Roadha Mihaaru
ބޮބީގެ "ބަރުސާތު" އިން ހަނދާންތަކެއް

ބޮބީ ޑިއޯލްގެ ފުރަތަމަ ފިލްމު "ބަރުސާތު" އިން ހަނދާންތަކެއް

07 އޮކްޓޯބަރ 2020

ބޮބީ ޑިއޯލްގެ ފުރަތަމަ ފިލްމު "ބަރުސާތު" އަށް 25 އަހަރުވީ އެވެ. އެ ފިލްމުގެ އެންމެ ހާއްސަ ކަމަކަށްވީ ކުރީގެ މަޝްހޫރު އެކްޓަރު ދަރުމެންދުރާގެ ހަގު ފިރިހެން ދަރިފުޅު އަދި ސަނީ ޑިއޯލްގެ ކޮއްކޮ ބޮބީ އާއި ކުރީގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރާޖޭޝް ކަންނާ އާއި ޑިމްޕަލް ކަޕާޑިއާގެ ދޮށީ އަންހެން ދަރިފުޅު ޓްވިންކަލް ކަންނާ ބޮލީވުޑަށް ތައާރަފުކުރުމެވެ. ޓްވިންކަލް އަކީ މިހާރު އެކްޓަރު އަކްޝޭ ކުމާރުގެ އަންހެނުންނެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮބީ ޑިއޯލްގެ ފުރަތަމަ ފިލްމު "ބަރުސާތު" އަށް 25 އަހަރުވީ އެވެ. އެ ފިލްމުގެ އެންމެ ހާއްސަ ކަމަކަށްވީ ކުރީގެ މަޝްހޫރު އެކްޓަރު ދަރުމެންދުރާގެ ހަގު ފިރިހެން ދަރިފުޅު އަދި ސަނީ ޑިއޯލްގެ ކޮއްކޮ ބޮބީ އާއި ކުރީގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރާޖޭޝް ކަންނާ އާއި ޑިމްޕަލް ކަޕާޑިއާގެ ދޮށީ އަންހެން ދަރިފުޅު ޓްވިންކަލް ކަންނާ ބޮލީވުޑަށް ތައާރަފުކުރުމެވެ. ޓްވިންކަލް އަކީ މިހާރު އެކްޓަރު އަކްޝޭ ކުމާރުގެ އަންހެނުންނެވެ.

"ބަރުސާތު" ރިލީޒްކުރި ދުވަސްވަރު އެ ފިލްމު ވަރަށް މަޝްހޫރުވި އެވެ. އެންމެ ބޮޑު ސަބަބަކީ މަޝްހޫރު ތަރިންތަކެއްގެ ދަރިންތަކެއް ކުޅުނު ފިލްމަކަށްވުމެވެ. އަނެއް ސަބަބަކީ ރޮމޭންޓިކް އެކްޝަން ފިލްމެއްގެ ގޮތުގައި ގެނެސްދިން ފިލްމުގެ ލަވަތައް ވެސް މަޝްހޫރުވުމެވެ. މިހާރު ވެސް އެ ފިލްމުގެ ލަވަތަކަކީ އެކިއެކި ލަވަ ޝޯތަކުން އާންމުކޮށް އިވޭ ލަވަތެކެވެ.

"ބަރުސާތު" ގެ ހަނދާންތަކާ އެކު، އެ ރިލީޒްކުރިތާ 25 އަހަރު ފަހުން ބޮލީވުޑް ހަންގާމާ އަށް ބޮބީ ދިން އިންޓަވިއުއެއްގައި ބުނީ އެއީ ގިނަ ކައްތައްތަކެއް ހިނގި ފިލްމެއް ކަމަށެވެ. އެންމެ ބޮޑު ކަމަކީ ފިލްމުގެ ސްކްރީންޕްލޭ އަށް އަވަސްއަވަހަށް ބަދަލުތަކެއް އައުމެވެ. އެންމެ ފުރަތަމަ ސްކްރިޕްޓް ލިޔުނު އިރު، ބޮބީ ކުޅުނު ބާދަލްގެ ކެރެކްޓާ އަކީ އަސް ދުއްވާ ޒުވާނެކެވެ. އޭގެ ފަހުން އައި އައި ބަދަލުތަކުގެ ތެރޭގައި ދުވާ މީހަކަށް ކެރެކްޓާ ބަދަލުވުމާއި ޑްރަމަރަކަށް ބަދަލުވުމާއި ޖަގްލާއަކަށް ބަދަލުވުން ހިމެނެ އެވެ.

