Roadha Mihaaru
އިންސާނުންގެ ފަރާތުން ބުޅަލަށް ކޮވިޑް-19 ޖެހޭ!

އިންސާނުންގެ ފަރާތުން ބުޅަލަށް ކޮވިޑް-19 ޖެހޭކަމުގެ ހެކި އެބަހުރި: ދިރާސާ

25 އެޕްރީލް 2021

އިންސާނުންގެ ފަރާތުން ބުޅަލަށް ކޮވިޑް ޖެހޭކަން ހާމަވާ ހެކިތަކެއް އެބަހުރި ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންސާނުންގެ ފަރާތުން ބުޅަލަށް ކޮވިޑް ޖެހޭކަން ހާމަވާ ހެކިތަކެއް އެބަހުރި ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އިނގިރޭސިވިލާތުގައި މި ދިރާސާ ހަދާފައި ވަނީ ޕެޓްގެ ގޮތުގައި ބުޅާ ގެންގުޅޭ ގޭބިސީތަކާ ބެހޭ މައުލޫމާތު ނަގައިގެންނެވެ. އެގޮތުން، އިންސާނުންގެ ފަރާތުން ބުޅަލަށް ކޮވިޑް ޖެހި ބަލީގެ އަލާމާތްތައް ފެނިފައިވާ ދެ ކޭހެއް މިދިޔަ އަހަރުގެ މާޗް މަހާއި އޭޕްރީލް މަހުގެ ތެރޭގައި ފާހަގަކުރެވިފައިވާ ކަމަށް ބުންޏެވެ. އޭގެ ތެރެއިން އެއް ކޭހުގައި ބުޅަލުގެ ފަރާތުން ބަލީގެ އާދައިގެ އަލާމާތްތައް ފެނުނު އިރު، އަނެއް ކޭހުގައި ބުޅާ ވަރަށް ބޮޑަށް ބަލިވެ ނޭވާލާން ދަތިވެ، ހާލު ދެރަވި އެވެ.

ގްލަސްގޯ ޔުނިވަސިޓީ އާއި ސްކޫލް އޮފް ވެޓެރިނަރީ މެޑިސިން ޔުނިވަސިޓީގެ ވެޓެރިނަރީ ޑައިގްނޯސްޓިކް ސާވިސް (ވީޑީއެސް) އުން ގުޅިގެން ހަދާފައިވާ ދިރާސާ ވެޓެރިނަރީ ރިކޯޑް ޖާނަލްގައި ޝާއިއުކޮށްފައި ވަނީ މިހާތަނަށް ހޯދުނު ހޯދުންތަކުން އިންސާނުންގެ ފަރާތުން ކޮވިޑް ޖެހޭކަން ޔަގީނާ ގާތަށް ކަށަވަރުކުރެވޭ ކަމަށެވެ. އެހެންވެ ބުޅާ ގެންގުޅުމުގައި ފަރުވާތެރިވާން ޖެހޭ ކަމަށް ބުނެފައިވެ އެވެ.

ދިރާސާގައި ބުނީ އިންސާނުންގެ ފަރާތުން ބުޅަލަށް ކޮވިޑް ޖެހުުގެ ފުރުސަތު އޮތް ނަމަވެސް ބުޅަލުގެ ފަރާތުން އިންސާނުންނަށް އަދި އޮޅުކޮށްގެން ގެންގުޅޭ އެހެން ޖަނަވާރުންނަށް ބުޅަލުގެ ސަބަބުން ކޮވިޑް ފެތުރޭކަން ކަށަވަރުނުކުރާ ކަމަށެވެ. އެހެންވެ އެކަމާ ގުޅޭ އިތުރު ހޯދުންތަކެއް ހޯދަން ޖެހޭ ކަމެއް ކމަށް ބުންޏެވެ. ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައު އޮޅުކޮށްގެން ގެންގުޅޭ ޖަނަވަރުންނަކީ ބަލި ފެތުރުމުގައި "ވައިރަލް ރިޒަވަޔާއަކަށް" ވެދާނެތީ އެއީ އިތުރަށް ދިރާސާކުރަން ޖެހޭ ކަމެކެވެ.

"ފާހަގަކުރެވުނު ދެ ކޭސް އަށް ބަލާ އިރު އިންސާނުންގެ ފަރާތުން ބުޅަލަށް ކޮވިޑް ޖެހިފައިވުމަކީ އިންސާނުންގެ ފަރާތުން ޖަނަވާތުންނަށް ބަލިޖެހުމާ ގުޅޭ ގޮތުން ލިބުނު ވަރަށް މުހިއްމު މައުލޫމާތުތަކެއް،" ދިރާސާ ޓީމްގައި ހިމެނިވަޑައިގަންނަވާ ގްލަސްގޯ ޔުނިވަސިޓީގެ ޕްރޮފެސަރު މާގްރެޓް ހޮޒީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންސާނުންނަށް ބަލިޖެހޭ މިންވަރު ދަށްވުމަކީ، ޖަނަވާރުންނަށް ބަލި ފެތުރުމުގެ މިންވަރު ކިހާ ވަރަކަށް އޮތް ކަމެއްތޯ ވެސް ސާފުވާނެ އެވެ. އެހެންވެ މިކަމާ ގުޅޭ އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.