Roadha Mihaaru
ޕެޓް ގެންގުޅުމުން ދުޅަހެޔޮކަމަށް މަގު ފަހިވޭ

ޕެޓް ގެންގުޅުމުން ދުޅަހެޔޮކަމަށް މަގު ފަހިވޭ

15 ސެޕްޓެމްބަރ 2020

ޕެޓް ނުވަތަ އޮޅުކޮށްގެން ޖަނަވާރުން ގެންގުޅޭ މީހުން، އެ ނޫން މީހުންނާ އަޅާބަލާ އިިރު ސިއްހީ ގޮތުން ދުޅަހެޔޮ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޕެޓް ނުވަތަ އޮޅުކޮށްގެން ޖަނަވާރުން ގެންގުޅޭ މީހުން، އެ ނޫން މީހުންނާ އަޅާބަލާ އިިރު ސިއްހީ ގޮތުން ދުޅަހެޔޮ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ލެޓާވަންގައި ޝާއިއުކޮށްފައިވާ ގްލޯބަލް ޕާސްޕެކްޓިވް ސީރީޒްގައި ބުނެފައިވާ ގޮތުން އޮޅުކޮށްގެން ވަރަށް ލޯބިން ޖަނަވާރުން ގެންގުޅޭ މީހުންނަކީ ވަރަށް ހަރަކާތްތެރި އަދި ވަރަށް އުފާވެރި މޫޑެއްގައި ތިބޭ ބައެކެވެ. އަދި އެފަދަ މީހުން، ޕެޓް ނުގެންގުޅޭ މީހުންނާ އަޅާބަލާ އިރު ސިއްހީ ގޮތުން 50 ޕަސެންޓް ދުޅަހެޔޮ ކަމަށް ބުންޏެވެ.

މި ދިރާސާ ހަދާފައި ވަނީ މިކަމާ ގުޅޭ ގޮތުން އެކި ގައުމުތަކުގައި ކުރިން ހަދާފައިވާ 48 ދިރާސާއެއްގައި ފާހަގަކޮށްފައިވާ މައިގަނޑު 139 ޑޭޓާގެ މައްޗަށް ބިނާކޮށެވެ. އޮޅު ޖަނަވާރު ގެންގުޅޭ މީހުންގެ އާންމު ސިއްހަތާއި ޖިސްމާނީ ގޮތުން ހަރަކާތްތެރިވާ މިންވަރާއި ހިތުގެ މައްސަލަތައް ހުންނަ މިންވަރު ފަދަ ކަންކަން ދިރާސާގައި ބަލާފައިވެ އެވެ. އެގޮތުން ފާހަގަކުރެވުނު އެންމެ މުހިއްމު ކަމަކީ ޕެޓް ގެންގުޅޭ މީހުންނަކީ އެ ނޫން މީހުންނާ އަޅާބަލާ އިރު ހަރަކާތްތެރިކަން 60 ޕަސެންޓަށް އިތުރު މީހުންނެވެ. އަދި އެ މީހުންގެ ކިބައިން ޕޮޒިޓިވިޓީ އާއި އުފާވެރިކަމާއި ހިތްހަމަޖެހުން ފެނިގެން ދެ އެވެ. މި ކަންކަމުގެ ސަބަބުން، ޕެޓް ގެންގުޅޭ މީހުންނަކީ ނަފުސާނީ ގޮތުން ވެސް ދުޅަހެޔޮ ހިތުގެ މައްސަލަތައް ވެސް މަދު ބައެއް ކަމަށް ވަނީ ބުނެފަ އެވެ.

މި ދިރާސާ އަށް އިޝާރާތްކުރައްވައި ލިވަޕޫލް ޔުނިވަސިޓީގެ ސީނިއާ ލެކްޗަރާ ޑރ. ކެރީ ވެސްޓްގާތު ވިދާޅުވި ގޮތުގައި ހަރަކާތްތެރިކަން އިތުރުވުމަކީ ބޮޑެތި ސިއްހީ މައްސަލަތަކުން ރައްކާތެރިކޮށްދޭ ކަމެއްކަން ދިރާސާތަކުން އަބަދުވެސް ދައްކާ ކަމަށެވެ. އޭގެ ތެރޭގައި ހިތުގެ ބަލިތަކާއި ކެންސަރާއި ނަފުސާނީ މައްސަލަތައް ހިމެނެ އެވެ.

"ޕެޓް ގެންގުޅޭ މީހުން އެ އެއްޗިއްސާ އެކު ވަގުތު ހޭދަކުރީމާ މީހާގެ ހަރަކާތްތައް އިތުރުކޮށްދޭ. މިސާލަކަށް ކުއްތާއެއް ނުވަތަ ބުޅަލެއް ގެންގުޅޭ މީހުން އެ އެއްޗިއްސާ އެކު ކުޅެ ސަކަރަކާތް ޖަހަން މަގުފަހިވުމާއި ޕެޓް ގޮވައިގެން ހިނގާލަން ދިއުން ފަދަ ކަންކަން އެބަކުރެވޭ،" ކެރީ ވިދާޅުވި އެވެ. "މިކަމުގެ ސަބަބުން މީހާގެ ހަރަކާތްތައް އިތުރުކޮށްދޭ. ހެލިފެލިވެ އުޅެން މަގުފަހިކުރުވާ."

ދިރާސާގައި ބުނި ގޮތުގައި ކުޑަކުދިން ވެސް ޕެޓް ގެންގުޅުމަކީ ކުއްޖާގެ މިޒާޖަށް ވަރަށް ބޮޑެތި ހެޔޮ ބަދަލުތަކެއް ގެނުވާ ކަމެކެވެ. އޭގެ ތެރޭގައި ލޯތްބާއި އަޅާލަން ދަސްވުން ފަދަ ކަންކަން ހިމެނެ އެވެ. މީގެ ސަބަބުން އެފަދަ ކުދިން އެ ނޫން ކުދިން އަޅާކިޔާ އިރު ސިއްހީ ގޮތުން 11 ޕަސެންޓް ދުޅަހެޔޮ ކަމަށް ދައްކަ އެވެ. އަދި ބޮޑެތި ނުވަތަ އުމުރުން ތަންކޮޅެއް ދުވަސްވީ މީހުންގެ މެދުގައި މި ނިސްބަތް އުޅެނީ 68 ޕަސެންޓް މަތީގަ އެވެ.

ކެރީ ވިދާޅުވި ގޮތުގައި ޕެޓެއް ގެންގުޅުމަކީ އެކަނިވެރިކަމާއި އެކަހެރިވުން ފަދަ އިޖުތިމާއީ ބަލިމަޑުކަމުން ވެސް މީހާ ސަލާމަތްކޮށްދޭނެ ކަމެކެވެ. އެކަމުގެ ސަބަބުން މީހާގެ ނަފުސާނީ ދުޅަހެޔޮކަން އިތުރުކޮށްދޭން ބާރުއަޅަ އެވެ.

"އެހެންވެ ހަގީގަތުގައި ޕެޓެއް ގެންގުޅުމަކީ ދުޅަހެޔޮ ސިއްހަތަކާ ވަރަށް ބޮޑަށް ގުޅިފައި އޮތް ކަމެއް." އޭނާ ވިދާޅުވި އެވެ. "ވަރަށް ގިނަ ބަޔަކު ޕެޓް ގެންގުޅެން ލޯބި ވެސް ކުރޭ. އެއީ އަސްލު ވަރަށް ރަނގަޅު ރަނގަޅު ކަމެއް."