Roadha Mihaaru
ޝަރްވާރީ އަށް ވައިއާރްއެފްގެ ތިން ފިލްމުގެ ޑީލެއް

"ބަންޓީ އޯރް ބަބްލީ 2" އިން ތައާރަފުކުރާ ޝަރްވާރީ އަށް ވައިއާރްއެފްގެ ތިން ފިލްމުގެ ޑީލެއް

25 ސެޕްޓެމްބަރ 2020

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ފިލްމު "ބަންޓީ އޯރް ބަބްލީ 2" އިން ބޮލީވުޑަށް ތައާރަފުކުރާ ބަތަލާ ޝަރްވާރީ ވާގް އެ ސްޓޫޑިއޯއާ އެކު ތިން ފިލްމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ފިލްމު "ބަންޓީ އޯރް ބަބްލީ 2" އިން ބޮލީވުޑަށް ތައާރަފުކުރާ ބަތަލާ ޝަރްވާރީ ވާގް އެ ސްޓޫޑިއޯއާ އެކު ތިން ފިލްމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނީ ޒުވާން ބަތަލާ ވައިއާރްއެފަށް ކުޅޭ ދެވަނަ ފިލްމު ވެސް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށެވެ.

"ބަންޓީ އޯރް ބަބްލީ 2" އިން ބޮލީވުޑަށް ތައާރަފުވި ނަމަވެސް އެކްޓިން އަށް ޝަރްވާރީ ނުކުތީ މި އަހަރުގެ ކުރީކޮޅު ޑައިރެކްޓަރު ކަބީރް ޚާން އެމެޒޯން ޕްރައިމް ވީޑިއޯ އަށް ހަދައިދިން ވެބް ސީރީޒް "ދަ ފޮގެޓްން އާމީ: އާޒާދީ ކޭ ލިޔޭ" އިންނެވެ. އޭގައި ޝަރްވާރީ ފެނިގެން ދިޔައީ ސަނީ ކޯޝަލާ އެކީގަ އެވެ. ސަނީ އަކީ މިހާރު ބޮލީވުޑް އެންމެ ކާމިޔާބު ޒުވާން އެކްޓަރުންގެ ތެރޭގައި ހިމެނޭ ވިކީ ކޯޝަލްގެ ކޮއްކޮ އެވެ.

އަލަށް ޑައިރެކްޝަނަށް ނުކުތް ވަރުން ވީ ޝަރުމާ ޑައިރެކްޓްކޮށްފައިވާ "ބަންޓީ އޯރް ބަބްލީ 2" ގެ ޝޫޓިން މި މަހުގެ ތެރޭގައި އެއްކޮށް ނިންމައިލި އިރު، އެ ފިލްމު ޝަރްވާރީ ފެނިގެންދާނީ ރާނީ މުކަރްޖީ އާއި ސައިފް އަލީ ޚާނާއި ސިދާންތު ޗަތުރަވެދީއާ އެކީގަ އެވެ.

މި ފިލްމަކީ ކުރިން މިދިޔަ ޖޫން މަހުގެ 12 ގައި ރިލީޒްކުރަން އޮތް ފިލްމެކެވެ. އެކަމަކު ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި އިންޑިއާގެ ފިލްމީ މަސައްކަތްތައް މާޗް މަހުން ފެށިގެން މެދުކެނޑުމުން ފިލްމު ގެނެސްދެވޭ ގޮތް ނުވީ އެވެ.

ޝަރްވާރީއާ އެކު ވައިއާރްއެފުން ތިން ފިލްމެއްގެ އެއްބަސްވުން ހެދި އިރު މީގެ ކުރިން ވެސް އެ ސްޓޫޑިއޯ އިން މި އުސޫލުން ގިނަ ތަރިންތަކަކާ އެކު މަސައްކަތްކޮށްފައިވެ އެވެ. މިގޮތަށް އެއްބަސްވުން ހަދަނީ ވައިއާރްއެފަށް ތިން ފިލްމު ކުޅެފައި ނޫނީ އެހެން ސްޓޫޑިއޯތަކުގެ ހުށަހެޅުންތައް ގަބޫލުނުކުރާ ގޮތަށެވެ. ޝަރްވާރީއާ އެކު މިފަދަ އެއްބަސްވުމެއް ވައިއާރްއެފުން މި ހެދީ ތަރިންނާ އެކު މިފަދަ އެއްބަސްވުންތައް މި ފަހުން ނަހަދާތާ ވަރަށް ގިނަ ދުވަސްތަކެއް ފަހުންނެވެ.