިއަން ރުފިޔާ ހޭދަކޮށް، ހިދުމަތްތައް ފުޅާކުރަން ކުރާ ހޭދަ ޖުމްލަ 300 މިލިއަން ރުފިޔާ އަށް އިތުރު ކުރާނެކަން އެންޑްރޫ އިއުލާން ކުރެއްވި އެވެ. އެ ގޮތުން، 22 ރަށަކަށް ހިދުމަތް ފުޅާކުރުމަށް އަތޮޅުތެރޭގައި އާ ހަތް ބްރާންޗާއި ހަތަރު ވިޔަފާރި މަރުކަޒާއި މާލޭގައި ކަސްޓަމާ ސާވިސް ސެންޓަރެއް އަދި އައްޑޫގައި ކޯލް ސެންޓަރެއް ގާއިމްކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު 20 އޭޓީއެމް ބަހައްޓާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު އެ ބްރާންޗުތަކާއި މަރުކަޒުތައް ހުޅުވާ ރަށްރަށެއް އަދި ހާމައެއް ނުކުރެ އެވެ. ބޭންކުން ބުނީ އެ ތަފްސީލު ފަހުން އާއްމުކުރާނެ ކަމަށެވެ.
ބީއެމްއެލްގެ ތިންވަނަ ކުއާޓަރުގެ މާލީ ބަޔާން އާއްމުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބޭންކުގެ ސީއީއޯ އެންޑްރޫ (ވ) އާއި ރީޓެއިލް ބޭންކިންގެ ހެޑް މުހައްމަދު ޝަރީފް ވާހަކަދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
ކުރިއަށް އޮތް 12 މަސްދުވަސް ތެރޭގައި 150 އާ ވަޒީފާ އުފައްދައި ބީއެމްއެލްގެ މުވައްޒަފުންގެ އަދަދު 850 އިން 1،000 އަށް އިތުރު ކުރާނެ ކަމަށް ވެސް އެންޑްރޫ ވިދާޅުވި އެވެ. އާ ވަޒީފާތަކުގެ ތެރެއިން ދެ ބައިކުޅަ އެއް ބައި (75 ވަޒީފާ) ރަށްރަށަށް ހާއްސަކޮށްފައި ވާއިރު، ބާކީ ބައި ހުޅުވާލާނީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭ ގޮތަށް މާލެ ސަރަހައްދަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، އިޖުތިމާއީ ޒިންމާގެ ދަށުން، ކުރިއަށް އޮތް އަހަރުދުވަހުގެ ތެރޭގައި އާ 10 ސީއެސްއާރު ޕްރޮގްރާމް ހިންގަން ވެސް ބީއެމްއެލް އިން ވަނީ ހަމަޖައްސައިފަ އެވެ.
"މުޖުތަމައަށް ކުރާ އިންވެސްޓްމަންޓް އިތުރުކޮށް އަދި މިފަދަ ބޮޑު ނިސްބަތެއްގެ ވަޒީފާ އިތުރުކުރުމަށް ބޭންކުގެ މިހާރުގެ ހާލަތު ތަން ދޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ވޭތުވެ ދިޔަ އަހަރުތަކުގައި އަޅުގަނޑުމެންގެ މާލީ ހާލަތު ރަނގަޅުވަމުން އައިއިރު، ހަމަ އެއާ އެކު އަޅުގަނޑުމެން މުޖުތަމައަށް ކުރަމުން އަންނަ އިންވެސްޓްމަންޓް ވެސް އައީ އިތުރު ކުރަމުން،" އެންޑްރޫ ވިދާޅުވި އެވެ.
ބީއެމްއެލް އިން މިހާރު ވެސް 20 އަތޮޅުގައި 29 ބްރާންޗާއި 76 އޭޓީއެމް އާއި ޕީއޯއެސް ބޭނުން ކުރެވޭ 3،900 ތަނަކާއި 177 ކޭޝް އޭޖެންޓުން އަދި 16 ސެލްފް ސާވިސް ބޭންކިން ސެންޓަރު ވަނީ ގާއިމްކޮށްފަ އެވެ. އަދި ބްރާންްޗް ނުހުންނަ ރަށްރަށަށް ގޮސް ބޭންކިންގެ ހިދުމަތް ދިނުމަށް ފަސް ދޯނި ބޭންކިން ޔުނިޓުގެ އިތުރުން، އޮންލައިން އަދި މޮބައިލް ބޭންކިންގެ ހިދުމަތް ވެސް ދެމުން ގެންދެ އެވެ.
ބީއެމްއެލް އަށް ރެކޯޑް ފައިދާއެއް، އެއް ބިލިއަން
ބީއެމްއެލްގެ ސީއީއޯއަކަށް ޝަރީފް އައްޔަންކޮށްފި
ބީއެމްއެލްގެ ސީއީއޯ ކާލްސްޓުމްކަ އިސްތިއުފާ ހުށަހަޅައިފި
ކުދިންގެ ޓީޓީގެ މައްސަލަ ހައްލުކޮށްދޭން ޖެހޭ: ރައީސް
ކޮވިޑާ އެކު ބީއެމްއެލްގެ ފައިދާ 60 ޕަސެންޓް ދަށް
ބީއެމްއެލް އިސްލާމިކްގެ ލައިފްސްޓައިލް ފައިނޭންސިންއަށް ބަދަލުތަކެއް
ތިންވަނަ ކުއާޓާގައި ބީއެމްއެލްގެ ފައިދާ 258މިލިއަނަށް
ބޭންކްގެ ހިދުމަތްތައް ދޭނީ ހޯމަ އާއި ބުދައިގައި
ބީއެމްއެލްގެ ހިދުމަތްދޭ ވަގުތުތަކަށް ބަދަލު ގެނެސްފި
ބީއެމްއެލްގެ ޑައިރެކްޓަރަކަށް އިނގިރޭސި ރައްޔިތެއް