Roadha Mihaaru
"ޓެނެޓް" ބަލާފައި ޓްވިންކަލްގެ ތައުރީފު މަންމަ އަށް

"ޓެނެޓް" ބަލާފައި ޓްވިންކަލްގެ ތައުރީފު މަންމަ ޑިމްޕަލް އަށް

05 ސެޕްޓެމްބަރ 2020

ޑައިރެކްޓަރު ކްރިސްޓޯފާ ނޯލަންގެ އާ ފިލްމު "ޓެނެޓް" އިނގިރޭސިވިލާތުގެ ސިނަމާއެއްގައި ބެލުމަށް ފަހު، އެ ފިލްމުގެ ރޯލެއް ކުޅުނު ބޮލީވުޑްގެ ބަތަލާ ޑިމްޕަލް ކަޕާޑިއާ އަށް ދަރިފުޅު ޓްވިންކަލް ކަންނާ ތައުރީފުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑައިރެކްޓަރު ކްރިސްޓޯފާ ނޯލަންގެ އާ ފިލްމު "ޓެނެޓް" އިނގިރޭސިވިލާތުގެ ސިނަމާއެއްގައި ބެލުމަށް ފަހު، އެ ފިލްމުގެ ރޯލެއް ކުޅުނު ބޮލީވުޑްގެ ބަތަލާ ޑިމްޕަލް ކަޕާޑިއާ އަށް ދަރިފުޅު ޓްވިންކަލް ކަންނާ ތައުރީފުކޮށްފި އެވެ.

ސިނަމާގައި ފިލްމު ބަލަން އިނދެ ނެގި ފޮޓޯއަކާ އެކު ސޯޝަލް މީޑިއާގައި ޓްވިންކަލް ބުނީ "ޓެނެޓް" ގެ އެއްވެސް ޕަބްލިސިޓީއެއް ބޭނުންނުވާ ކަމަށް މަންމަ ބުނެފައިވާ އިރު، ފިލްމުގައި އޭނާ ވަރަށް މޮޅު ކަމަށެވެ. އަދި ވެރައިޓީން ގެނެސްދިން އެ ފިލްމުގެ ރިިވިއު އަށް އިޝާރާތްކޮށް ޓްވިންކަލް ބުނީ "ޓެނެޓް" ގެ އެންމެ ޝައުގުވެރި އެއް ކެރެކްޓާ އަކީ ވެސް ޑިމްޕަލް ކުޅުނު ޕްރިޔާގެ ކެރެކްޓާ ކަމަށެވެ. އެ ރޯލަކީ ހަތިޔާރު ޓްރެފިކްކުރާ ނުފޫޒު ގަދަ މީހެއްގެ ރޯލެވެ.

ޖާސޫސީ ފިލްމެއްގެ ގޮތުގައި ގެނެސްދިން "ޓެނެޓް" ގެ ކާސްޓުންގެ ތެރޭގައި ރޮބަޓް ޕެޓިންސަން، ޖޯން ޑޭވިޑް ވޮޝިންޓަނާއި އެލިޒަބަތު ޑެބީކީ އާއި މައިކަލް ކެއިން އަދި ކެނެތު ބްރެނާ ފަދަ ތަރިން ހިމެނެ އެވެ.

ބޮލީވުޑްގެ އެތައް ފިލްމެއް ކުޅުނު ޑިމްޕަލްގެ ފުރަތަމަ ހޮލީވުޑް ފިލްމު ބަލާފައި ތައުރީފުކުރުމުގެ ދުވަސްކޮޅެއް ކުރިން ޓްވިންކަލް ވަނީ އެ ފިލްމު ޝޫޓްކުރި ދުވަސްވަރުގެ ވީޑިއޯއަކާ އެކު ވެސް މަންމަ އަށް އިންސްޓަގްރާމްގައި ތައުރީފުކޮށްފަ އެވެ. އެގޮތުން ޑިމްޕަލް އަކީ އިރުމައްޗާއި ހުޅަނގަށް ވެސް ފައްކާ ބަތަލާއެއް ކަމަށް ބުނެފައިވެ އެވެ.

ޑިމްޕަލް، 63، ގެ ކުރިއަށް އޮތް ހިންދީ ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދޭ ފެންޓަސީ/އެޑްވެންޗަ ފިލްމު "ބުރައްމަސްތުރާ" އެވެ. އޭގެ ކާސްޓުންގެ ތެރޭގައި އާލިއާ ބަޓް، ރަންބީރް ކަޕޫރް، އަމީތާބް ބައްޗަން އަދި ނާގުރްޖުނާ އަކިނޭނީ ހިމެނެ އެވެ. ޑިމްޕަލް އެންމެ ފަހުން ފެނިގެން ދިޔަ ހިންދީ ފިލްމަކީ މާޗްގައި ރިލީޒްކުރި "އަނގްރޭޒީ މީޑިއަމް" އެވެ.

ޓްވިންކަލް މި ވަގުތު ދަރިންނާ އެކު އިނގިރޭސިވިލާތުގައި ހުރީ ފިރިމީހާ އަކްޝޭ ކުމާރުގެ ފިލްމު "ބެލް ބޮޓަމް" ގެ ޝޫޓިން އެތަނުގައި ކުރިއަށްދާތީ އަކްޝޭއާ އެކު ގޮހެވެ.