Roadha Mihaaru
ޓްވިންކަލް އަށް ރާޖޭޝް ކަންނާ މަރެއް ނުވޭ!

ޓްވިންކަލް އަށް ބައްޕަ ރާޖޭޝް ކަންނާ މަރެއް ނުވޭ!

20 ޖުލައި 2021

ކުރީގެ މަޝްހޫރު ފިލްމީ ތަރި ރާޖޭޝް ކަންނާ އަދިވެސް ދިރިއެބަހުރި ކަމަށާއި އޭގެ ހެއްކަކީ އޭނާ އާއި ދޮށީ ފިރިހެން ދަރިފުޅު ކަމަށް ބަތަލާ ޓްވިންކަލް ކަންނާ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރީގެ މަޝްހޫރު ފިލްމީ ތަރި ރާޖޭޝް ކަންނާ އަދިވެސް ދިރިއެބަހުރި ކަމަށާއި އޭގެ ހެއްކަކީ އޭނާ އާއި ދޮށީ ފިރިހެން ދަރިފުޅު ކަމަށް ބަތަލާ ޓްވިންކަލް ކަންނާ ބުނެފި އެވެ.

ބައްޕަ އަދި ހިންދީ ސިނަމާގެ ފުރަތަމަ ސުޕަސްޓާރު މަރުވިތާ ނުވަ އަހަރުވުމާ ގުޅިގެން ހަނދާންތައް އާކުރަން އާދީއްތަ ދުވަހު އިންސްޓަގްރާމްގައި އާންމުކުރި، ރާޖޭޝް ކަންނާގެ ވީޑިއޯއެއްގެ ކެޕްޝަނުގައި ޓްވިންކަލް ބުނީ އޭނާ އަށް ލިބިފައި ވަނީ ބައްޕަގެ ލޯ ކަމަށާއި ދަރިފުޅު އާރަވްގެ ހިނިވުންވުމަކީ ބައްޕަގެ ހިނިވުންވުން ކަމަށެވެ.

"އަދި އެތައް ބައެއްގެ ހިތުގައި ވެސް ވަނީ ބައްޕަގެ ހަނދާންތަކުގެ އެތިކޮޅުތައް ރައްކާކުރެވިފައި. އެހެންވެ ބައްޕަ އަދިވެސް ދިރިއެބަހުރި،" ޓްވިންކަލް ބުންޏެވެ.

އަކްޝޭ ކުމާރުގެ އަނބިމީހާ ޓްވިންކަލް އަކީ ރާޖޭޝް ކަންނާ އާއި ޑިމްޕަލް ކަޕާޑިއާ އަށް ލިބުނު ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. ހަގަށް ހުންނަނީ ދައްތަ ފަދައިން ކުރިން ފިލްމު ކުޅެ، މިހާރު އެކަމާ ދުރުވެފައިވާ ރިންކީ ކަންނާ އެވެ.

ހިންދީ ސިނަމާ އަށް އަބަދަށްފެހި އެތައް ފިލްމެއް ދޫކޮށްފައިވާ ރާޖޭޝް ކަންނާ މަރުވީ ޖުލައި 18، 2012 ގަ އެވެ. އޭނާ އާއި ޑިމްޕަލް ކައިވެނިކުރީ ޑިމްޕަލްގެ އުމުރުން އެންމެ 16 އަހަރުގަ އެވެ. އެއީ ޑިމްޕަލްގެ އަލަތު ފިލްމު "ބޮބީ" ވެސް ނުކުތް އަހަރެވެ.

އެ ކައިވެނިކުރި އިރު ރާޖޭޝްގެ އުމުރަކީ 31 އެވެ.

ރާޖޭޝް އަކީ ހިންދީ ސިނަމާ އިން މިހާތަނަށް ފެނުނު އެންމެ ކާމިޔާބު އެކްޓަރުންގެ ތެރެއިން އެކެކެވެ. އަދި އޭނާ އަކީ ކޮންމެ ވައްތަރެއްގެ ރޯލެއް ވެސް ވަރަށް ފުރިހަމަ ގެނެސްދިން އެކްޓަރެކެވެ.

ފިލްމީ ތަރިއަކާ ހެދި ފޭނުންތަކެއް މޮޔަވި ނަމަ އެ މީހަކީ ރާޖޭޝް ކަންނާ އެވެ. އެހާ ވެސް އޭނާގެ ނުފޫޒު ގަދަވި އެވެ.