Roadha Mihaaru
ޓްވިންކަލް އަށް މަންމަގެ ކެއުމެއް 46 އަހަރު ފަހުން

މަންމަ ކެއްކި އެއްޗެއް ޓްވިންކަލް އަށް ލިބުނީ 46 އަހަރު ފަހުން

31 މެއި 2020

ކުރީގެ ބަތަލާ އަދި އަކްޝޭ ކުމާރުގެ އަންހެނުން ޓްވިންކަލް ކަންނާ އަކީ އަބަދު ވެސް މީހުންގެ ސަމާލުކަން ލިބޭ ޒާތުގެ ވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާކުރާ މީހެކެވެ. ފަހަރުގައި އެއީ ފިލްމު ކުޅުން ހުއްޓާލައި މިހާރު ލިޔުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރާތީ ވާ ގޮތެއް ކަމަށް ވެސް ވެދާނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރީގެ ބަތަލާ އަދި އަކްޝޭ ކުމާރުގެ އަންހެނުން ޓްވިންކަލް ކަންނާ އަކީ އަބަދު ވެސް މީހުންގެ ސަމާލުކަން ލިބޭ ޒާތުގެ ވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާކުރާ މީހެކެވެ. ފަހަރުގައި އެއީ ފިލްމު ކުޅުން ހުއްޓާލައި މިހާރު ލިޔުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރާތީ ވާ ގޮތެއް ކަމަށް ވެސް ވެދާނެ އެވެ.

ހުކުރު ދުވަހު ޓްވިންކަލް ފޭސްބުކާއި އިންސްޓަގްރާމާއި ޓްވިޓާގައި އާންމުކުރި ޕޯސްޓެއްގައި ފެންނަނީ ފްރައިޑް ރައިސް ތައްޓެކެވެ. އެ ފޮޓޯއާ އެކު އޭނާ ބުނީ މަންމަގެ އަތުން ކެއްކި ފްރައިޑް ރައިސް އެއް ކާން މި ލިބުނީ 46 އަހަރު ފަހުން ކަމަށާއި މި ނަސީބު ލިބުނީ ދިގުދެމިގެންދާ ލޮކްޑައުނަކާ ހެދި ކަމަށެވެ. މާނަ އަކީ މަންމަ ކެއްކި އެއްޗެއް ޓްވިންކަލް އަށް ކާން ލިބުނީ އުމުރުން 46 އަހަރުގައި ކަމަށް ވުމެވެ.

"މިހާރު އެނގިއްޖެ މީސްމީހުން މަންމައިން ކައްކާ އެއްޗެހީގެ ވާހަކަ ދައްކާ ސަބަބު." ޓްވިންކަލް ބުންޏެވެ.

މި ޕޯސްޓާ އެކު ވަރަށް ގިނަ މީހުން އެކި ޝުއޫރުތައް ފާޅުކޮށްފައިވެ އެވެ. ގިނަ ބަޔަކު ބުނީ ޓްވިންކަލް ވަރަށް ނަސީބު ގަދަ ކަމަށާއި ހަމަ ހަގީގަތުގައި ވެސް މަންމަގެ އަތުން ކައްކާ އެއްޗެހި އެހެން އެއްވެސް މީހަކު ކައްކާ އެއްޗަކާ އަޅައިނުކިޔޭނެ ކަމަށެވެ.

ބައެއް މީހުން ބުނި ގޮތުގައި ހިންދީ ސިނަމާގެ ޑީވާއެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ އަންހެނަކު ކައްކާ އެއްޗެއް ކާލަން ލިބުމަކީ ވެސް އާދައިގެ ކަމަކަށް ނުވާނެ އެވެ. އަދި ފޮޓޯ އިން ފެންނަ ފެނުމަށް ބަލާ އިރު ޑިމްޕަލް ކެއްކި ފްރައިޑް ރައީސް ވަރަށް މީރުވާނެހެން ހީވާ ކަމަށް ބައެއް މީހުން ބުންޏެވެ.

ޑިންޕަލް އަކީ ހިންދީ ސިނަމާގެ އައިކޮނިކް ފިލްމެއް ކަމަށްވާ 1973 ގެ "ބޮބީ" އިން ބޮލީވުޑަށް ނުކިތް ބަތަލާއެކެވެ. އުމުރުން މިހާރު 62 އަހަރުގެ ބަތަލާގެ އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ މިދިޔަ މަހު ރިލީޒްކުރި "އަނގްރޭޒީ މީޑިއަމް" އިންނެވެ. ޑިމްޕަލްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ހޮލީވުޑްގެ ޑައިރެކްޓަރު ކްރިސްޓޯފާ ނޯލަންގެ "ޓެނެޓް" އާއި އަޔާން މުކަރްޖީ ބުރައްމަސްތުރާ" ހިމެނެ އެވެ.

ޑިމްޕަލް އާއި ކުރީގެ އެކްޓަރު ރާޖޭޝް ކަންނާގެ ކައިވެންޏަށް ލިބިފައި ވަނީ ދެ އަންހެން ކުދިންނެވެ. އެއީ ދޮށްޓަށް ހުރި ޓްވިންކަލް އާއި ރިންކީ ކަންނާ، 42 އެވެ. ޑިމްޕަލް އަކީ މިހާރު ހަތަރު ކުއްޖެއްގެ މާމައެކެވެ.