"ކޮންމެ ފަހަރަކު ވެސް ކެރެކްޓާ އަށް ގެންނަ ބަދަލާ އަކު އަހަރެން ޓްރޭނިން ފަށާފައި ވަނިކޮށް ނުވަތަ ޓްރޭނިން ފަށަން ތައްޔާރު ވަނިކޮށް ކެރެކްޓާ ބަދަލު ވަނީ. އެކަމަކު ވެސް އެކަން ވަރަށް ބޮޑު އެކްޒައިޓްމަންޓަކަށްވީ. ސަބަބަކީ ފުރަޔަތަމަ ފިލްމަށްވީމަ ވަރަށް ބޮޑު ޖޯޝަކާއި ފޯރިއެއްގައި ހުރީ،" ބޮބީ ބުންޏެވެ.

އޭނާ ބުނި ގޮތުގައި "ބަރުސާތު" އަށް ދެން އައި އެންމެ ބޮޑު ބަދަލަކީ ފިލްމުގެ ޝޫޓިންގެ 27 ދުވަހުގެ މަސައްކަތް ނިންމާލާފައި ވަނިކޮށް ޑައިރެކްޓަރު ޝޭކަރް ކަޕޫރަށް ފިލްމު ދޫކޮށްލަން ޖެހުމެވެ. ޝޭކަރަކީ "މިސްޓަ އިންޑިއާ" އާއި "މާސޫމް" ފަދަ ފިލްމުތައް ގެނެސްދީގެން އާންމުންގެ ސަމާލުކަން ހޯދި ޑައިރެކްޓަރެވެ. އެކަމަކު އޭނާ އަށް "ބަރުސާތު" ދޫކޮށްލަން މަޖުބޫރުވީ ހޮލީވުޑްގެ ޕްރޮޑަކްޝަން ހައުސްއަކުން ލިބުނު އޮފާއެއްގައި "ބަންޑިތު ކްއީން" ހަދަން ލިބުމެވެ. އެ ފިލްމަކީ 1994 ގައި ރިލީޒްކުރި ފިލްމެކެވެ.

"އެ އޮފާ ޝޭކަރަށް އައިމަ ބައްޕަ [ދަރުމެންދުރާ] ބުނި ޝޭކަރު އަމިއްލަ އަށް ގޮތެއް ނިންމާށޭ. ބޭނުމެއް ނޫނޭ ހޮލީވުޑުން އެހާ ބޮޑު މުހިއްމު އޮފާއެއް އައިމަ އެއަށް ހުރަސް އަޅާކަށް. އެއީ ވަރަށް މަދުން ނޫނީ މީހަކަށް ނުލިބޭނެ ފުރުސަތެކޭ،" ބޮބީ ބުންޏެވެ. "އެހެންވީމާ އެންމެން ވާހަކަ ދައްކާފައި އެ ފުރުސަތުގެ ބޭނުން ހިފައި ޝޭކަރް ބަރުސާތު ދޫކޮށްލައި ބަންޑިތު ކްއީން ހަދަން ހަވާލުވީ."

އެހެންވެ "ބަރުސާތު" ބެލުންތެރިންނަށް ގެނެސްދިނީ ޑައިރެކްޓަރު ރާޖްކުމާރު ސަންތޯޝީއާ އެކީގަ އެވެ. އޭނާ އަކީ އޭރު ބޮބީގެ ބޭބެ ސަނީގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ގާޔަލް (1990) އާއި ދާމިނީ (1993) ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.

ޝޭކަރް އަދި ބޮބީ.

ޝޭކަރް އަދި ބޮބީ.

