Roadha Mihaaru
ބީއެމްއެލްގެ ސީއީއޯ ކާލްސްޓުމްކަ އިސްތިއުފާ ހުށަހަޅައިފި

ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ އިސްތިއުފާ ހުށަހަޅައިފި

09 ސެޕްޓެމްބަރ 2024

ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ އިއްޔެ އިސްތިއުފާ ހުށަހަޅުއްވައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ އިއްޔެ އިސްތިއުފާ ހުށަހަޅުއްވައިފި އެވެ.

އެ ބޭންކުން ބުނީ، އިސްތިއުފާގެ ނޯޓިސް ހުށަހެޅުއްވިޔަސް އޭނާ ވަޒީފާ އަށް ނުކުންނަވާ އެންމެ ފަހު ދުވަހަކަށް ވާނީ މި މަހުގެ 21 ކަމަށެވެ. އެ ދުވަހު ބާއްވާ ބީއެމްއެލްގެ އީޖީއެމްގައި ވެސް ކާލް ސްޓުމްކަ ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ކާލް މި ވަގުތު ރާއްޖެ އިން ބޭރުގައި ހުންނެވި ނަމަވެސް އޭނާ ގެންދަވަނީ ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރައްވަމުންނެވެ.

އޭނާ ބީއެމްއެލްގެ ހިންގުމާ ހަވާލުވެވަޑައިގަތީ އޮކްޓޫބަރު 2022 ވަނަ އަހަރު އެވެ. ސައުތު އެފްރިކާ އަށް ނިސްބަތްވާ ކާލް އަކީ ބޭންކިން ދާއިރާގެ 35 އަހަރުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ.

ކާލް އިސްތިއުފާ ދެއްވުމުން، ބީއެމްއެލްގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގަންނަވާ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީނެވެ.

ބީއެމްއެލްގެ ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވަން ބައެއް މިނިސްޓަރުންނާއި އެހެން ބައެއް އިސްވެރިން މީގެ ކުރިން ވަނީ ގޮވާލައްވައިފަ އެވެ.

ބީއެމްއެލް އިން ކާޑު ލިމިޓާ ގުޅޭ ގޮތުން ނިންމި ބޮޑު ނިންމުމާއި އެކަމާ ގުޅުވައި ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ ފުލުހުން އަންނަނީ ތަހުގީގެއް ހިންގަމުންނެވެ.

މައްސަލަ ހޫނުވީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ބީއެމްއެލް އިން ޑެބިޓް ކާޑުގެ ޑޮލަރު ލިމިޓު އުވާލައި ކްރެޑިޓް ކާޑުގެ ޑޮލަރު ލިމިޓު މަހަކަށް 100 ޑޮލަރަށް ކުޑަކުރުމުންނެވެ. އެކަން އެގޮތަށް ކުރަން ޖެހުނީ، ބީއެމްއެލްގައި ނެތް ޑޮލަރު ގަންނަން ޖެހި އެ ބޭންކުގެ މާލީ ހާލަތަށް އެކަމުގެ ނޭދެވޭ އަސަރުތައް ކުރަމުން ދާތީ ކަމަށް އެ ދުވަހު ބޭންކުން ނެރުނު ބަޔާނުގައި ވެ އެވެ. އެ ނިންމުން ބީއެމްއެލް އިން ބަދަލު ކުރީ ސަރުކާރާއި އެމްއެމްއޭގެ ލަފާގެ މަތިންނެވެ.