Roadha Mihaaru
ޑިމްޕަލްގެ "ޓެނެޓް" އިންޑިއާގެ ސިނަމާތަކަށް

ޑިމްޕަލްގެ ހޮލީވުޑް ފިލްމު "ޓެނެޓް" އިންޑިއާގެ ސިނަމާތަކަށް

25 ނޮވެމްބަރ 2020

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ބޮޑު މުސީބާތުގެ ހާލަތު ރަނގަޅުވާން ފެށުމުން ހޮލީވުޑްގެ ސިނަމާތަކަށް އެންމެ ފުރަތަމަ ގެންނަ ފިލްމުގެ ގޮތުގައި، ކްރިސްޓޯފާ ނޯލަންގެ ފިލްމު "ޓެނެޓް" އަންނަ މަހު އިންޑިއާގެ ސިނަމާތަކުގައި އަޅުވަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ބޮޑު މުސީބާތުގެ ހާލަތު ރަނގަޅުވާން ފެށުމުން ހޮލީވުޑްގެ ސިނަމާތަކަށް އެންމެ ފުރަތަމަ ގެންނަ ފިލްމުގެ ގޮތުގައި، ކްރިސްޓޯފާ ނޯލަންގެ ފިލްމު "ޓެނެޓް" އަންނަ މަހު އިންޑިއާގެ ސިނަމާތަކުގައި އަޅުވަން ނިންމައިފި އެވެ.

އިނގިރޭސިވިލާތުގައި އޮގަސްޓް 26 ގައި އަދި އެމެރިކާގައި ސެޕްޓެމްބަރު 3 ގައި ރިލީޒްކުރި ފިލްމު އިންޑިއާގެ ސިނަމާތަކަށް އަންނަ މަހުގެ 4 ގައި ގެންނަން ނިންމާފައި މި ވަނީ ހާއްސަ ސަބަބަކާ ވެސް އެކީގަ އެވެ. އެއީ "ޓެނެޓް" ގެ ކާސްޓްގައި ބޮލީވުޑްގެ ބަތަލާ ޑިމްޕަލް ކަޕާޑިއާ ހިމެނުމެވެ.

މި ފިލްމު އިންޑިއާގައި ރިލީޒްކުރާތީ އެ ވާހަކަ ޑިމްޕަލް ވަނީ ވީޑިއޯ މެސެޖެކުން އޭނާގެ ދޮށީ ދަރިފުޅު އަދި އެކްޓަރު އަކްޝޭ ކުމާރުގެ އަންހެނުން ޓްވިންކަލް ކަންނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކޮށްފަ އެވެ. އޭގައި ޑިމްޕަލް ބުނީ "ޓެނެޓް" އިންޑިއާގެ ސިނަމާތަކަށް އައުމަކީ ބޮޑު އުފަލެއް ކަމަށާއި ބައިނަލްއަގްވާމީ ވަރުގަދަ ޑައިރެކްޓަރެއްގެ ފިލްމެއްގައި ހިއްސާވާން އޭނާ އަށް ފުރުސަތު ލިބުމަކީ ވެސް ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

މި ފިލްމު އިނގިރޭސިވިލާތުގައި ރިލީޒްކުރި ދުވަސްވަރަކީ އަކްޝޭ "ބެލް ބޮޓަމް" ގެ ޝޫޓިން އަށް އެ ގައުމުގައި ހުރި ދުވަސްވަރެވެ. އެ ދަތުރުގައި ޓްވިންކަލް ވެސް ބައިވެރިވި އިރު، އިނގިރޭސިވިލާތުގެ ސިނަމާއެއްގައި ފިލްމި ބެލި ވާހަކަ އޭނާ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އިންސްޓަގްރާމްގައި ވެސް ހިއްސާކުރި އެވެ.

އެކްޝަން ތުރިލާ/ސައިންސް ފިކްޝަން ފިލްމެއްގެ ގޮތުގައި ގެނެސްދިން "ޓެނެޓް" ގައި ޓްވިންކަލް ކުޅުނީ ހަތިޔާރު ޓްރެފިކްކުރާ ނުފޫޒު ގަދަ މީހެއްގެ ރޯލެވެ. އޭނާގެ ކެރެކްޓާގެ ނަމަކީ ޕްރިޔާ އެވެ.

"ޓެނެޓް" ލީޑް ކާސްޓްގައި ހިމެނެނީ ރޮބަޓް ޕެޓިންސަނާއި ޖޯން ޑޭވިޑް ވޮޝިންޓަނާއި އެލިޒަބަތު ޑެބީކީ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި ކެނެތު ބްރަނާ، މައިކަލް ކެއިން، މާޓިން ޑޮނޯވަން އަދި ފިއޮނާ ޑައުރިފް ހިމެނެ އެވެ.

ޖުމްލަ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ޓެނެޓް" އަށް މިހާތަނަށް ބޮކްސް އޮފީހުގައި ލިބިފައި ވަނީ 356.1 މިލިއަން ޑޮލަރު އެވެ.

މި ފިލްމު އިންޑިއާގެ ސިނަމާތަކުގައި އިނގިރޭސި، ހިންދީ، ތަމަޅަ އަދި ތެލެގޫ ބަހުން ދައްކާނެ އެވެ.