ބޮބީ ބުނި ގޮތުގައި ސަންތޯޝީއާ އެކު މަސައްކަތްކުރުން ވެސް ވެގެން ދިޔައީ ވަރަށް ޝައުގުވެރި އުފާވެރި ތަޖުރިބާއަކަށެވެ. އެއީ ސަނީއާ އެކު އޭނާ ގެނެސްދިން ފިލްމުތަކުގެ ގިނަ ޑައިލޮގްތަކަކީ އާންމުންގެ ތެރޭގައި ވަރަށް މަގުބޫލުވެފައި ހުރި އެއްޗިއްސަށްވުމުން "ބަރުސާތު" އިން ވެސް އެފަދަ ޖާދޫއެއް ގެނެވޭނެ ކަމަށް ގަބޫލުކުރުމެވެ. ކަން ވީ ވެސް އެހެންނެވެ.

"އެއާއެކު ފާހަގަކޮށްލަން ޖެހެނީ ފިލްމު ހެދީ އަނެއްކާ ސަންތޯޝީ ވެސް ސްކްރިޕްޓަށް ބަދަލުތަކެއް ގެނެސްގެންކަން،" ބޮބީ ބުންޏެވެ.

"ބަރުސާތު" ގެ މައިގަނޑު ޕްލޮޓަކީ އާންމުކޮށް ބޮލީވުޑްގެ ފިލްމުތަކުން ކިޔައިދޭ ޓިޕިކަލް ވާހަކައެކެވެ. އެއީ އާދައިގެ އާއިލާއެއްގެ ޒުވާނަކު މުއްސަނދި އާއިލާއެއްގެ އަންހެން ކުއްޖަކާ ލޯބީގެ ގޮތުން ގުޅުމުން އެ މީހުންނަށް އާއިލާ އިން ކުރިމަތިވާ ހުރަސްތަކާ އެކު ވެސް، އެންމެ ފަހުން އެ ގުޅުން ކާމިޔާބުވެގެންދާ ގޮތެވެ.

ބޮބީ ކިޔައިދިން ގޮތުގައި އޭނާގެ އަލަތު ފިލްމު ބެލުންތެރިންނަށް ގެނެސްދެވުނީ އެ ފިލްމަށް މަސައްކަތްކުރާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުންނެވެ. އެގޮތުން ފިލްމު ލަސްވާން ދިމާވި ކަންކަން ދިމާނުވި ނަމަ އެ ފިލްމަކީ 1993 ގައި ރިލީޒްވާނެ ފިލްމެއް ކަމަށް ބުންޏެވެ.

ބޮބީ "ބަރުސާތު" އިން އާކުރާ އެއް ހަނދާނަކީ ފިލްމުގައި އޭނަ ބޭނުންކުރި ދަނބު ކުލައިގެ ލެންސް ހުންނަ އަވިއައިނެވެ.

"ފިލްމު ރިލީޒްކުރި ދުވަސްވަރު އެވީ ވަރަށް ވައިގައި ހިފި ޓްރެންޑަކަށްވީ." މިހާރު ބޮޑެތި ދެ ކުދިން ވެސް ތިބި 51 އަހަރުގެ އެކްޓަރު ބުންޏެވެ.

"ބަރުސާތު" އަށް ފަހު ބޮބީވެގެން ދިޔައީ 90 އާއި 2000 ގެ އަހަރުުތަކުގެ ކުރީކޮޅާ ހަމައަށް ބޮލީވުޑްގައި ވަރަށް ކާމިޔާބު އެކްޓަރަކަށެވެ. ނަމަވެސް މި ފަހުން އޭނާ ފިލްމުތަކުން ފެންނަނީ ވަރަށް މަދުންނެވެ. ސަބަބަކަށް ބުނަނީ ކުޅޭނެ ރަނގަޅު ފިލްމުތަކެއް މިހާރު ނުލިބުމެވެ. ބޮބީ އެންމެ ފަހުން ފެނިފައި ވަނީ ނެޓްފްލިކްސް އިން އޮގަސްޓް މަހު ރިލީޒްކުރި "ކްލާސް އޮފް 83" އިންނެވެ.

ބޮބީއާ އެކު "ބަރުސާތު" އިން ތައާރަފުވި ބަތަލާ ޓްވިންކަލް، 46، އަކީ މާ ގިނަ ދުވަސްތަކެއް ނުވެ ފިލްމު ކުޅުން ހުއްޓާލި ބަތަލާއެކެވެ. އަކްޝޭއާ 2001 ގައި ކައިވެނިކޮށް މިހާރު ދެ ދަރިން ވެސް އޭނާގެ އެބަތިއްބެވެ.