Roadha Mihaaru

ކުޅު ޖެހުމުން ޑި މާރިއާ ސަސްޕެންޑްކޮށްފި

ޕެރިސް (ސެޕްޓެމްބަރު 24) - މާސޭގެ ކުޅުންތެރިއަކު ގަޔަށް ޕީއެސްޖީގެ އާޖެންޓީނާ މިޑްފީލްޑަރު އެންހެލް ޑި މާރިއާ ކުޅު ޖަހާފައިވާތީ އޭނާ ހަތަރު މެޗަށް ސަސްޕެންޑްކުރަން ނިންމައިފި އެވެ.

ކުޅު ޖެހުމުން ޑި މާރިއާ ސަސްޕެންޑްކޮށްފި

ޕެރިސް (ސެޕްޓެމްބަރު 24) - މާސޭގެ ކުޅުންތެރިއަކު ގަޔަށް ޕީއެސްޖީގެ އާޖެންޓީނާ މިޑްފީލްޑަރު އެންހެލް ޑި މާރިއާ ކުޅު ޖަހާފައިވާތީ އޭނާ ހަތަރު މެޗަށް ސަސްޕެންޑްކުރަން ނިންމައިފި އެވެ.

މި މަހު 14 ވަނަ ދުވަހު ފްރެންޗް ލީގުގައި މާސޭ އަތުން 1-0 އިން ޕީއެސްޖީ ބަލިވި މެޗުގެ ފަހު ވަގުތު ހިނގާދިޔަ ހަމަނުޖެހުންތަކުގެ ތެރޭގައި ފަސް ރަތް ކާޑު ދެއްކި އެވެ. އެއީ ޕީއެސްޖީގެ ނޭމާގެ އިތުރުން އެ ޓީމުގެ ލެއަންޑްރޯ ޕަރޭޑޭސް އާއި ލަވިން ކުރްޒާވާ އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. ނޭމާ އާއި ޕަރޭޑޭސް އަށް ދެ މެޗުގެ ސަސްޕެންޝަނެއް އައިއިރު، ކުރްޒާވާ ވަނީ ހަ މެޗަށް ސަސްޕެންޑްކޮށްފަ އެވެ.

އެ މެޗުގެ ތެރެއިން ނޭމާއާ ނަސްލީ ގޮތުން ދިމާކުރި މާސޭގެ ޑިފެންޑަރު އަލްވާރޯ ގޮންޒާލޭޒާއި ޑި މާރިއާއާ ދެމެދު ވެސް މައްސަލަ ޖެހުނެވެ. އެ ވަގުތު ޑި މާރިއާ ވަނީ ގޮންޒާލޭޒް ގަޔަށް ކުޅެން ޖަހައިފަ އެވެ. އެ މަންޒަރު ވީޑިއޯ އިން ފެނެ އެވެ. ފްރެންޗް ލީގުގެ ޑިސިޕްލިނަރީ ކޮމިޓީން އެ މައްސަލަ ބެލުމަށް ފަހު ނިންމީ ޑި މާރިއާ ހަތަރު މެޗަށް ސަސްޕެންޑްކޮށްފަ އެވެ.

ޑި މާރިއާ އަށް ދިން ސަސްޕެންޝަނަށް އަމަލުކުރަން ފަށަނީ މި މަހު 28 އިން ފެށިގެންނެވެ. އެހެންވެ އާދިއްތަ ދުވަހު ރެއިމްސްއާ ދެކޮޅަށް ކުޅޭ މެޗުގައި ޑި މާރިއާ އަށް ކުޅެވޭނެ އެވެ. އޭނާ ކުޅުމަށް އެނބުރި އަންނާނީ ނޮވެމްބަރު އަށް ވަނަ ދުވަހު ރެނެސްއާ ކުޅޭ މެޗުގަ އެވެ. ޑި މާރިއާ އަށް ގެއްލޭނެ މެޗުތަކަކީ އެންޖާސް، ނީމްސް، ޑިޖޯން އަދި ނޯންޓްސްއާ ކުޅޭ މެޗެވެ.

މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް 2015 ވަނަ އަހަރު 44 މިލިއަން ޕައުންޑްގެ ފީ އަކަށް ޕީއެސްޖީ އަށް ބަދަލުވި ޑި މާރިއާ އަކީ މިދިޔަ އަހަރުތަކުގައި ޕީއެސްޖީގެ ފުރަތަމަ އެގާރައިގައި ގިނަ މެޗުތަކެއް ކުޅެފައިވާ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ.

ގޮންޒާލޭޒް ނޭމާއާ ނަސްލީ ގޮތުން ދިމާކުރި މައްސަލަ ވެސް ޑިސިޕްލިނަރީ ކޮމިޓީން ބަލަމުން އަންނައިރު، އެ މައްސަލައިގެ ގޮތެއް ކަނޑައަޅަން ނިންމާފައިވަނީ މި މަހު 30 ވަނަ ދުވަހު އެވެ. ޕީއެސްޖީ މެޗުގައި މާސޭ އިން ރަތް ކާޑު ދެއްކީ ޑާރިއޯ ބެނެޑޭޓޯ އާއި ޖޯޑަން އަމާވީ އަށެވެ.