Roadha Mihaaru
"މުންނާ ބާއީ" ގެ ރިބޫޓެއް ޝާހްރުކާއި ވަރުންއާއެކު؟

"މުންނާ ބާއީ" ގެ ރިބޫޓެއް ޝާހްރުކާއި ވަރުންއާ އެކު؟

13 ސެޕްޓެމްބަރ 2020

ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "މުންނާއީ ބާއީ" ސީރީޒްގެ މައި ދެ ކެރެކްޓާ ކަމަށްވާ މުންނާ އާއި ސަރުކެޓްގެ ރޯލްތަކަށް ޝާހްރުކް ޚާނާއި ވަރުން ދަވަން ލައިގެން ރިބޫޓް ވާޝަނެއް ހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "މުންނާއީ ބާއީ" ސީރީޒްގެ މައި ދެ ކެރެކްޓާ ކަމަށްވާ މުންނާ އާއި ސަރުކެޓްގެ ރޯލްތަކަށް ޝާހްރުކް ޚާނާއި ވަރުން ދަވަން ލައިގެން ރިބޫޓް ވާޝަނެއް ހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

"މުންނާބާއީ" ދެ ފިލްމެއް މިހާތަނަށް ގެނެސްދީފައިވާ އިރު 2003 ގެ "މުމްނާ ބާއީ އެމްބީބީއެސް" އާއި 2006 ގެ "ލަގޭ ރަހޯ މުންނާބާއީ" ގެ މައިގަނޑު ދެ ތަރިންނަކީ ސަންޖޭ ދަތު (މުމްނާ) އާއި އަރުޝަދު ވަރްސީ (ސަރުކެޓް" އެވެ. މީގެ ރީބޫޓެއް ހަދަން އުޅޭ ކަމަށް މީޑިއާތަކުގައި އަޑު ފެތުރިފައި ވަނީ ސަންޖޭ އާއި އަރުޝަދާ އެކު "މުންނާބާއީ" ސީރީޒްގެ ތިން ވަނަ ފިލްމެއް ވެސް ހަދަން ނިންމާފައި ވަނިކޮށެވެ.

ނަމަވެސް މި ވަގުތު ހިރާނީ އަންނަނީ ޝާހްރުކާ އެކު އޭނާ ހަދަން ނިންމާފައިވާ އެހެން ސޯޝަލް ކޮމެޑީއަކަށް ތައްޔާރުވަނުންނެވެ. އޭގެ ސްކްރިޕްޓްގެ މަސައްކަތް ކުރިއަށްދާ އިރު، ފިލްމުގެ ޝޫޓިން ފަށާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ތެރޭގަ އެވެ. ހިރާނީގެ މި ފިލްމުވެގެން ދާނީ އޭނާއާ އެކު ޝާހްރުކް މަސައްކަތްކުރާ ފުރަތަމަ ފަހަރަށެވެ. އެކަމަކު ފާހަގަކޮށްލެވޭ ކަމަކީ ސަންޖޭ އަށް މުންނާގެ ރޯލް ކުޅެން ލިބުނީ ޝާހްރުކް "މުންނާބާއީ އެމްބީބީއެސް" ދޫކޮށްލުމުން ކަމެވެ.

ރިޕޯޓްތައް ބުނާގޮތުން އާންމުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި މުންނާ އާއި ސަރުކެޓްގެ ކެރެކްޓާ ހިމަނައިގެން "މުންނާބާއީ" ގެ ރިބޫޓް ވާޝަނެއް ގެނެސްދޭން ހިރާނީ ނިންމީ އެ ސީރީޒްގެ ފިލްމުތަކުގެ ރައިޓްސް އޮތީ ޕްރޮޑިއުސަރު ވިދޫ ވިނޯދް ޗޯޕްޅާގެ އަތުގައި ކަމަށްވުމުންނެވެ. ދެހާސް އަށާރަ ވަނަ އަހަރުގެ ތެރޭގައި ހިރާނީގެ މައްޗަށް ކުރެވުނު ޖިންސީ ގޯނާގެ ތުހުމަތާ އެކު، ވިދޫ އާއި ހިރާނީގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ހިރާނީ މިހާތަނަށް ޑައިރެކްޓްކޮށް ގެނެސްދިން ހުރިހާ ފިލްމުތަކަކީ ވެސް ވިދޫއާ ގެނެސްދިން ފިލްމުތަކެކެވެ. އޭގެ ތެރޭގައި "މުންނާބާއީ" ގެ ދެ ފިލްމާއި "3 އިޑިޓްސް" އާއި "ޕީކޭ" އަދި "ސަންޖޫ" ހިމެނެ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި "މުންނާބާއީ" ގެ ރިބޫޓްގެ މަސައްކަތް ހިރާނީ ފަށާނީ، ޝާކްރުކާ އެކީ ހަދަން ތައްޔާރުވާ ފިލްމު ނިންމައިލުމަށް ފަހު އެވެ. އެގޮތުން މުންނާގެ ރޯލް ޝާހްރުކް ކުޅޭ އިރު، ސަރުކެޓްގެ ރޯލުން ފެނިގެން ދާނީ ވަރުން ދަވަން ކަމަށްވެ އެވެ. މި ދެ ތަރިން ކުރިން ވެސް އެކީގައި މަސައްކަތްކޮށްފައިވެ އެވެ. އެއީ 2015 ގެ "ދިލްވާލޭ" ގަ އެވެ.

ބެލެވޭ ގޮތުން 2018 ގެ ފްލޮޕް ފިލްމު "ޒީރޯ" އަށް ފަހު އެކްޓިންއާ ދުރުގައި ހުރި ޝާހްރުކް އެނބުރި އެކްޓިން އަށް އަންނާނީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް ސިދާތު އާނަންދު ޑައިރެކްޓްކުރާ "ޕަތާން" އިންނެވެ. ނޮވެމްބަރު މަހުގެ ތެރޭގައި ޝޫޓިން ފަށާނެ ކަމަށް ބުނާ އެ ފިލްމުގައި ކާސްޓްގައި ދީޕިކާ ޕަދްކޯނާއި ޖޯން އަބްރަމް ވެސް ހިމެނޭ ކަމަށްވެ އެވެ. "ޕަތާން" ރަސްމީކޮށް އިއުލާންކުރާނެ ކަމަށް ބެލެވެނީ މި މަހުގެ 27 ގަ އެވެ.